ސްޓެލްކޯ

ސްޓެލްކޯގެ ދުންހޮޅިތަކުގެ މައްސަލަ މަޖިލީހަށް

ސްޓެލްކޯގެ އިންޖީނުތަކާއި ދުންހޮޅިތަކާއި ތެޔޮ ތާނގީތައް މީހުން ދިރިއުޅޭ ސަަރައްދާ މާ ކައިރީގައި ހުރެ، އާންމުނަށް އުނދަގޫވާތީ އެ މައްސަލަ ހައްލު ކުރަން މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.

އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ. ގަރާރު ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ ސްޓެލްކޯގެ ޖެނެރޭޓަރުތައް މީހުން ދިރިއުޅޭ ސަރަހައްދާ މާ ކައިރީގައި ބަހައްޓާފައި ހުރުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ.

އެގޮތުން ދުންހޮޅިތައް ތިރިކަމުަން ސްޓެލްކޯގެ މައި އިމާރާތާއި ޖެނެރޭޓަރުތައް ހުންނަ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އަބަދު ތެޔޮ ވަސް ދުވާ، ޑީސަލް ތެޔޮ އަންދައިގެން އުފެދޭ ކަޅު ދުމުގެ ސަބަބުން ވައި ތަޣައްޔަރުވެ، ކެއްސާ، ލޮލާއި ނޭފަތް ހިރުވަމުންދާކަން ވެސް މީކާއިލް ފާހަގަ ކުރެއްވި އެވެ.

ނޭވާލާ ނިޒާމަށް އުނދަގޫވެ ބޮލުގައި ރިއްސައި އަދި ތަފާތު ބަލިތަކަށް މަގުފަހިވެ ވައިބްރޭޝަންތަކުގެ ސަބަބުން ގޭގެ މުއްޓަށް ތަކުރާރުކޮށް ގެއްލުން ލިބި ފާރުތަކުގައި ރެނދުލައި ކުޑަކުދިންނަށް ރޭގަނޑު ނުނިދި މުޅި ދުވަހު ކުޑަ ދަޮރު ލައްޕައިގެން އުޅެން މަޖުބޫރުވެ އެވެ. އަދި އެ ސަރަަހައްދުގައި ބަހައްޓާފައި ހުރި ތެޔޮ ތާންގީތަކުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ބިރުވެރިކަން ވެސް އޮވެއެވެ.

އެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ކުރު ރާސްތާ އާއި މެދު ރާސްތާ އަދި ދުރު ރާސްތާގެ ޕްލޭނެއް ސްޓެލްކޯގެ ފަރާތުން އެކުލަވާލައި އެކަމަށް ތާވަލެއް ކަނޑައަޅަން މީކާއިލް އެދިވަޑައިގެންފައި ވެއެވެ.

ކުރު ރާސްތާގެ ޕްލޭންގައި މާލެ - ހުޅުމާލެ އިންޓަކަނެކްޝަން ޕްރޮޖެކްޓް ވީ އެންމެ އަވަހަކަށް ނިންމާ މިހާރު ބޭނުން ކުރަމުންދާ ވަގުތީ ޖަނެރޭޓަރުތައް ބޭނުންކުރުން ހުއްޓާލާ އެ ސަރަަހައްދުން ނަގަން ހުށަހަޅުއްވާފައި ވެއެވެ. މެދުރާސްތާގެ ޕްލޭންގައި ސްޓެލްކޯ ކައިރީގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަކީ ކުރެވިދާނެ ކަމެއްތޯ ބަލައި މާލޭގެ ބޮޑު ބަޔަކީ އިއާދަކުރަނިވި ހަކަތަ އުފައްދާ އަދި އެ ހަކަތަައަށް ބަރޯސާވާ ތަނަކަށް ބަދަލުކޮށް ވަގުތީ ގޮތުން މާލެއަށް ކަރަންޓު ދޭން ބާޖެއްގައި ގޭސް އިންޖީނު އޮޕަރޭޓްކުރުން އެއީ ކުރެވިދާނެ ކަމެއްތޯ ދެނެގަތުމަށް ހުށަހެޅުއްވެވި އެވެ.