ދުނިޔެ

އަބްދުﷲ ރަސްގެފާނާއި ސީސީ އީރާގުގައި

އުރުދުންގެ ރަސްގެފާން އަބްދުﷲ އާއި މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ އީރާގަށް ވަޑައިގެންފި އެވެ. މި ދެ ބޭފުޅުންނަށް ވެސް މަރުހަބާ ދެންނެވީ އީރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކަޒީމީ އެވެ.

އީރާގާއި ޖޯޑަން އަދި މިސްރުގެ ވެރިން ބައްދަލު ކުރައްވަނީ ތިން ގައުމުގެ ގުޅުން ހަރުދަނާކޮށް ސަރަހައްދީ ބައިވެރިއެއް ގޮތުގައި އީރާގު ބަލައިގަތުމާ ބެހޭ ގޮތުންނެވެ. މިކަމާ ގުޅޭ މަޝްވަރާތައް ކުރިއާލާ އޮތީ ފަށާފަ އެވެ. ފުރަތަމަ ބައްދަލުވުން އޮތީ މާޗް 2019 ގައެވެ.

ސައްދާމް ހުސައިން 1990 ގައި ކުވޭތަށް އެރި ފަހުން މިސްރާ އީރާގުގެ ގުޅުން އޮތީ ކަނޑައިގެން ގޮސްފަ އެވެ. އައްސީސީ މިފަހރު އިރާގަށް ވަޑައިގަތުން ވެފައި ވަނީ މިސްރުގެ ރައީސަކު ފާއިތުވެދިއަ 30 އަހަރު ތެރޭގައި އީރާގަށް ކުރެއްވި ފުރަތަމަ ދަތުރެވެ.

މުސްތަފާ އަލްކަޒީމީއާ އަބްދުﷲ ރަސްގެފާން އަދި ސީސީ ވަނީ މީގެ ކުރިން އުރުދުންގެ ވެރިރަށް އަންމާންގައި ވެސް ބައްދަލު ކުރައްވާފަ އެވެ. އެއަށް މި އަހަރު އޭޕްރީލްގައި ސަމިޓެއް ވާއްވަން ހަމަޖެއްސެވި ނަމަވެސް ދުނިޔޭގެ ހާލަތު އޮތް ގޮތުން ފުރުސަތު ލިބިވަޑައި ނުގަތީ އެވެ. އަދި މިސްރުގައި ރޭލު އެކްސިޑެންޓެއް ހިނގައި ދިމާވި ހާދިސާގައި ސީސީއަށް ވެސް ރަނގަޅު ވަގުތެއް ލިބިވަޑައި ނުގަތީ އެވެ.

އުރުދުންއާ އީރާގު އަދި މިސްރު ގުޅިގެން ސަރަހައްދީ ވިޔަފާރީގައި ހިއްސާ ވާނެ ކަމަށް ވެއެވެ. މި ތިން ގައުމުން މިހާރު ވެސް ވަނީ އެއްބަސްވުންތަކެއް ހަދާފަ އެވެ، އެގޮތުން ތެލާއި ކޮންސްޓްރަކްޝަން ފަދަ ސިނާއީ މަސައްކަތްތަކުގައި އެއްބާލައި ވަޔަފާރި ކުރާނެ އެވެ.

އީރާގުގެ ބަސަރާއިން އުރުދުންގެ އަގަބާއަށް ސާފުނުކުރާ ތެޔޮ ޕަމްޕް ކުރުމަށްޓަކައި ހޮޅިއެޅުމަށް ވެސް ވަނީ މަޝްވަރާ ކުރެވިފަ އެވެ. މި މަޝްރޫއުގައި ދުވާލަކު އެއްމިލިއަން ފިފާ ސާފު ނުކުރާ ތެޔޮ އީރާގުން އުރުދުންއަށް ސަޕްލައި ކުރާނެ އެވެ.