ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދުގެ ބޮޑީގާޑް އިލްހާމުގެ އޮޕަރޭޝަނެއް ކުރަނީ

"ހައެއްފަހެއް" ހަމަލާ ރައްުޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރި ވަގުތު އެންމެ އަރިހުގައި ހުންނެވި ބޮޑީގާޑް، އެމްއެންޑީއެފްގެ ސާޖަންޓް އަހްމަދު އިލްހާމް އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ އެވެ.

އިލްހާމުގެ އޮޕަރޭޝަނުގެ މައުލޫމާތު މިއަދު އެންމެ ފުރަތަމަ ދިނީ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އެވެ.

ނާޒިމް މިއަދު އަވަސް އަށް ވިދާޅުވީ އިލްހާމުގެ ކަނދުރާގެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އައިޖީއެމްއެޗްގައި އެ އޮޕަރޭޝަން ކުރާނެ ކަމަށެވެ.

އިލްހާމްގެ އާއިލާގެ މެންބަރަކު ބުނީ އިލްހާމްގެ އޮޕަރޭޝަނަކީ ވެސް "ހައެއްފަހެއް" ގެ ހަމަލާއާ ގުޅިގެން ކުރަންޖެހޭ އޮޕަރޭޝަނެއް ކަމަށެވެ. އެ ހަމަލާއަށް ފަހު އިލްހާމް އުޅެނީ ކަނދުރާއަށް އުނދަގޫތަކެއް ވާތީ ކަމަށްވެސް ބުންޏެވެ. ނަމަވެސް އިތުރަށް އެ ވާހަކަދައްކަން އޭނާ ބޭނުމެއް ނުވި އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ވަގުތު އަރިހުގައި ތިބި ބޮޑީގާޑުން މަޖިލީހުގެ އިންކުއަރީއަށް، ހާޒިރުކުރި އިރު އިލްހާމް ވެސް ހާޒިރުކުރި އެވެ. ނަމަވެސް 241 ކޮމިޓީގައި އިންކުއަރީ ކުރިއަށް ގެންދަނީ ސިއްރު ކޮށްގެން ކަމަށްވާތީ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދިޔަ ގޮތް ސާފު ވެފައެއް ނުވެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ވަގުތު އަރިހުގައި ތިއްބެވި ބޮޑީގާޑުންގެ ތިން މީހުންނަށް ވެސް ހަމަލާއާއި ގުޅިގެން އެކިވަރުގެ އަނިޔާ ލިބުނެވެ. އަދި އެރޭ އެ މީހުނަށް ވެސް އައިޖީއެމްއެޗާއި އޭޑީކޭއިން ފަރުވާ ދިނެވެ.