ދުނިޔެ

އިރާގުގެ ބޮޑުވަޒީރަށް ދިން ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ އެމެރިކާ: އީރާން

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކަޒީމީ ދިރިއުޅުއްވާ ގެކޮޅަށް ދިން ޑްރޯން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ. އީރާނުން ބުނީ ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ އެމެރިކާ ކަމަށާއި މުޅި ސަރަހައްދު ޓެރަރިސްޓުންގެ ހާއްޔަކަށް ހެދީ އެމެރިކާ ކަމަށެވެ.

ބަޣްދާދުގައި ހުންނަ ބޮޑުވަޒީރުގެ ގެކޮޅަށް ޑްރޯން ހަމަލާދިނީ އާދީއްތަ ދުވަހު ވަރަށް ހެނދުނާ އެވެ. އެހަމަލާގައި ކަޒީމީއަށް އެއްވެސް ގެއްލުމެއް ލިބިވަޑައިގެންފައި ނުވެ އެވެ. އެހެން ނަމަވެސް ހަށިފާރަވެރިންނަށް އެކިވަރުގެ އެކަމަކު ޖާނަށް ނުރައްކަލެއް ނެތް އަނިޔާ ލިބިފައިވެ އެވެ.

އީރާގުގެ ވެރިރަށް ބަޣްދާދުގައި ސަލާމަތީ ގޮތުން އެންމެ ރައްކާތެރި ސަރަހައްދުގައި، ގްރީން ޒޯންގައި ހުންނަ ގެކޮޅަށް ޑްރޯން ހަމަލާދިނީ ކޮންބައެއްކަން އަދި ނޭނގެ އެވެ.

އީރާގުގެ އޮފިޝަލުން ބުނާ ގޮތުން ހަމަލާދިނީ ތިންޑްރޯން ބޭނުންކޮށް ގެންނެވެ. ހަމަލާދިން ވަގުތު އެސަރަހައްދުން އިވުނު ބަޑިގެ އަޑަކީ ފުރާޅު މައްޗަށް ޑްރޯން ވައްޓާލަން ޖެހި ބަޑީގެ އަޑު ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ސައީދު ޚަތީބުޒާދާ ވިދާޅުވި ގޮތުގައި ބޮޑުވަޒީރު އަލްކަޒީމީ ދިރިއުޅުއްވާ ގެކޮޅަށް ރޭގަނޑުގެ ވަގުތެއްގައި ދިން ހަމަލާގެ ޒިންމާ އެމެރިކާ އުފުލަން ޖެހެ އެވެ. އޭނާ ވިދާޅުވީ އެމެރިކާ ސިފައިން އެސަރަހައްދަށް އަރާފައި ވަނީ އެއްވެސް ބަޔަކު ދިން ދައުވަތަކަށް ނޫން ކަމަށާއި އެސަރަހައްދުގައި ދޭ ހަމަލާތަކަކީ އެމެރިކާ ދެކެ އަންނަ ރުޅި ކަމަށެވެ.

"މިފަދަ ހާދިސާތަކަކީ ފާއިތުވި 18 އަހަރު ދުވަހުގެ ތެރޭގައި އިރާގުގެ ހަމަޖެހުމާއި، ސަލާމަތާއި، މިނިވަންކަމާއި، ސަރަހައްދީ އިމުގެ މިނިވަންކަމާ ހިލާފުވި ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ކަމެއް،"

އާދީއްތަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތަރުޖަމާނު ވިދާޅުވީ ފާއިތުވި 18 އަހަރު ދުވަހު އެބަޔަކު އެސަރަހައްދުގައި އެތިބީ އީރާގުގެ ކަރާމަތަަށް އަރައިގަނެ މިނިވަންކަން ހިސޯރުކޮށްގެން ކަމަށާއި އެމީހުންގެ މަސައްކަތަަކީ ސުލްހަ ގާއިމުކުރުން ކަމަށް ބުނުމުން ހުރިހާ ކުށަކުން ބަރިއަވެވުނީ ކަމަށެވެ.

ސައީދު ޚަތީބުޒާދާ ދެއްވި އިންޓަވިއުގައި އެމެރިކާގެ ނަން ބޭނުމުއް ނުކުރައްވަ އެވެ. އެހެން ނަަމަވެސް 2003 ގައި އެމެރިކާ ސިފައިން އީރާގަށް އަރައިގަތް ހާދިސާއަށް ބަސްމަގު އަމާޒުކުރެއްވި އެވެ. އޭނާ ވިދާޅުވީ ހުރިހާ ގޯހެއް ފެށުނު ހިސާބަކީ އެއީ ކަމަށެވެ.

"އެމީހުން ވަނީ ޓެރަރިސްޓް ޖަމާއަތްތައް އުފައްދައިގެން ބަޣާވާތް ކުރަން މަސައްކަތް ކުރުވާފަ" ޚަތީބު ޒާދާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމީހުންގެ ނުބައި ލަނޑުދަނޑިތައް ހާސިލް ކުރުމާއި ސަރަހައްދުން ވައްކަންކުރުން ނޫން ކަމެއް ނުކުރާ ކަމަށެވެ.