ރައްޔިތުންގެ މަޖިލިސް

ކުންފުނިތަކުން ޕްރޮކިއުމަންޓް އުސޫލަށް އަމަލުކުރޭތޯ ބަލަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަންޑް ބޯޑު (ޕީސީބީ)އިން އެކުލަވާލާފައިވާ ޕްރޮކިއުމަންޓް އުސޫލަށް ކުންފުނިތަކުން އަމަލުކުރޭތޯ ބެލުމަށް ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިސަސް (އެސްއޯއީ) ކޮމިޓީން ނިންމައިފި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ތިން ކަމެއް އެޖެންޑާ ކޮށްފައި އޮތެވެ. ފުރަތަމަ މައްސަލަ އަކީ ރާއްޖޭގައި ކުރިން ހުއްދަދީފައިވާ އިންޝުއަރެންސް ކުންފުންޏެއް ކަމަށްވާ ޖޯޖް ސްޓެއުއާޓްސް ބްލެކް ލިސްޓް ކޮށްފައިވާ މައްސަލަ އެކެވެ. އެ މައްސަލަ ބެލުން އެންމެ ރަނގަޅުވާނީ މާލިއްޔަތު ކޮމިޓީއަށް ކަމަށް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.

ދެވަނައަށް އެޖެންޑާ ކޮށްފައިވާ މައްސަލައަކީ އެސްއޯއީ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ހުށަހަޅުއްވާފައިވާ މައްސަލަ އެކެވެ. ރެގިއުލޭޝަން އޮން ކޯޕަރޭޓް ގަވާނަންސް ފޯ ބޭންކްސް، އިންޝުއަރެންސް ކޮމްޕެނީސް އެންޑް ފައިނޭންސް ކޮމްޕެނީސް އަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވި މައްސަލަ އެވެ. އެ މައްސަލައާ ގުޅިގެން އެމްއެމްއޭ އިން ކޮމިޓީއަށް ސިޓީއެއް ފޮނުވާފައިވާތީ މެމްބަރު އިލިޔާސް އަށް އެމްއެމްއޭގެ ސިޓީ ހިއްސާކުރަން ނިންމާ، ކޮމިޓީން ވަނީ އެ މައްސަލަ ކޮމިޓީ މަރުހަލާ އިން މިއަދު ނިންމާފަ އެވެ.

ތިންވަނަ މައްސަލަ އަކަށް ކޮމިޓީގައި މިއަދު އެޖެންޑާ ކޮށްފައި އޮތީ ފެނަކަ ކޯޕަރޭޝަނާ ގުޅޭ މައްސަލަ އެކެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް އަދި ރެކުރޫޓްމަންޓް ކަންކަމާ ގުޅޭ ގޮތުން އޭސީސީން ތައްޔާރުކޮށްފައިވާ ރިޕޯޓު ދިރާސާކުރުމުގެ މަސައްކަތް މިއަދުގެ ބައްދަލުވުމުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އޭސީސީގެ ރިޕޯޓާ ގުޅިގެން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި ނައިބް މުގައްގަރު އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ ފެނަކައިގެ ޕްރޮކިއުމަންޓް މައްސަލަތަކާ ގުޅިގެން އޭސީސީ އާއި ފިނޭންސް މިނިސްޓްރީ އަދި ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވެސް ފިޔަވަޅުތަކެއް އަޅައި ކަންތައްތަކެއް އިސްލާހުކޮށްފައިވާ ކަމަށެވެ.

ހުސައިން ވިދާޅުވީ ފެނަކައިގެ ތެރޭގައި ގޯސްކޮށް ހިނގާފައި ހުރި ކަންކަމުގައި އަމަލުކުރާނެ ގޮތްތަކެއް ކަމާ ގުޅުންހުރި އިދާރާތަކުން ވެސް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެ އެވެ. އަދި އިސްލާހުކުރަން ކަމާ ގުޅޭ އިދާރާތަކުން އެންގި އެންގުމަށް ފެނަކައިން ވެސް ކަންތައްތަކެއް އިސްލާހުކޮށްފައިވާ ކަމަށްވެސް ހުސައިން ވަނީ ވިދާޅުވެފަ އެވެ.

ކޮމިޓީގެ މިބައްދަލުވުމުގައި ހުސައިން މުހައްމަދު ދީދީ ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލުކުރުމަށް ޕްރައިވެޓައިޒޭޝަން ބޯޑުން އެކުލަވާލާފައިވާ ޕްރޮކިއުމަންޓް އުސޫލަށް ކުންފުނިތަކުން އަމަލުކުރާ ކޮމިޓީން ބެލުމަށް ހުށަހަޅުއްވާފަ އެވެ. މި ހުށަހެޅުއްވުމަށް ކޮމިޓީގެ އެއްވެސް މެންބަރަކު އިއުތިރާޒު ކުރައްވާފައި ނުވާތީ ހުށަހެޅުން ވަނީ ފާސްވެފަ އެވެ.

ހުސައިންގެ ހުށަހެޅުން ފާސްވުމާ ގުޅިގެން ސަރުކާރުގެ ކުންފުނިތަކުން އަމަލުކުރުމަށް ޕްރައިވެޓައިޒޭޝަން ބޯޑުން އެކުލަވާލާފައިވާ ޕްރޮކިއުމަންޓް އުސޫލަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތުގެ ރިޕޯޓެއް ކޮމިޓީން އެކުލަވާލާނެ އެވެ. އޭރުން އުސޫލުތަކަށް އަމަލު ނުކުރާ ކުންފުނިތަކަށް ފިޔަވަޅު އެޅުމުގެ މައްސަލަ ކޮމިޓީން ކުރިއަށް ގެންދަން ބޭނުންވާނަމަ އެ ފުރުސަތު ލިބޭނެ ކަމަށްވެސް ހުސައިން ވަނީ ވިދާޅުވެފަ އެވެ.