ބޭރު ކުޅިވަރު

ބްރެތުވެއިޓަށް ސަލާމަތެއް ނެތް

ވޭލްސް އާއި ޑެންމާކު ބައްދަލު ކުރި މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި ގޯލެއް ޖެހި ނަމަވެސް ބްރެތުވެއިޓަށް ސަލާމަތެއް ނެތެވެ.

މިހާރު ކުރިއަށްދާ ޔޫރޯއަކީ ބްރެތުވެއިޓްގެ ކުޅުން އެންމެ ބޮޑަށް ފެނިގެންދާ މުބާރާތެވެ. ޑެންމާކު ޓީމުގައި ރަނގަޅު ކުޅުމެއް ދައްކައި އޭނާ ވަނީ މިހާތަނަށް އެއް ގޯލު ކާމިޔާބު ކޮށްފަ އެވެ. އަދި ގޯލު ޖެހުމަށް ރަނގަޅު ފުރުސަތު ތަކެއް ތަނަވަސް ކޮށްދީފަ އެވެ. ބާސެލޯނާގެ ޖާޒީ ނަންބަރު ނުވައެއްގައި މީހުންގެ ލޮލުގައި އަޅައިގަތުން ފިޔަވާ މާބޮޑު އެހެން ކަމެއް އޭނާއަށް ކުރިވިފައެއް ނެތެވެ. ނަމަވެސް މި މުބާރާތުގައި ޑެންމާކުގެ ޖާޒީ ނަންބަރު ނުވައެއްގެ އިތުރުން، ބްރެތުވެއިޓު ވަނީ އޭނާގެ ކުޅުން ދައްކާފަ އެވެ.

ފަހަރުގައި މިއީ ކުރިމަގަށް ރަނގަޅު ފާލެއް ކަމަށް ވެދާނެ އެވެ. ނަމަވެސް ފާއިތުވި ސީޒަންގައި 1،725 މިނެޓް ބާސެލޯނާއަށް ކުޅެދީ ހަތް ގޯލު ޖެހި އިރުވެސް އޭނާ ވަނީ ބޮޑެތި އެހެން ކުޅުންތެރިން ތަކެއްގެ ހިޔަނި ދަށުވެފަ އެވެ. ބާސެލޯނާގެ ތަރި މެސީ އާއި ގްރީޒްމެން ފަދަ ކުޅުންތެރިންގެ ކުރިމަތީގައި އޭނާއަށް މާބޮޑު ކުރިއެރުމެއް ހޯދިފައެއް ނެތެވެ.

ޔޫރޯ 2020 ގައި ކިތަންމެ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އަންނަ ސީޒަން ފަށައި، ބާސެލޯނާގައި އޭނާއަށް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމާއި މެދު ޝައްކެވެ. އަނެއް ކޮޅުން ޑެމްބެލޭ، ގްރީޒްމެން، ފާޓީ، ކުޓީނިއޯ، މެސީ އަދި އަލަށް ޓީމާއި ގުޅުނު އަގުއެރޯ އާއި ޑިޕާއީ ފަދަ ކުޅުންތެރިން ތިއްބާ އޭނައަށް ކުޅުމުގެ ފުރުސަތު ލިބޭނެތޯ މިއީވެސް އުފެދޭ ސުވާލެކެވެ.

ރޭގައި ބްރެތުވެއިޓު ޖެހި ގޯލާއި އެކުގައި އޭނާއަށް ހިތްވަރު ދިނިމުގެ ބަދަލުގައި ބެލުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ އޭނާއަށް މަލާމާތްކޮށް ފުރައްސާރަ ކުރި މަންޒަރެވެ. އެހެން ކަމުން މިހާރު އޭނާއަށް ވަނީ ދުނީޔޭގެ އެންމެ މޮޅު އެއް ކްލަބުގައި އިތުރަށް މަޑުކޮށް ކުރިއަށް ދާން ހަނގުރާމަ ކުރަންވީތޯ ނުވަތަ އޭނާގެ ނަސީބު ހުރިވަރެއް ބަލައި އެހެން ކްލަބަކަށް ބަދަލުވަންވީތޯ ނިންމަން ޖެހިފަ އެވެ.

ހަމަ ގައިމުވެސް ޔަގީން އެއް ކަމެއް އެބައޮތެވެ. ބާސެލޮނާގެ މިހާރު އޮތް ހާލަތަށް ބަލައި، އޭނާއަށް އެކުލަބުގައި ސަލާމަތެއް ނެތެވެ. އިދި ބާސެލޯނާގައި ހުރެގެން ސަޕޯޓަރުންގެ ރުހުން ލިބޭކަށްވެސް ނެތެވެ. ޔޫރޯގައި ކިތަންމެ މޮޅު ކުޅުމެއް ދެއްކި ނަމަވެސް ބާސެލޯނާގެ ފުރަތަމަ އެގާރައިން ޖާގަ ހޯދައި ރަނގަޅު ކުޅުމެއް ދައްކަން ފުރުސަތު ލިބުމަކީ މިހާރު ނާދިރު ކަމެކެވެ.