ވިއެޓްނާމްގެ ހޯ ވަން ލޭންގް އަކީ ހަމަ ހަގީގަތުގައި ވެސް "ޓާޒަން" އެކެވެ. ނުވަތަ ޖަންގަލީގައި ޖަނަވާރުންނާއެކު ދިރިއުޅޭ އިންސާނެކެވެ. މިހާރު އުމުރުން 46 އަހަރު ފުރިފައިވާ މި މީހާއަކީ ވިއެޓްނާމް ހަނގުރާމަ ހިނގިއިރު ކުޑަކުޑަ ކުއްޖެކެވެ.
ހަނގުރާމައިގެ ތެރޭގައި އޭނާގެ ގެއަށް ބޮން އެޅުމުން އޭނާގެ މަންމަ އާއި ދައްތަ ވަނީ މަރުވެފަ އެވެ. މި ހާދިސާގައި ކުޑަ ކުޑަ ލޭންގް އަށް ވަރަށް އަސަރު ކުރި އެވެ. އަދި އޭނާ ޖަންގައްޔަށް ވަނީ ބޮން އަޅާ އަޑު އިވި އަދި އާއިލާގެ މީހުން އެ ހާދިސާގައި މަރުވުމުން ގަނތް ބިރުންނެވެ. އޭރުއްސުރެ އޭނާ އިންސާނުން އުޅޭ ހިސާބު ލޮލުން ވެސް ނުދެކެ އެވެ. ފާއިތުވީ 41 އަހަރު އޭނާ ހޭދަކުރީ ޖަނަވާރުތަކާއެކު ޖަންގަލީގަ އެވެ.
ލޭންގް އާއެކު ޖަންގައްޔަށް އޭނާގެ ބޭބެ އާއި ބައްޕަ ވެސް ވަނެވެ. ނަމަވެސް އެ ދެމީހުން 2015 އިން ފެށިގެން ދިރިއުޅެމުން ދަނީ ވިއެޓްނާމްގެ ކުޑަ އަވަށެއްގަ އެވެ. ނަމަވެސް ލޭންގް އެއް އެއްގޮތަކަށް ވެސް ޖަންގައްޔަކުން ނުނުކުމެ އެވެ.
އިނގިރޭސި ވިލާތުގެ "ދަ މިރާ" ނޫހުގައިވާ މި ރިޕޯޓަށް ވިއެޓްނާމްގެ ފޮޓޯގްރާފަރަކު ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އިންސާނަކު ލޮލުކޮޅުން ފެނުނަސް ލޭންގް މިހާރު ވެސް ޖަންގަޔަށް ވަދެ ފިލަ އެވެ.
ލޭންގް ބޮޑުވީ އޭނާގެ ބައްޕަ އާއި ބޭބެ ފިޔަވައި އިތުރު މީހަކު ނުފެނި ކަމުން އަންހެނުންނަކީ އުޅޭ ބައެއް ކަމެއް ވެސް ވަރަށް ފަހާ ޖެހެންދެން ލޭންގް އަކަށް ނޭނގެ އެވެ. ނަމަވެސް މިހާރު މަޑުމަޑުން ޖަންގައްޔަށް ވަދެ އޭނާ އާ މީހުން ބައްދަލު ކުރެ އެވެ. އަދި އޭނާ ޖަންގަލިން އަވަށު މީހުން ވެސް ތައާރަފް ކޮށްދީފައި ވެއެވެ.
"މިހާރު އޭނާއަށް އަންހެނުންނާއި ފިރިހެނުން ފެނުނީމަ ދެ ޖިންސު މީހުން ވަކި ކުރަން އެނގޭ. ނަމަވެސް އަދިވެސް ލޭންގް އަކަށް އަންހެނުންނާއި ފިރިހެނުންގެ ފަރަގު ދެނެގަންނާކަށް ނޭނގެ. އެމީހުން ތަފާތުވަނީ ކޮން ގޮތަކަށް ކަމެއް ވިސްނާކަށް ނޭނގޭ،" ފޮޓޮގްރާފަރު ބުންޏެވެ.
ލޭންގްގެ ބޭބެ އަދިވެސް ލޭންގް އަށް ގޮވަނީ "ފިރިހެނެއްގެ ހަށިގަނޑުގައިވާ ތުއްތު ބޭބީ އެކޭ" ކިޔާފަ އެވެ. އެހާވެސް ލޭންގް މައުސޫމެވެ. ދުނިޔޭގައި މީހުން ދިރިއުޅޭ ގޮތް އެއްގޮތަކަށް ވެސް އޭނާއަކަށް ނޭނގެ އެވެ.
"އުމުރުން 46 އަހަރު ވެފައި ހުއްޓަސް ލޭންގް އަކީ އަދި ހަމަ ކުޑަ ކުއްޖެއް. އޭނައަކަށް އެކައްޗެއް ވެސް ނޭނގޭ. ގިނަ މީހުންނަށް އެނގޭނެ ގޯސް ކަންތައްތަކާއި ރަނގަޅު ކަންތައް ވަކިކުރަން. އެވަރުވެސް ލޭންގް އަކަށް ނޭނގޭ،" ލޭންގްގެ ބޭބެ ބުންޏެވެ.