ގިނިސް ވޯލްޑް ރެކޯޑްގެ ވަރަށް އާދަޔާޚިލާފު މޮޅު ރެކޯޑް ވިއެޓްނާމްގެ އެއްބަނޑު އެއްބަފާ ދެބެން ހަދައިފި އެވެ. މި ރެކޯޑް ހެދީ ދޮށީ މީހާ އޭނާގެ ކޮއްކޮ ބޯމަތީގައި އެކޮޅުކޮޅުން ބަހައްޓައިގެން 53 ސިކުންތު ތެރޭ 100 ސިޑިން އަރައިގެންނެވެ. މި އެކްރޮބެޓިކް ސްޓަންޓް ފުރިހަމަ ކުރީ މި މަހުގެ 23 ވަނަ ދުވަހު ސްޕޭނުގެ ގިރޯނާގަ އެވެ.
ޗަރުކޭސްތަކުގައި ޕާފޯމްކުރާ މި ދެބެން ކަމަށްވާ ޖިއަންގް ކިއުޔޮކް ކޯ، 37، އާއި ޖިއަންގް ކިއުޔޮކް ނިއެޕް، 32، މި ފަހަރު މުގުރާލާފައި މިވަނީ އެ ދެބެން 2016 ގެ ޑިސެމްބަރުގައި ހެދި ރެކޯޑެވެ. މިފަހަރު ދެބެން 53 ސިކުންތުން 100 ސިޑިއަށް އެރިއިރު ކުރީ ފަހަރު އެރުނީ 52 ސިކުންތުން 90 ސިޑިއަށެވެ.
ރެކޯޑް ހެދުމަށްފަހު ދެބެން ބުނީ މިއީ ވަރަށް ތާރީޚީ ދުވަހެއް ކަމަށާއި އެމީހުން ފަދައިން އެމީހުންގެ މި ދަތުރު ކައިރިން ފެނިފައިވާ އެންމެން ވެސް މި ދުވަސް ހަނދާން ހުންނާނެ ކަމަށެވެ.
"މީގެ ދުވަސްކޮޅެއް ކުރިން އަހަރެމެން ތިބީ ވަރަށް ސްޓްރެސް ވެފަ. އެއީ ފިނި މޫސުމަށް ވެފައި ހެނދުނުއްސުރެ އިރު އޮއްސެންދެން އަހަރެމެން ޕްރެކްޓިސް ކުރަމުން ގެންދިޔައިމަ. މީގެ ފަސް އަހަރު ކުރިން އަހަރެމެން ހެދި ރެކޯޑް މިފަހަރު މުގުރާލެވުނީތީ އުފާ ކުރަން،" ދެބެންގެ ތެރެއިން ދޮށީ ބޭބެ ބުންޏެވެ.
ދެބެން މީގެ ފަސް އަހަރު ކުރިން 2016 ހެދި ރެކޯޑް 2018 ގައި ޕެރޫގެ ދެ އެކްރޮބެޓުން ކަމަށްވާ ޕަބްލޯ ނަނޭޓޯ ޕަންޑުރޯ އާއި ޖޮއެލް ޔައިކެޓް ސާވެޑްރާ މުގުރާލާފައި ވެއެވެ. އެމީހުން ރެކޯޑް ހެދީ 91 ސިޑިއަށް އަރައިގެންނެވެ.
މިފަހަރު ރެކޯޑް ހެދި ވިއެޓްނާމް ދެބެން މި ސްޓަންޓް ޕްރެކްޓިސް ކުރާތާ 15 އަހަރު ވެއްޖެ އެވެ. އެ މުއްދަތުގައި ގިނަ އަދަދެއްގެ އެކްސިޑެންޓް ހިނގައި އަނިޔާތައް ވެސް ދެބެންނަށް ލިބިފައި ވެއެވެ.
"ބައެއް ފަހަރު އަހަރެން ހިތަށް އަރާ ދެން އިތުރަށް މިކަމެއް ކުރިޔަކަށް ނުގެންދެވޭނޭ. ނަމަވެސް އަހަރެމެން އިތުރު ހިތްވަރު ލައިގެން ބިރާއި ނުރައްކަލާ ކުރިމަތިލާ ކުރި ހޯދަނީ. އިންސާނުން މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކުރެވިދާނެކަން އަހަރެމެން ސާބިތު ކޮށްދޭން ބޭނުންވީ،" ދެބެން ބުންޏެވެ.