ކައިވެނީގެ ހަފުލާތަކުގައި ހިނގާ މަޖާ ކަންތައްތަކުގެ ވާހަކަ މިދުވަސްވަރު ވަރަށް ގިނައިން ސޯޝަލް މީޑިއާ އިން ފެނެ އެވެ. ސަބަބަކީ މި ދުވަސްވަރަކީ އިންޑިއާއަށް ކައިވެނީގެ މޫސުމަށް ވުމުން ކުރާ ކައިވެނިތައް ވެސް ގިނަ ވީމަ އެވެ. މިފަހަރު ވެސް މިއީ ހަމަ އެ ކަހަލަ ވާހަކަ އެކެވެ.
އިންޑިޔާގެ ޖޭޕޫރުގެ ސުކިންޑާ ކިޔާ ރަށެއްގައި ދިރިއުޅޭ ފިރިހެނަކު ކައިވެނި ކުރަން ހަމަޖެހިފައިވާ އަންހެންމީހާގެ ގެޔަށް ބޭންޑް ޕާޓީގައި ގޮސް ކައިވެނީގެ ރަސްމިއްޔާތުތައް ފަށަން ކުޑަތަން ވެފައި ވަނިކޮށް ފިރިހެންމީހާ ވަރަށް ރުޅިއަންނަ ކަމެއް ދިމާވި އެވެ.
ކައިވެނި ޕާޓީގައި ހުރި ކެއުންތަކުގެ ތެރޭގައި ކަންބަޅި މަހުގެ ރިހަ ނެތީ އެވެ. މިކަމާ އައި ރުޅިން ފިރިހެންމީހާ ވަނީ ކައިވެނި ނުކުރާނެ ކަމަށް ބުނެ އޭނާ އާއެކު ދިޔަ އެންމެން ގޮވައިގެން އެތަނުން ނުކުމެގެން ގޮސްފަ އެވެ.
އެންމެ މަޖާ ކަމަކީ އެ ފިރިހެންމީހާ އެނބުރި ގެއަށް ދިޔައީ އެހެން މީހަކާ ކައިވެނި ކޮށްގެން އެމީހާ ގޮވައިގެނެވެ. އެކަމަކު ހުރިހާ ކަމެއްގެ ފޫޅުކަނޑާލީ ކަންބަޅިމަހުގެ ރިހަ އަށެވެ.
އިންޑިޔާގެ ނޫހަކުން ބުނި ގޮތުގައި ރާމަކާންތު ޕަޓްރާ ނަމަކަށް ކިޔާ 27 އަހަރުގެ މި ފިރިހެންމީހާ މިދިޔަ ބުދަ ދުވަހު އޭނާގެ އާއިލާގެ މީހުންނާއި އެކުވެރިންނާއެކު ބޭންޑް ޕާޓީގައި ކައިވެނި ކުރަން ހަމަޖެހިފައިވާ އަންހެންމީހާގެ ގެޔަށް ދިޔަ އެވެ. އެ ވަގުތަކީ މެންދުރު ކާ ގަޑިކަމުން ކައިވެނި ކުރަން އަންނަ ފިރިހެންމީހާ އާއެކު އަންނަ އެންމެންނަށް އަންހެންމީހާގެ އާއިލާއިން ހުރީ މެންދުރުގެ ކެއުން ތައްޔާރު ކޮށްފަ އެވެ.
އެންމެން އައިސް ހަމަޖެހިލާ ކާން ފެށި އެވެ. އަދި ބައެއް މީހުން ކަންބަޅި މަހުގެ ރިހަ ނެތްތޯ ސުވާލު ކުރަން ފެށި އެވެ. އަންހެންމީހާގެ އާއިލައިން އެ ރިހަ ކައްކާފައި ނެތީމަ ފިރިހެންމީހާ ރުޅިގަދަވެ އެމީހުންނާ އަރާރުންވާން ފެށީ އެވެ. އަދި މި އަރާރުން ހޫނުވެ ފިރިހެންމީހާ ކައިވެންޏާ ދެކޮޅު ހަދައި އެ ތަނުން ނުކުތީ އެވެ. އޭނާއާއެކު އައި މީހުން ވެސް އޭނާ ފަހަތުން ނުކުމެގެން ދިޔައީ އެވެ.
އަންހެންމީހާގެ އާއިލާއިން ފިރިހެންމީހާއަށް ވަރަށް އާދޭސްކޮށް އޭނާ ރުއްސޭތޯ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެ އާދޭސްތަކަށް ބީރު ކަންފަތެއް ދީފައި ފިރިހެންމީހާ އާއި އޭނާގެ އާއިލާގެ މީހުން އެތަނުން ނައްޓާލައިގެން ފިރިހެންމީހާގެ އާއިލާގެ މީހެއްގެ ގެޔަށް ދިޔައީ އެވެ.
ފިރިހެންމީހާ ދިރިއުޅޭ އަަވަށް އޮތީ ވަރަށް ދުރުގައި ކަމުން އެ ދުވަހު ތަނެއްގައި މަޑުކޮށްލައި އަރާމުކޮށް ވަރުބަލި ފިލުވާލައިގެން ދާން އެ އާއިލާގެ މީހުން ނިންމައި ތިމާގެ މީހެއްގެ ގެޔަށް ދިޔަ އެވެ. ޖެހިގެން އަންނަ ދުވަހު އެނބުރި ރަށަށް ދިއުމަށެވެ.
ނަމަވެސް އެރޭ ފިރިހެންމީހާ ވަނީ އޭނާ މަޑުކޮށްގެން ހުރި ރަށުގެ އަންހެނަކާ ކުއްލިއަކަށް ކައިވެނިކޮށްފަ އެވެ. އަދި އެނބުރި ރަށަށް ދިޔައީ އެ އަންހެންމީހާ ގޮވައިގެންނެވެ.