ތިލަމާލެ ބްރިޖް

ބްރިޖު އަޅަން 10 ދުވަސްތެރޭ ހަވާލު ކުރާނެ: އަސްލަމް

ތިލަމާލެ ބްރިޖު އަޅަން، ކުރިއަށް އޮތް 10 ދުވަސް ތެރޭ މަސައްކަތް ކުންފުންޏަކާ ހަވާލު ކުރާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅު ވެއްޖެ އެވެ. އެކަމަކު އެއީ ކޮން ކުންފުންޏެއް ކަން ސަރުކާރުން އަދިއެއް ނުބުނެ އެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ މި މަހުގެ އަށްވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި ބްރިޖު އަޅަން ބަޔަކާ ހަވާލު ކުރާނެ ކަމަށް ވިދާޅުވި މުއްދަތުގައި ފަހަނަޅައި ދިޔައިރު އެކަން ކޮށްފައި ނުވާތީ އަވަސް އިން މިއަދު ސުވާލެއް ކުރުމުންނެވެ. ދެއްވި ކުރު އިންޓަވިއުއެއްގަ އެވެ.

ކުރީން ރައީސް ސޯލިހް ވިދާޅުވެފައި ވަނީ ތިލަމާލެ ބްރިޖް މަޝްރޫއުގެ ޓެންޑާ ނިމި އިވެލުއޭޝަން މަސައްކަތް ވެސް އޮތީ ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ. އަދި ޖޫން މަސް ނިމުމުގެ ކުރިން ބްރިޖްގެ މަަސައްކަތް ފަށަން ބަޔަކާ ހަވާލު ކުރާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި ބްރިޖް އަޅަން ދެނީ އިންޑިއާގެ ކުންފުންޏަކަށެވެ.

އަސްލަމްގެ އިންޓަވިއުގައި އޭނާ ވިދާޅުވީ ތިލަމާލެ ބްރިޖު އަޅާނެ ބަޔަކު ކަނޑައަޅަން ކުރާ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ.

"ހިނގަމުންދާ މަސައްކަތްތަކަށް ބަލާއިރު ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ކޮންޓްރެކްޓްގައި ސޮއިކޮށް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ،" އަސްލަމް ވިދާޅުވި އެވެ.

ކުރިއަށް އޮތް 10 ދުވަސް ތެރޭ ބްރިޖް ކޮންޓްރެކްޓްގައި ސޮއިކޮށް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ،
މުހައަމަދު އަސްލަމް | ޕްލޭނިން މިނިސްޓަރަރު

ތިލަމާލެ ބްރިޖު އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކޮށްފައި 15 މިލިއަން ޑޮލަރު ދީގެން ނެދަލެންޑްސްގެ އެފުގްރޯ ކުންފުނި ލައްވައެވެ. އެ ކުންފުނިން ވަނީ ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފައި ދިރާސާތައް ނިންމާފަ އެވެ.

ތިލަ މާލެ ބްރިޖް އަޅަނީ އިންޑިއާއިން ހަމަޖައްސައިދޭ 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނަކުންނެވެ. ލޯނު އެއްބަސްވުމުގައި ވަނީ ސޮއި ވެސް ކޮށްފަ އެވެ. ލޯނުގެ 400 މިލިއަން ޑޮލަރާ ވަކީން އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ވެސް ދެ އެވެ.

މިނިސްޓަރު އަސްލަމް މީގެ ކުރިން ވިދާޅުވެފައި ވަނީ ތިލަމާލެ ބްރިޖު އަޅާނެ ބަޔަކު އެވޯޑް ކުރުމާ އެކު މަސައްކަތް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް އެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖު 2023 ވަނަ އަހަރުގެ ތެރޭގައި ފެނުން މައްޗަށް ފެންނަން ހުންނާނެ ކަމަށް ވެސް އޭނާ ކުރިން ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުމެން މިބަލަނީ 2023 ގެ މެދާ ހިސާބަށް ދާންވާއިރަށް އަޅުގަނޑުމެންނަށް ގުޅިފަޅާ ހިސާބަށް ކަނެކްޓިވިޓީ އިންނާނީ ލިބިފައި ކަމަށް،" އަސްލަމް ވިދާޅުވި އެވެ.