ދުނިޔެ

އިނގިރޭސި އާ ހެލްތު މިނިސްޓަރަކީ ސާޖިދު ޖާވިދު

އިނގިރޭސި ހެލްތު ސެކްރެޓަރީގެ މަގާމުން މެޓް ހެންކޮކް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޮޑުވަޒީރު ބޮރިސް ޖޯންސަން، ސާޖިދު ޖާވިދަށް އެ މަގާމު ހަވާލު ކުރައްވައިފި އެވެ. ސާޖިދު ޖާވިދުއަކީ އިނގިރޭސި ސަރުކާރުތަކުގައި ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރެކެވެ.

ސާޖިދު ޖާވިދު ވަނީ ހޯމް ސެކްރެޓީރީ ކަމާއި ފައިނޭންސް ސެކްރެޓަރީކަން އަދާ ކުރައްވާފަ އެވެ. އެކުގައި މަސައްކަތް ކުރެއްވި ބޮޑުވަޒީރުންގެ ތެރޭގައި ޑޭވިޑް ކެމަރަން އަދި ތެރެސާ މޭ ވެސް ހިމެނި ވަޑައިގަންނަވަ އެވެ.

އިނގިރޭސި ނޫސްތަކުން ބުނާ ގޮތުން ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ހެލްތު އެންޑް ސޯޝަލް ކެއާގެ މަގާމަށް ސާޖިދު ޖާވިދު އައްޔަންކު ރެއްވުމާ މެދު ރާނީ އިންނެވީ ވަރަށް ރުހިވަޑައިގެންނެވެ. ސާޖިދުގެ ނަން ބޮޑުވަޒީރުގެ ފަރާތްޕުޅުން ރާނީއަށް ހުށަހެޅުމާއެކު ލަހެއްފަހެއްވެ ވަޑައިނުގެން ރުހުން ދެއްވި ކަމަށް ނޫސްތަކުން ރިޕޯޓްކުރެ އެވެ.

އިނގިރޭސި ހެލްތު ސެކްރެޓަރީގެ މަގާމުގައި ކުރިން ހުންނެވި މެޓް ހެންކޮކް ވަނީ ޒާތީ ހަޔާތުގެ ނުކިއްސަރުކަމާ ހެދި އިސްތިއުފާ ދެއްވާފަ އެވެ. ހެންކޮކް އިސްތިއުފާ ދެއްވީ އަންހެން އެހީތެރިއަކާއެކު މިނިސްޓަރުގެ އޮފީހުގައި ކައިވެނިން ބޭރު ގުޅުމެއް ހިންގައި ފަލީހަތް ވުމާ ގުޅިގެނެވެ.