ދުނިޔެ

ކުއީން އެލިޒަބަތު II: ރަނިކަން 100 އަހަރާ ގާތަށް

ކުއީން އެލިޒަބަތު II، އާންމު ނަމުން ނަމަ އިނގިރޭސި ރާނީ ގަރުނަކާ ގާތަށް ރަނިކަން ކުރެއްވި އެވެ. ތަޚުތުގައި 70 އަހަރު ހޭދަކުރެއްވި އެވެ.

އުމުރުފުޅުން 96 އަހަރުގައި ބުރާސްފަތި ދުވަހު އަވަހާރަވިއިރު އެކަމަނާއާ ބެހޭ ގޮތުން ތާރީޚީ ސަފުހާތަކުގައި ކަމުދާ ވާހަކަތަކާއި ކަމުނުދާ ވާހަކަތައް ވެސް ހުރީ ލިޔެވިފަ އެވެ.

އެލިޒަބަތު އުފަންވެ ވަޑައިތަކީ އޭޕްރީލް 21، 1926 ގައެވެ. އެ ކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް VI ފެބްރުއަރީ 6، 1952 ގައި އަވަހާރަވުމާ ގުޅިގެން ކުއީން އެލިޒަބަތަށް ރަނިކަން ވާރުތަވި އެވެ.

އިނގިރޭސި ތާރީޚުގައި ވެސް އެންމެ އުމުރުދިގު ރަނިކަމެއް ކުރެއްވީ ކުއީން އެލިޒަބަތު އެވެ. އެކަމަނާ ވަނީ އެކަމަނާގެ މުނި މުނި މާމަ، ކުއީން ވިކްޓޯރިއާ އަށް ވުރެ ވެސް ގިނަ ދުވަހު ރަނިކަން ކުރައްވާފަ އެވެ. ކުއީން ވިކްޓޯރިއާގެ ރަނިކަން 63 އަހަރަށް ވަނީ ދިގުދެމިގެން ގޮސްފަ އެވެ. އެހެންކަމުން އިނގިރޭސި ތަޚުތުގައި ފުރަތަމަ ޕްލެޓިނަމް ޖުބިލީ ފާހަގަކުރެއްވި ރާނީގެ ޝަރަފު ވެސް ލިބިވަޑައިގެންފައިވަނީ ކުއީން އެލިޒަބަތަށެވެ.

ރާނީއާ ބެހޭ ގޮތުން ބުނެވެނީ ޝާހީ ޚާންދާންގައި އަސްކަރިއްޔާގައި ވަޒީފާ އަދާކުރެއްވި ހަމައެކަނި ކަނބަލަކީ ވެސް އެކަމަނާ ކަމަށެވެ.

ދައުލަތުގެ ވެރިޔާގެ ގޮތުގައި ދުނިޔޭގެ ގައުމުތަކަށް އެންމެ ގިނައިން ދަތުރުކުރެއްވީ ވެސް އެލިޒަބަތު II އެވެ. ރާނީ 110 އަށް ވުރެ ގިނަ ގައުމަށް ޒިޔާރަތް ކުރެއްވި ކަމަށް ބުނެވެ އެވެ.

ރާނީ އެހާ ގިނަ ގައުމުތަކަށް ވަޑައިގެންނެވި ނަމަވެސް ދުވަހަކު ވެސް ޕާސްޕޯޓެއް ބޭނުމެއް ނުކުރައްވަ އެވެ. އެއީ އެކަމަނާ ޕާސްޕޯޓެއް ނުގެންޅުއްވާތީ އެވެ. އަނެއްކޮޅުން އިނގިރޭސިވިލާތުގައި ލައިސަންސް ނެތި ކާރު ދުއްވުމުގެ ހުއްދަ އޮންނަ ހަމައެކަނި ރައްޔިތަކީ ވެސް ކުއީން އެލިޒަބަތު II އެވެ.

ރާނީ އެލިޒަބަތު ޖަރުމަނަށް ކުރެއްވި ދަތުރު ތާރީޚުގައި ލިޔެވިފައި އޮތީ ބޮޑު ކަމެއް ގޮތުގަ އެވެ. އެއީ ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމުގެ ކުރިން ކުރެއްވި ދަތުރަކަށް ވާތީ ކަމަށް ބުނެވެ އެވެ.

އެލިޒަބަތު ވަނީ ކުރިއަރާފައިވާ ގައުމުތަކުން ފެށިގެން ދިވެހި ރާއްޖެ ކަހަލަ ކުދި ގައުމުތަކަށް ވެސް ދަތުރު ކުރައްވާފަ އެވެ. އިނގިރޭސި ކޮއިލްގެ އިއްޒަތް ދެމެހެއްޓުމަށް ދުނިޔޭގެ ވަރަށް ގިނަ ވެރިންނާ ބައްދަލުކުރައްވައި ވަނީ ސިޔާސަތު އިއްވަވާފަ އެވެ.

ރާނީ އަވަހާރަވުމާ ގުޅިގެން ބުނެވެނީ އިނގިރޭސިވިލާތުގެ ބިންގާ ގުޑީ ކަމަށެވެ. ރާނީގެ ވެރިކަމުގައި ގައުމު އޮތް ގޮތަށް ނޯވެދާނެ ކަމަށް މިހާރު ވެސް ވަނީ ބިރު ހީވެފަ އެވެ.

އިނގިރޭސި ސަރުކާރު ހިންގުމަށް އިސްވެ ހުންނަވާ ބޮޑުވަޒީރަކު ތަންފީޒު ކުރައްވާ ސިޔާސަތެއްގެ ސަބަބުން އާންމުންގެ މެދުގައި ސަރުކާރާ މެދު އަދި ޝާއީ ޚާންދާނާ މެދު ނަފުރަތު އުފެދޭ ގޮތް މެދުވެރިވެ އެވެ.

އިނގިރޭސިވިލާތުގައި ޝާހީ އާއިލާއަށް ޓެކްސް ފައިސާއިން ހޭދަކުރުން އެއީ ބޮޑު ކަމެއް ގޮތުގައި ރައްޔިތުން ފާހަގަކުރާތާ ޒަމާންތަކެއް ވަނީ ވެފަ އެވެ.

ބުނެވޭ ގޮތުގައި ރާނީއަށް ފަހު މިބިރުވެރިން އިނގިރޭސިވިލާތުގައި ބޮޑުވެގެން ދާނެ އެވެ. އަދި ގައުމު އިތުރަށް ކުރިއެރުވުމުގެ ފުރުސަތު އާންމުންގެ ތެރެއިން ބަޔަކު ހޯދާނެ އެވެ. އެކަމުގެ ތެރެއިން ރަސްކަމަށް އަސަރުކޮށްފާނެ އެވެ.