ބޮލީވުޑް

ޅީދަރިފުޅު މަދަލްސާގެ "އަނޫޕަމާ" ސެޓަށް މިތުން ޒިޔާރަތްކޮށްފި

އިންޑިއާގެ ޓީވީ ޗެނަލްތަކުން މިހާރު ދައްކާ ޝޯތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ މަގްބޫލުކަން މިހާރު ލިބިފައިވާ ޝޯ އަކީ ސްޓާ ޕްލަސްގެ "އަނޫޕަމާ" އެވެ.

ޓީވީ ޝޯތަކުގެ ރޭންކިންގެ އެންމެ ކުރީގައި "އަނޫޕަމާ" އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. މި ސިލްސިލާގައި އަނޫޕަމާގެ ރޯލު ކުޅެނީ ރޫޕާލީ ގަންގޫލީ އެވެ. އަދި ބަތަލަކީ ސުދަންޝޫ ޕާންޑޭ އެވެ. މި ދެ އެކްޓަރުންގެ އިތުރުން ޝޯގައި އެންމެ މުހިއްމު ބައެއް ކުޅެނީ މަދަލްސާ ޝަރުމާ އެވެ. މަދަލްސާ ކުޅެނީ ކާވްޔާގެ ރޯލެވެ.

މަދަލްސާއަކީ ކުރީގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ މިތުން ޗަކްރަބަތީގެ ޅީ ދަރިފުޅެކެވެ. ގިނަ ބަޔަކަށް މިކަން ކުރިއަކުން ނޭނގެ އެވެ. ނަމަވެސް ދާދި ފަހުން "އަނޫޕަމާ" ގެ ސެޓަށް މިތުން ގޮސް އެ ސިލްސިލާގެ ބައިވެރިންނާ ބައްދަލު ކުރުމުން ވަރަށް ގިނަ ބަޔަކަށް މިކަން އެނގެން މެދުވެރިވީ އެވެ.

މިތުން ސެޓަށް ޒިޔާރަތްކުރީ ކުރިން ނާންގާ ކަމުން ޝޯގެ ހުރިހާ ބައިވެރިންނަށް ވެސް އޭނާ ފެނުމުން ލިބުނީ ހައިރާން ކަމެވެ. އެންމެން ވަރަށް އުފަލުން މިތުން އާއެކު ފޮޓޯ ނަގައި މަޖާ ވަގުތުތަކެއް ހޭދަކުރި އެވެ.

ރާޖަން ޝާހީގެ ޕްރޮޑަކްޝަން ހައުސް "ޑައިރެކްޓާޒް ކަޓް"ގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުން ވަނީ "އަނޫޕަމާ"ގެ ބައިވެރިންނާއެކު މިތުން ނަގާފައިވާ ފޮޓޯތަކެއް ޝެއާކޮށްފަ އެވެ. އަދި މި ޝޯގެ ޝޫޓިންގަށް ހާޒިރުވީތީ ޕްރޮޑިއުސަރުން ވަނީ މިތުން އަށް ޝުކުރު އަދާކޮށްފަ އެވެ.

ކާވްޔާ (މަދަލްސާ ޝަރުމާ) އަކީ މިތުން އާއި ކުރީގެ ބަތަލާ ޔޮގީތާ ބާލީގެ ހަތަރު ދަރިންގެ ތެރެއިން އެއް ދަރި، މިމޯ ޗަކްރަބަތީގެ އަންހެނުންނެވެ.

"އަނޫޕަމާ'ގައި ލީޑް ރޯލު ކުޅޭ ރޫޕާލީ އާއި ސުދާންޝޫ ވަރަށް ނުގުޅޭ ކަމުގެ ޚަބަރުތަކެއް ދާދިފަހުން މީޑިއާ އަށް ފެންމަތިވި އެވެ. އަދި ޝޯގެ ބައިވެރިން ދެ ގްރޫޕެއް ހަދައިގެން އުޅޭއިރު މަދަލްސާ އުޅެނީ ސުދަންޝޫގެ ގްރޫޕްގައި ކަމަށް ވެސް ބައެއް ޚަބަރުތަކުގައި ބުނެފައި ވެއެވެ.

ނަމަވެސް ސުދަންޝޫ ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ. އޭނާ ބުނީ ބައެއް ފަހަރަށް ބައެއް މަންޒަރުތައް ކުޅޭއިރު ޚިޔާލު ތަފާތުވާ ކަހަލަ ކަންތައްތައް ދިމާވިޔަސް އޭނާ އާއި ރުޕާލީ އަދި ޝޯގެ އެހެން ބައިވެރިންނާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެމީހުންގެ މެދުގައި އެކުވެރިކަން އޮންނަ ކަމަށެވެ.