އެކުއާޑޯއިން ވަރުގަދަ ބްރެޒިލް ހަމަބިމަށް ތިރިކޮށް ކުއާޓާ ފައިނަލުން ޖާގަ ކަށަވަރު ކޮށްފި އެވެ.
ބްރެޒިލްގެ އެސްޓާޑިއޯ އޮލިމްޕިކޯ ޕެޑްރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ގްރޫޕް ބީގެ އެއް ވަނައިގައި ކުއާޓާ ފައިނަލް ޔަގީން ވެފައި ވުމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ބްރެޒިލުން ކުޅުނީ ވަރަށް ހަމަ ޖެހިގެންނެވެ. ނަމަވެސް މެޗުގައި ނަތީޖާއެއް ނެރެގެން ނޫނީ ދެވަނަ ބުރަށް ދެވެން ނެތުމުން، އެކުއާާޑޯ އިން ވަނީ ގިނަ އެޓޭކްތަކެއް ކުރުމަށް މަސައްކަތް ކޮށްފަ އެވެ.
ބްރެޒިލުން މެޗަށް ނުކުތީ ގިނަ ބަދަލު ތަކަކާއި އެކުގަ އެވެ. މެޗުން ބަލިވި ނަމަވެސް ގްރޫޕްގެ އެއް ވަނައިގައި ދެވަނަ ބުރު ޔަގީން ވާތީ ޓިޓޭގެ ވިސްނުން ހުރީ އާ ކުޅުންތެރިންނަށް ފުރުސަތު ދިނުމަށްފަހު މުހިންމު ކުޅުންތެރިންނަށް ރެސްޓް ދޭށެވެ. އެގޮތުން ޓީމުގެ ފުރަތަމަ 11 ގައި ނޭމާ، ވިނީޝިއަސް ޖޫނިއާ، ގެބްރިއަލް ޖީސަސް، ކަސެމީރޯ، ފްރެޑް، ތިއާގޯ ސިލްވާ އަދި ޑެނީލޯ ވެސް ހިމަނާފައެއް ނުވެ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގޯލު ޖަހައި ލީޑު ނެގީ ބްރެޒިލް އިންނެވެ. މެޗުގެ 37 ވަނަ މިނެޓުގައި މިގޯލު ބްރެޒިލްއަށް ކާމިޔާބު ކޮށްދިނީ އެޑާ މިލިޓާއޯ އެވެ. މަތިމަތިން އައި ބޯޅަ އޭނާ ވަނީ ބޮލުން ޖަހާ ގޯލުގެ ދުރު ކަނަށް ވައްދާލާފަ އެވެ. ފުރަތަމަ ހާފުގައި ބްރެޒިލް އިން އިތުރަށް ލީޑު ފުޅާ ކުރުމަށް އަދި އެކުއާޑޯއިން ނަތީޖާ ހަމަ ކުރުމަށް ގިނަ ފުރުސަތު ތަކެއް ލިބުނެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރު ނުވަނީސް އެކުއާޑޯއިން ނަތީޖާ ހަމަ ކުރި އެވެ. މެޗުގެ 53 ވަނަ މިނެޓު ބްރެޒިލްގެ އޭރިއާ ތެރޭގައި ހުރެފައި އޭންގެލް މޭނާ ޖެހި މި ގޯލަކީ ވަރަށް ރީތި ލަނޑެކެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލު ކުރީ ޕެރޫ އާއި ވެނެޒުއޭލާ އެވެ. މި މެޗު ޕެރޫއިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. މިއާއެކު ގްރޫޕް ބީގެ ދެވަނައަށް ޕެރޫއިން އެރި އިރު، ވެނެޒުއޭލާ ވަނީ މުބާރާތުން ކަޓާފަ އެވެ. ޕެރޫއިން ލީޑު ނެގީ އެޓީމުން ނެގި ކޯނަރު އެކުއާޑޯގެ ކުޑަ އޭރިއާ ތެރެއަށް ވެއްޓުމުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ގޯލު ޕެރޫ އަށް ކާމިޔާބު ކޮށްދިނީ އެންދްރޭ ކަރީލޯ އެވެ.
ރޭގެ މެޗުތަކާއެކު ކޮޕާ އެމެރިކާ ގްރޫޕް ބީގެ ހުރިހާ މެޗެއް ނިމުނީ އެވެ. ބްރެޒިލް ކުއާޓާ ފައިނަލަށް ދަތުރު ކުރީ ތިން މެޗުން މޮޅުވެ އެއް މެޗުން އެއްވަރު ވެގެން ގްރޫޕްގެ އެއް ވަނައިގައި 10 ޕޮއިންޓާއެކުގަ އެވެ. ޕެރޫއަށް ދެވަނަ ލިބުނީ ރޭ ކުޅުނު މެޗުން މޮޅުވެ ހަތް ޕޮއިންޓުންނެވެ. ތިން ވަނައިގައި ހަތަރު ޕޮއިންޓާއެކު ކޮލަމްބިއާ އޮތްއިރު، އެކުއާޑޯ ކުއާޓާގެ ޖާގަ ކަށަވަރު ކުރީ ތިން މެޗުން އެއްވަރު ކޮށް ތިން ޕޮއިންޓާއިއެކު އެވެ. ވެނެޒުއޭލާ މުބާރާތް ނިންމާލީ ދެ މެޗުން މޮޅުވެ ދެ މެޗުން އެއްވަރު ވެގެން ދެ ޕޮއިންޓާއި އެކުގަ އެވެ.