ދުނިޔެ

އެމެރިކާއިން ދިން ހަމަލާތައް ކުށްވެރިކުރަން: އިރާގު

އެމެރިކާއިން އަނެއްކާ ވެސް އީރާގަށް އަރައިގެންފި ކަމަށް އެ ގައުމުގެ ބޮޑުވަޒީރު މުސްތަފާ ކަޒީމީ ވިދާޅުވެއްޖެ އެވެ. ކަޒީމީ ވިދާޅުވީ އީރާގަކީ ވެސް މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށާއި އެމެރިކާއެއް ކަމަކު ކުރާހާ ކަމަކަށް ރުހިގެން ނުތިބޭނެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

އެމެެރިކާގެ ރައީސް ޖޯ ބައިޑަންގެ އަމުރަށް އެ ގަމުގެ ސިފައިން ވަނީ އީރާގު - ސީރިއާ ބޯޑަރަށް ބޮން އަޅައި މިސައިލުން ހަމަލާދީފަ އެވެ. އެމެރިކާއިން ބުނީ ހަމަލާ ދިނީ އީރާނުން މަދަދުވެރިވާ ހަނގުރާމަވެރިންގެ ހަތިޔާރު ގުދަންތަކަކަށް ކަމަށެވެ. ހަމަލާދިން ސަަބަބެއް ކަމަށް ބުނީ އީރާގުގައި ސުލްހަ ބަލަހައްޓަން ގާއިމުވެ ތިބޭ އެމެރިކާ ސިފައިންނަށް އެ ގުރޫޕްތަކުން ރޮކެޓް ހަމަލާދޭތީ ކަމަށެެވެ.

ބައިޑަން ކުރެއްވި އަމުގައި ވިދާޅުވެފައި އޮތީ ހަމަލާ ދިނުމުގައި މީހުންނަށް އަމާޒު ނުކޮށް ހަތިޔާރު ގުދަންތަކަށް ހަމަލާ ދިނުމަށެވެ. އެކަމަކު ހައްގުތަކަށް ވަކާލާތުކުރާ ޖަމާއައްތަކުން ބުނާ ގޮތުން އެމެރިކާއިން ދިން ހަމަލާތަކުގައި ހަތް މީހުން ވަނީ މަރުވެފަ އެވެ.

އީރާގު އަސްކަރިއްޔާގެ ތަރުޖަމާން ޔަހުޔާ ރަސޫލު ވެސް ވަނީ މި ހަމަލާތައް ކުށްވެރި ކުރައްވައި ހިތްހަމަނުޖެހުން ފާޅު ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުން ހަމަލާދީގެން ސުލްހަ ގާއިމު ކުރެވޭ ނަމަ އެމެރިކާއަށް މިހާރު އޮންނާނީ ކާމިޔާބުވެފަ އެވެ. އޭނާ ވިދާޅުވީ އެމެރިކާ އަރަފި ތަނަކުން ފައިބައިގެން ދާންޖެހިފައި ވަނީ ނާކާމީޔާބީއާއެކު ކަމަށެވެ. އަދި ވިދާޅުވީ މިއީ ހަމަލާ ދިނުމަށް ވުރެ ސުލްހައަށް ލޯބިކުރާ މީހުން ގިނަ ޒަމާނެއް ކަމަށެވެ.

ޕެންޓަގަންގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވީ އެމެރިކާއިން ދޫނު ކުރާނެކަން ހަނގުރާމަވެރިންނަށް މިހާރު އެނގޭނެ ކަމަށާއި އެމެރިކާއަށް ގޮންޖަހައި ފިލާ ނުތިބެވޭނެ ކަމަށެވެ. ހަނގުރާމަވެރި ގުރޫޕްތަކުން ބުނީ އެމެރިކާއިން ހަނގުރާމަ އިއުލާންކޮށްފި ކަމަށާއި ބަޔަކު ދިރިތިކަން އެމެރިކާއަށް ފެންނާނެ ކަމަށެވެ.