ދުނިޔެ

70 އަހަރަށް ފަހު ޗާލްސް ތިނަކަށް އިނގިރޭސި ތަޚުތު

އިނގިރޭސި ތަޚުތުގެ އިންތިޒާރުގައި ޗާލްސް، 70 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވުމަށް ފަހު މިއަދު ރަސްމީ ޝަރަފުގައި ރަސްކަމުގެ ދާނުގައި އިށީނދެ ވަޑައިގަންނަވާނެ އެވެ.

އިނގިރޭސިވިލާތް ރަނިކަމަކުން ރަސްކަމަކަށް މި ބަދަލުވަނީ ޗާލްސް ތިނެއްގެ މަންމަ ކުއީން އެލިޒަބަތު ދެވަނަ ސެޕްޓެމްބަރު އަށެއް، 2022 ގައި އަވަހާރަވުމާ ގުޅިގެންނެވެ. އެ ކަމަނާ އިނގިރޭސި ތަޚުތުގައި 70 އަހަރު ވަނީ ހޭދަކުރައްވާފަ އެވެ. އިނގިރޭސި ތާރީޚުގައި ވެސް އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރައްވާފައި ވަނީ އެލިޒަބަތު ދޭކެވެ.

އެލިޒަބަތު ދެވަނަ އިނގިރޭސި ތަޚުތަށް ވެޑުވުނީ އުމުރުން 25 އަހަރުގައި 1953 ގައެވެ.

ޗާލްސް ތަޚުތަށް ވެޑުވުމަށް ޓަކައި އިނގިރޭސިވިލާތުންނާއި ގައުމުން ބޭރުން އެތައް މިލިއަން މީހުން އެއްވާނެ އެވެ. އަދި މި ރަސްމިއްޔާތު އެކި ވަސީލަތްތަކުން އެއަށް ވުރެ ގިނަ މީހުން ބަލާނެ އެވެ.

މި ރަސްމިއްޔާތަށް ޓަކައި އިނގިރޭސި ގަނޑުވަރު ބަކިންގްހަމް ޕެލަސްގެ ބޭރުގައި ޓެންޓްޖަހައިގެން މީހުން އިންތިޒާރުކުރާތާ ހަފުތާތަކެއް ވަނީ ވެފަ އެވެ.

ޗާލްސް ތިނެއް ތަޚުތަށް ވެޑުވުމާ އެކު ކޮމަންވެލްތުގެ 14 ގައުމެއްގެ މައްޗަށް އަމުރު ހިނގާ ވެރިޔާ ކަމަށް ވެސް ވާނެ އެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، ކެނެޑާ އަދި ނިއުޒިލަންޑް ހިމެނެ އެވެ.

އިނގިރޭސި ރަސްކަމަށް ޗާލްސް ވެޑުވޭ ރަސްމިއްޔާތު ފެށުން އޮންނަނީ ދިގުދެމިގެންދާ ދީނީ އަޅުކަމެއްގެ ތެރެއިންނެވެ.

ރަސްކަމުގެ ތާޖު ތުރުކުރެއްވުމަށް ޓަކައި ދިގުދެމިގެންދާ ރަސްމިއްޔާތަކީ ކޮންމެހެން މުހިންމު ހަފުލާއެއް ނޫނެވެ. އެހެން ނަމަވެސް އިނގިރޭސި ޝާހީ ގައިބަތާއި ޝަރަފަށްޓަކައި ހަފުލާ މުޅި ދުވަހަށް ދިގުދަންމާލަނީ އެވެ.

ޗާލްސް ތިނެއް ތަޚުތަށް ވެޑުވޭ ހަފުލާ މީގެ ކުރިން ބޭއްވުމު މިފަދަ ހަފުލާތަކަށް ވުރެ ކުރުވާނެ ކަމަށް ގަނޑުވަރުން ބުނެ އެވެ. އެހެން ނަމަވެސް، އާންމުންނަށް ދައްކާލުމަށް ޓަކައި މިފަދަ ހަފުލާތައް އޮންނަ ގޮތް ތަމްސީލުކުރެވިގެން ދާނެ އެވެ. އަދި ވަރަށް ގިނަ ބައެއްގެ ސަމާލުކަން މި ހަފުލާއަށް ލިބިގެންދާނެ އެވެ.

ރަމްޒީ އަޅުކަމަކުން ރަސްމިއްޔާތު ފެށުމަށް ފަހު ޗާލްސް ތިނަކާއި އަނބިކަނބަލުން ކެމީލާ ބަކިންގްހަމް ގަނޑުވަރުން ވެސްޓްމިންސްޓާ އަބޭއަށް ވަޑައިގަތުމަށް ތަތުރު ފައްޓާވާނެ އެވެ. ދުންމާރި އާއި ބަރުގޮނާއި ބޮޑުބެރުގެ އަޑުން މަގުތައް މި ދަތުރު ނިމެންދެން ދެމިއޮންނާނެ އެވެ.

މި ރަސްމިއްޔާތުގައި 2،000 އަށް ވުރެ ގިނަ މެހެމާނުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އޭގެ ތެރޭގައި 100 އަށް ވުރެ ގިނަ ގައުމެއްގެ ވެރިންނާއި އިތުރު 203 ގައުމެއްގެ އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.