ރައްޔިތުންގެ މަޖިލީހާއި ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާއްވަވާ "އާސްކް ސްޕީކާ" ގެ ތިންވަނަ ޕްރޮގްރާމް ޖުލައި ފަސްވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިރޭ ބުނީ ޓީވީ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދާ ޝޯ ޖުލައި ފަސް ވަނަ ދުވަހު ކުރިއަށް ގެންދާނީ ވާޗުއަލްކޮށް ކަމަށެވެ.
މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމުތަކާއި ގުޅިގެން ނަޝީދު މިވަގުތު ހުންނެވީ ޖަރުމަނުގަ އެވެ.
ޖުލައި ފަސްވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު އޮންނަ އެ ޕްރަގްރާމްގައި ކްލަބް ހައުސް މެދުވެރިކޮށް ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ސުވާލު ކުރަން ބޭނުންވާ މީހުންނަށް މިހާރު ވަނީ ފުރުސަތު ވެސް ހުޅުވާލާފައެވެ. އެގޮތުން ފޯނުން ވީޑިއޯ ކުރުމަށް ފަހުވެސް އަދި މެސެޖްކޮށްގެން ވެސް ސުވާލު ކުރެވޭނެ އެވެ. ވަގުތުން ސުވާލު ކުރަން ބޭނުންވާ މީހުން ނަން ޖެހުމަށް ފަހު ޖުލައި ފަސްވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން 7234566 އަށް ފޮނުވަން ޖެހެ އެވެ.
މީގެ އިތުރުން ކްލަބް ހައުސްގައި ސުވާލު ކުރަން ބޭނުންވާ މީހުން އެ މީހުންގެ ނަން ކްލަބް ހައުސް އެކައުންޓާއެކު ފޮނުވަން ވަނީ އެދިފައެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް #AskSpeaker ޖެހުމަށްފަހު ސުވާލު ކުރަމުން ގެންދަން މަޖިލީހުގެ އިދާރާއިން ވަނީ އެދިފައި ވއެވެ.