ބޮލީވުޑް

ޝާހްރުކާއެކު ފިމް ކުޅެން ބޭނުންނުވާ ހަތަރު ބަތަލާ

ޝާހްރުކް ހާނަކީ ބޮލީވުޑްގެ ރޮމޭންސްގެ ރަސްގެފާނުގެ ގޮތުގައި އޭނާގެ ފޭނުން ސިފަ ކުރެ އެވެ. މިހާތަނަށް 80 އަށް ވުރެ ގިނަ ފިލްމު ކުޅެ 14 ފިލްމްފެއާ އެވޯޑު ހާސިލު ކޮށްފައިވާ ޝާހްރުކް އަކީ ހިންދީ ފިލްމު ބަލާ މީހުންނަށް އިތުރު ތައާރަފަކަށް ބޭނުންވާނެ އެކްޓަރެއް ނޫނެވެ.

ކެރިއަރުގެ ކުރީކޮޅު ކޮންމެވެސް ވަރަކަށް ފައިތިލަ ސާބިތު ކުރަން ބުރަ އުފުއްލަން ޝާހްރުކަށް ވެސް ޖެހުނު ނަމަވެސް ދާދި އަވަހަށް އޭނާ އަމިއްލަ ފައިމައްޗަށް ކޮއްޅަށް ތެދުވެ ހިންދެމިލި އެވެ. އެއަށްފަހު އޭނާއަށް ފަސް އެނބުރި ބަލާލާކަށް އެންމެ ފަހަރަކު ވެސް ނުޖެހެ އެވެ. ހަރުފަތަކަށް ފަހު ހަރުފަތެއް އޭނާ ދިޔައީ ކާމިޔާބީގެ މަގުގައި ގިރާކޮށް އާ އުސްމިން ތަކަކަށް ވާސިލު ވަމުންނެވެ.

ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އަދި އެންމެ ރޮމެންޓިކް އެއް އެކްޓަރާއެކު މަސައްކަތް ކުރަން ބޭނުން ނުވާތީ ކާކު ހެއްޔެވެ؟ ހަމަ އަލަށް ފިލްމު ކުޅެން ފަށާ ކޮންމެ އެކްޓަރަކު ވެސް އަދި ކުރިން ސުރެ ރަނގަޅު މަގާމަކަށް އާދެވިފައި ތިބި އެކްޓަރުން ވެސް ޝާހް ރުކް އާއެކު ފިލްމެއް ކުޅޭނެ ފުރުސަތަކަށް ތިބެނީ ބަލަބަލަ އެވެ. ނަތީޖާއެއްގެ ގޮތުން ބޮލިވުޑްގައި އެއިރަކު އެންމެ ވިދާލާ ހުރިހާ ބަތަލާއިންނާއެކު ހެން ޝާހްރުކް ވަނީ ފިލްމު ކުޅެފަ އެވެ.

ނަމަވެސް އޭނާ އާއެކު ފިލްމު ކުޅެން ބޭނުންނުވާ ބަތަލާއިން ވެސް މަދުން ނަމަވެސް އެބަތިއްބެވެ. ގަބޫލުކުރަން ދަތިވިޔަސް މިއީ ހަމަ ހަގީގަތެކެވެ. ޝާހްރުކް އާއެކު ފިލްމު ކުޅެން ބޭނުން ނޫން އެއް ބަތަލާއަކީ ކަންގަނާ ރަނާވަތެވެ. ކަންގަނާ ބުނާ ގޮތުގައި އެއްވެސް ޚާނަކާއެކު މަސައްކަތް ކުރާކަށް އޭނާ އިންތިޒާރެއް ނުކުރެ އެވެ. އެފަދަ ޝައުގެއް އޭނާގެ ނެތެވެ.

"އަހަންނަކީ ޝާހް ރުކް ސާގެ ވަރަށް ބޮޑު ފޭނެއް. އެހެން ނަމަވެސް އަހަރެމެން ދެ މީހުންގެ އެއް މަގަކުން ބައްދަލުވުމުގެ ފުރުސަތެއް އެއްގޮތަކަށް ވެސް ނެތް" ކަންގަނާގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ޝާހް ރުކް އާއެކު މަސައްކަތް ކުރަން ބޭނުންނުވާ އަނެއް ބަތަލާ އަކީ ސޯނަމް އެވެ. އަނިލް ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު ސޯނަމް ބޮލީވުޑަށް ނުކުތީ 2007 ގައި ރިލީޒްކުރި "ސާވަރިޔާ" އިން ރަންބީރު ކަޕޫރާ އެކުގަ އެވެ. ސޯނަމް ފިލްމު ކުޅޭތާ 14 އަހަރު ވީއިރު ވެސް އެންމެ ފިލްމެއް ވެސް ޝާހް ރުކް އާއެކު ނުކުޅެ އެވެ. ސޯނަމް ގަބޫލުކުރާ ގޮތުގައި އޭނާ އާއި ޝާހްރުކްގެ ކެމިސްޓްރީ އެހާ ރަނގަޅެއް ނޫނެވެ. އެ ދެ މީހުންގެ އުމުރުގެ ތަފާތު ބޮޑުކަމުން އެއްގޮތަކަށް ވެސް ޝާހްރުކް އާއި އޭނާ ލޯބީގެ ޖޯޑެއްގެ ގޮތުގައި ކަމުދާނެ ކަމަކަށް ސޯނަމް ނުދެކެ އެވެ.

އަމީޝާ ޕަޓޭލް ވެސް ގަބޫލު ކުރަނީ އޭނާ އާއި ޝާހް ރުކްގެ ކެމިސްޓްރީ ވެސް ނުގުޅޭ ކަމަށެވެ. އަމީޝާ ފިލްމު ކުޅޭތާ 20 ވަރަކަށް އަހަރުވީއިރު ވެސް ޝާހް ރުކް އާއެކު ފިލްމެއް ކުޅެފައެއް ނުވެ އެވެ. އޭނާއަށް ލިބުނު ފުރުސަތަށް ވެސް ބުނީ ނޫނެކޭ އެވެ.

ޝާހް ރުކް އާއެކު ފިލްމު ކުޅެން ހިތްހަމަނުޖެހޭ އަނެއް ބަތަލާ އަކީ ހެމާ މާލިނީ އެވެ. ޝާހް ރުކް ބޮލީވުޑަށް ނުކުތީ 1992 ގައި ރިލިޒްކުރި "ދީވާނާ" އިންނެވެ. އޭގެ ފަހުން ހެމާ ވަނީ ޝާހްރުކް ލީޑް ރޯލަށް ލައިގެން "ދިލް އަޝްނާ ހޭ" ޑައިރެކްޓް ކޮށްފަ އެވެ. ނަމަވެސް ޝާހްރުކް އާއެކު އެއްވެސް ފިލްމެއްގައި އެކްޓް ކުރާކަށް ހެމާ ބޭނުމެއް ނޫނެވެ. ޝާހް ރުކްގެ އެކްޓިން ހެމާ އަށް ކަމުނުދާތީ އެވެ. ހެމާ ބުނަނީ ޝާހް ރުކް ކުރަނީ އޯވަ އެކްޓިން ކަމަށެވެ.