ބޮލީވުޑް

އައިޝްވަރިޔާ ނުކުޅުނު ބައެއް ބްލޮކްބަސްޓާ ފިލްމުތައް

ބޮލީވުޑް ފިލްމު ބަލާ މީހުންގެ ކުރިމަތިގައި އައިޝްވަރިޔާއަކީ ވަރަށް މަގްބޫލު އެކްޓަރެކެވެ. މިސްވޯލްޑްގެ ތާޖު 1994 ގައި ހާސިލު ކުރުމަށް ފަހު އައިޝްވަރިޔާ ފިލްމީ ދުނިޔެއަށް ނުކުތީ ޑައިރެކްޓަރު މަނީ ރަތުނަމްގެ ތަމަޅަ ފިލްމެއް ކަމަށްވާ "އިރުވަރު" އިން 1997 ގައެވެ. އަދި ޑައިރެކްޓަރު ރާހޫލް ރަވައިލްގެ "އައުރު ޕިޔާރް ހޯގަޔާ" އިން ހަމަ އެ އަހަރު ބޮލީވުޑަށް ވެސް ތައާރަފުވި އެވެ.

އައިޝްވަރިޔާގެ 23 އަހަރުގެ ފިލްމީ ކެރިއަރުގައި ވަރަށް ގިނަ މޮޅު ފިލްމުތަކެއް ކުޅެފައި ވެއެވެ. އަދި މިފަދަ ބްލޮކްބަސްޓާ ގިނަ ފިލްމުތަކެއް އޭނާ ނުކުޅެ ދޫކޮށްލާފައި ވެސް ވެއެވެ. އެ ފިލްމުތައް އޭނާ ގަބޫލު ކުރިނަމަ މިއަދު އައިޝްވަރިޔާ ވަރުގެ ކާމިޔާބު އަދި މަޝްހޫރު ބަތަލާއެއް ނުހުންނާނެ އެވެ.

އައިޝްވަރިޔާގެ ފިލްމީ ކެރިއަރުގައި އޭނާއަށް ރަނގަޅު ފިލްމުތައް ހިޔާރު ކުރަން ނޭނގޭ ކަން ކުޅެފައިވާ ފިލްމުތަކުންނާއި ނުކުޅެ ދޫކޮށްލި ފިލްމުތަކުން ސާބިތުވެ އެވެ.

އައިޝްވަރިޔާ ނޫނެކޭ ބުނި އެއް ފިލްމަކީ "ރާޖާ ހިންދުސްތާނީ" އެވެ. އާމިރު ހާނާއި ކަރިޝްމާ ކަޕޫރުގެ މި ފިލްމަކީ ފިލްމު ރިލީޒްކުރި އަހަރުގެ އެންމެ ކާމިޔާބު ފިލްމެވެ. މި ފިލްމު އައިޝްވަރިޔާއަށް ލިބުނީ މިސްވޯލްޑް މުބާރާތަށް ދާން ތައްޔާރުވަމުން ދަނިކޮށެވެ. އެހެންވެ އޭނާއަށް އެ ފިލްމަށް ނޫނެކޭ ބުނަން މަޖްބޫރުވީ އެވެ.

ދެ ވަނަ ފިލްމަކީ ކަރަން ޖޯހަރް ޑައިރެކްޓަރެއްގެ ތޮފި އަޅައިގެން އުފެއްދި ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އެވެ. މި ފިލްމަށް އޭނާ ނޫނެކޭ ބުނީ އެ ދުވަސްވަރު ތަމަޅަ ފިލްމު "ޖީންސް" އަށް ވަގުތުތައް ހުސްކޮށްފައި އޮތީމަ އެވެ. "ކުޗް ކުޗް ހޯތާ ހޭ"ގައި ރާނީ މުކަރުޖީ ކުޅެފައިވަނީ އައިޝްވަރިޔާ ކުޅެން އޮތް ބައެވެ.

ޔާޝް ޗޯޕްޅާގެ "ވީރް ޒާރާ" ގެ ބަތަލާގެ ބައި ވެސް ފުރަތަމަ ލިބުނީ އައިޝްވަރިޔާ އަށެވެ. މި ފިލްމަކީ 2004 ގައި ބޮކްސް އޮފީހުގައި އެންމެ ރަނގަޅު ކާމިޔާބެއް ހޯދި ފިލްމެވެ. ޝާހްރުކް ޚާން ބަތަލުގެ ބައި ކުޅެފައިވާ މި ފިލްމު އައިޝްވަރިޔާ ގަބޫލު ނުކުރުމުން ލިބުނީ ޕްރީތީ ޒިންޓާ އަށެވެ.

ޝާހްރުކް ހާނާއި ރާނީ މުކަރުޖީގެ "ޗަލްތޭ ޗަލްތޭ" އަކީ ވެސް އައިޝްވަރިޔާ އަށް ލިބުނު ފިލްމެކެވެ. އެ ފިލްމުގެ ޝޫޓިން އައިޝްވަރިޔާ ފެށި ވެސް މެއެވެ. ނަމަވެސް އޭނާ އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސަލްމާން ހާން އެ ފިލްމުގެ ސެޓަށް ގޮސް ޝާހްރުކް އާ އަރާރުން ވުމުން ޝާހްރުކް ރުޅިއައިސްގެން އައިޝްވަރިޔާ އަތުން ފިލްމު އަތުލައި ރާނީ މުކަރުޖީ އަށް ދިނީ އެވެ.

ވިދްޔާ ބާލަން އަވްނީގެ ރޯލު އަދާކުރި "ބޫލް ބުލައްޔާ" އަށް ވެސް ފިލްމު އުފައްދާ ފަރާތުން ބޭނުންވީ އައިޝްވަރިޔާ އެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އޭނާ އެ ފިލްމު ބޭނުން ނުކުރުމުން ވިދްޔާ ބާލަން އަށް ލިބުނީ އެވެ.

ފިރިމީހާ އަބީޝެކް ބައްޗަންގެ "ދޯސްތާނާ" ކުޅުމުގެ ފުރުސަތު ވެސް އައިޝްވަރިޔާ ގަބޫލު ނުކޮށް ދޫކޮށްލި އެވެ. ފަހުން އެ ފިލްމު ކުޅުނީ ޕްރިޔަންކާ ޗޯޕްޅާ އެވެ. އައިޝްވަރިޔާ ބުނީ ފިލްމުގައި އަބީޝެކް ކުޅުނު ކަހަލަ ރޯލަކާއެކު އޭނާ ފިލްމުގައި ބައިވެރިވުން ބެލުންތެރިން ބަލައި ނުގަންނާނެ ކަމަށް ދެކޭ ކަމަށެވެ.

ބްލޮކްބަސްޓާ ފިލްމުތަކުގެ ތެރެއިން "ކަބީ ޚުޝީ ކަބީ ޣަމް" އަކީ ވެސް އައިޝްވަރިޔާ ނުކުޅެ ދޫކޮށްލި ފިލްމެކެވެ. އެ ފިލްމުން އައިޝްވަރިޔާ އަށް ލިބުނީ ކާޖޮލް އަދާކުރި ބައެވެ. އޭނާ މި ފިލްމަށް ނޫނެކޭ ބުނީ ފިލްމުގެ ޑައިރެކްޓަރު ބޭނުންވީ ތާރީޚްތައް ދެވެން ނެތިގެންނެވެ.