ދުނިޔެ

ޗާލްސް III: އިނގިރޭސިވިލާތަށް އާ ރަސްކަލެއް

ޕްރިންސް ޗާލްސް އަށް ދެން އެ ނަމަކުން މުޚާތަބު ނުކުރާނެ އެވެ. އެއީ މިހާރު އިނގިރޭސިވިލާތުގެ ރަސްގެފާނެ އެވެ. ޗާލްސް ރަސްގެފާން އެވެ. ނުވަތަ ޗާލްސް III އެވެ.

ޗާލްސް، 73، އަށް ރަސްކަން ލިބިވަޑައިގަތީ މަންމާފުޅު، ކުއީން އެލިޒަބަތު II އުމުރުފުޅުން 96 އަހަރުގައި އަވަހާރަވުމާ ގުޅިގެންނެވެ.

ޗާލްސް އުފަންވެ ވަޑައިގަތީ ނޮމެވްބަރު 14، 1948 ގައި ބަކިންހަމް ޕެލަސްގަ އެވެ. އެ މަނިކުފާނުގެ ފުރިހަމަ ނަންފުޅަކީ ޗާލްސް ފިލިޕް އާތާ ޖޯޖް އެވެ.

ޗާލްސް އަށް ރަސްކަން ލިބިވަޑައިގަތުމާ ގުޅިގެން އަނބިކަނބަލުން ކަމީލާއަށް ރާނީގެ ލަގަބު އެރުވޭނެ އެވެ. އެއީ ކައިވެނީގެ ސަބަބުން އެރުވޭ ލަގަބެކެވެ.

ޗާލްސް އަށް ފަހު -- ޗާލްސް އަވަހާރަވި ދުވަހަކުން, އިނިގިރޭސި ތަޚުތަށް ދެން އިސްކުރައްވާނީ ޗާލްސްގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްސް އެވެ.

ތަޚުތުގެ އިންތިޒާރުގައި ޗާލްސް ހުންނަވާތާ، އެ މަނިކުފާން ހޭވަރިވި ފަހުން ވީހާ ދުވަހެއް ވަނީ ވެފަ އެވެ. ރަސްކަމުގެ އިންތިޒާރުގައި އެންމެ ގިނަ ދުވަހު ހުންނެވީ ޗާލްސް ކަމަށް ވެސް ބުނެވެ އެވެ.

ޗާލްސް ރަސްކަމުގެ ޒިންމާ އުފުއްލެވުމަށް ތަމްރީން ދެއްވުމުގައި އިނގިރޭސި ކޮއިލުން ޕްރޮގްރާމްތަކެއް ވެސް ހިންގެވި އެވެ. އިނގިރޭސި ތާރީހާއި އަދަބާއި ސިޔާސަތުގެ ގޮތުން ދަމަހައްޓަވަން ޖެހޭ އުސޫލުތައް ޗާލްސްއަށް ވަނީ ޒުވާން އުމުރުފުޅުގައި އުނގަންނައި ދެއްވާފަ އެވެ.

ޗާލްސްގެ ފުރަތަމަ އަނބިކަނބަލުން، ޑަޔާނާ ސްޕެންސާއާ ކައިވެނި ބައްލަވައިގަތީ ޖުލައި 29، 1981 ގަ އެވެ. މި ކައިވެންޏަށް ދެ ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. ޕްރިންސް ވިލިއަމް ޖޫން 21، 1982 ގަ އެވެ. އަދި ޕްރިންސް ހެންރީ ސެޕްޓެމްބަަރު 15، 1984 ގަ އެވެ.

އިނގިރޭސިވިލާތުގައި ސަރުކާރު ހިންގަނީ ބޮޑުވަޒީރަކު އިސްވެ ހުންނަވައިގެންނެވެ. ރަސްގެފާނަކީ ސަރުކާރު ހިންގެވުމުގައި މާބޮޑު ދައުރެއް އޮންނަ ބޭފުޅެއް ނޫނެވެ.

އެހެން ނަމަވެސް، އިނގިރޭސި ދައުލަތުގެ ވެރިޔަކީ ރަސްގެފާނެވެ. ބޮޑުވަޒީރަކު އައްޔަންކުރުމުގައި ފެންނަ ނުފެންނަ ލަފާފުޅެއް އެރުވި ނަމަވެސް އާންމު އިންތިހާބަކުން ރައްޔިތުންނަށް ފެންނަ ގޮތް ރަނިކަމުގައި ނުވަތަ ރަސްކަމުގައި ހުންނަވާ ބޭފުޅަކު ގަބޫލުކުރައްވައި ރުހުން ދެއްވަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޗާލްސްގެ ރަސްކަމުގައި، ރާނީ އެލިޒަބަތު ފަދައެއް ނުވާނެ އެވެ. ދައުލަތް ބަލަހައްޓަވައި ބޭރު ގައުމުތަކާ އެކު ރާނީ ގެންގުޅުއްވި ހަރުދަނާ އުސޫލުތައް ޗާލްސްގެ ކިބައިން ނުފެނިދާނެ އެވެ.

ޗާލްސް އަކީ ރަސްކަމުގެ އިންތިޒާރުގައި މަންމާފުޅުގެ އަރިހުގައި އެހާ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާތީ ރަސްކަމުގެ ޒިންމާތައް އާނުވާނެ ކަމަށް ވެސް ބުނެވެ އެވެ.

ޝާހީ ގަނޑުވަރުގައި އިނގިރޭސި ދައުލަތް ބެލެހެއްޓުމަށް މަންމާފުޅު އޮފީސް ހިންގެވިގޮތް ޗާލްސްއަށް ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާނެ އެވެ.

ޗާލްސްއާ މެދު ބުނެވެނީ ކުއީން އެލިޒަބަތަށް ވުރެ ހިތްތިރި އަދި އޯގާތެރި ރަސްކަލަކަށް ވާނެ ކަމަށެވެ. ޗާލްސްގެ ކިބާގައި މިހާރު ވެސް އެ ސިފަ ހުންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިނގިރޭސި ވެރިކަން ވާރުތަވާ އުސޫލުން ޗާލްސްއަށް ރަސްކަން ލިބިފައި އޮތް ނަމަވެސް ރަސްމީ އިއްޒަތުގައި ޗާލްސް ރަސްކަމަށް ވެޑުވުން އޮންނާނެ އެވެ. މަންމާފުޅު އަވަހާރަވުމުގެ ހިތާމާގައި ކުލަގަދަ ހަފުލާތަކެއް އަދި ނުބޭއްވި ނަމަވެސް މަސްއޫލިއްޔަތުތަކާ ވަރަށް އަވަހަަށް ޗާލްސް ހަވާލުވެ ވަޑައިގަންނަވާނެ އެވެ.