ޖިންސީ ފުރައްސާރައިގެ ގިނަ ތުހުމަތުތަކަކާއެކު ބޮލީވުޑްގައި މިހާރު އޮތީ ވަރުގަދަ ހުޅުގަނޑެއް ރޯވެފަ އެވެ. އެކި ފަރާތްތަކުގެ މެދުގައި ނުތަނަވަސްކަން އުފެދި އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ދަނީ ފޮނުވަމުންނެވެ. ސޯނަމް ކަޕޫރް އަހޫޖާއާއި ކަންގަނާ ރަނާއުތުގެ ދެމެދުގައިވެސް މިހާރު ވަނީ ބަހުގެ ހަމަލާތަކެއް ހިނގައި ހުޅުގަނޑު ރޯވެފަ އެވެ.
ކަންގަނާ ވަނީ އޭނާގެ ފިލްމު "ކުއީން" ޑައިރެކްޓުކުރި ވިކާސް ބާލްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފަ އެވެ. ކަންގަނާ އެ ވާހަކަތައް ހިއްސާކުރީ އޭނާ އާންމުކުރި ބަޔާނެއްގައި އެވެ. އެ ވާހަކަތައް އޭނާ ދެއްކީ ވިކާސްގެ މައްޗަށް އެހެން އަންހެނަކު ވެސް އެ ތުހުމަތު ކޮށްފައިވަނިކޮށެވެ.
ވިކާސްގެ މައްޗަށް ކަންގަނާ ކުރި ތުހުމަތާއި ގުޅިގެން ވޯގް މެގަޒިންއިން ސޯނަމް އާއި ސުވާލުކުރުމުން އޭނާ ބުނީ، ކަންގަނާ ވަރަށް ގިނަ ވާހަކަތައް ދައްކާ ކަމަށާއި އޭނާގެ ވާހަކަތައް ގަބޫލުކުރަން ބައެއް ފަހަރު އުނދަގޫވާ ކަމަށެވެ.
"ކަންގަނާ ދައްކާ ވާހަކަތައް އެހާ ސީރިއަސްކޮށް ނަގަން އުނދަގޫވޭ ބައެއް ފަހަރު. އެކަމަކު އޭނާގެ ހިތްވަރާއި އަދި އޭނާ ގަބޫލުކުރާ އެއްޗެއް އެއްވެސް ކަހަލަ ޖެހިލުމެއް ނެތި ބުނާތީ އެކަމަށް އަހަރެން ވަރަށް އިހުތިރާމުކުރަން. އަހަންނަކަށް ނޭނގެ ވިކާސްއެއް އަދި އެ ދެމީހުންގެ މެދުގައި ވެގެން އުޅޭ ގޮތެއް ވެސް. ކަންގަނާ އެ ދައްކާ ވާހަކައަކީ ތެދަކަށް ވެއްޖެނަމަ އެއީ ވަރަށް ދެރަކަމެއް. އަދަބު ހައްގުވާ ފަރާތަށް އަދަބު ލިބެންޖެހޭނެ،" ސޯނަމް ބުންޏެވެ.
ސޯނަމް ދެއްކި ވާހަކަތަކާ މެދުގައި ހިތްހަމަނުޖެހިގެން ކަންގަނާ ނެރުނު ބަޔާނެއްގައި ބުނީ ސޯނަމްއަށް އޭނާގެ ވާހަކަ ގަބޫލުނުކުރެވެންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއް ދައްކަން ސޯނަމްއަކީ ކާކުތޯ ވެސް ކަންގަނާ ސުވާލުކުރި އެވެ.
"ވަކި އަންހެނެއްގެ ވާހަކަތައް ގަބޫލުކުރަން ސޯނަމްއަށް ހުއްދަ އޮންނަނީ. އަހަރެންގެ ދައުވާއާ މެދުގައި އޭނާ ސުވާލު އުފައްދަންވީ ސަބަބެއް ނުވިސްނޭ. އަހަންނަކީ ވަރަށް ސީދާކޮށް ވާހަކަ ދައްކާ މީހެއް. ދުނިޔޭގެ ފެންވަރުގެ ސަމިޓުތަކުގައި ވެސް އަހަރެންގެ ގައުމު ތަމްސީލުކޮށް ވާހަކަ ދައްކާފައި ހުންނާނީ. މީހުނަށް އަހަރެން އިނގެނީ އަހަރެންގެ ބައްޕަގެ ސަބަބަކުން ނޫން. އަހަރެން މިހާ ހިސާބަށް މި އައީ އަމިއްލަ ބުރަ މަސައްކަތުން،" ކަންގަނާ ބުންޏެވެ.
ކަންގަނާ ވަނީ ސޯނަމްއަށް ޒާތީ ހަމަލާގެ ބަސްތަކެއް ވެސް ފޮނުވާލާފަ އެވެ. ސޯނަމް މަޝްހޫރުވީ އޭނާއަށް މޮޅަށް އެކްޓުކުރަން އިނގިގެން ނޫން ކަމަށާއި އަދި ވާހަކަ ދެއްކުންތެރި ކަމަކީ ސޯނަމްގެ ނެތް ސިފައެއް ކަމަށް ވެސް ބުނެފައިވެ އެވެ.