ލައިފްސްޓައިލް

67 އަހަރުގައި ޕީއެޗްޑީ ހާސިލުކުރި ހިތްވަރުގަދަ އަންހެނެއް

އިންޑިޔާގެ ގުޖްރާތުގެ ވަޑޯޑަރާގެ 67 އަހަރުގެ އަންހެނަކު ޕީއެޗްޑީ ޑިގްރީ ހާސިލުކޮށް ގިނަ ބަޔަކު ހައިރާން ކޮށްލައިފި އެވެ. މި މީހާ ކިޔަވަން ކުރި މަސައްކަތާއި ދެއްކި ހިތްވަރަކީ ލާމަސީލު މަސައްކަތެއް ކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.
އުމުރުން 20 އަހަރުގައި ކައިވެނިކޮށް ދަރިން ބެލުމުގެ ޒިންމާ އާ ހަވާލުވެގެން އުޅުނު އޫޝާ ލޯޑަޔާ އަށް އުމުރުން މިހާ ދުވަސްވެފައި ހުއްޓާ ޕީއެޗްޑީ ނެގުނީ ޅީދަރިފުޅެއްގެ ހިތްވަރުދިނުމާއި މަސައްކަތުންނެވެ.

"އަހަރެން ކައިވެނިކުރިއިރު ޑިގްރީގެ ފުރަތަމަ އަހަރު ކިޔަވަމުން ދިޔައީ. އަހަރެން ބޭނުންވީ ޑޮކްޓަރަކަށް ވާން. ކައިވެންޏަށް ފަހު ވެސް އަހަރެން ކިޔެވުން ކުރިޔަށް ގެންދަން މައިންބަފައިން ވެސް ބޭނުންވި. އާއިލާގެ ކަންތައްތަކާ ފޯކަސް ކުރަން ހަދައިގެން އަހަންނަށް ކިޔެވެން ކުރިޔަށް ގެންދެވޭ ގޮތެއް ނުވި. ކިތަންމެ ލަހަކުން ނަމަވެސް ކިޔެވުން ފުރިހަމަކުރެވުނީތީ މިހާރު އަހަރެން މިހިރީ ވަރަށް ހިތްހަމަޖެހިފައި،" އޫޝާ ބުންޏެވެ.

އަލުން ކިޔަވަން ފެށުނުގޮތް ކިޔައިދެމުން އޫޝާ ބުނީ އޮންލައިންކޮށް ކިޔެވޭ ކޯހެއް ނޫހަކުން ފެނިގެން އެ ކޯހުގައި ބައިވެރިވެ ކިޔަވަން ފެށީ އެވެ. ދެން އެ ކޯސް ނިންމައި ބެޗްލާޒް ޑިގްރީ ލިބުމުން އިތުރަށް މާސްޓާޒް ހަދާހިތުން މާސްޓާޒް އަށް ކިޔަވަން ފެށީ އެވެ. އަދި މާސްޓާޒް އަށް ފަހު ޕީއެޗްޑީގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ އޭނާގެ މާކްސްތައް ރަނގަޅުވީމަ ކަމަށް އޫޝާ ބުންޏެވެ.

މާމައެއްގެ ހައިސިއްޔަތުން އޫޝާ އަބަދުވެސް އޭނާގެ ދަރިންނާއި މާމަ ދަރިންނަށް ދޭ ނަސޭހަތެއް އޮވެ އެވެ. އެއްވެސް ކަމެއް ނުވާނޭ ހިތަށް އަރާ އުންމީދު ކަނޑާ ނުލުމަށެވެ. އޭނާގެ ހަޔާތުގެ ފިލޯސަފީ އަކީ އަބަދުވެސް ދާންވީ މަންޒިލެއް ކަނޑައަޅައި އެ ދިމާލަކަށް ދިއުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ. ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެވެސް ދުވަހަކުން އެ މަންޒިލަށް ވާސިލު ވެވޭނެކަމުގެ އަޒުމާއި އުންމީދުގައި ހުރުމެވެ.

އޫޝާގެ ޅީދަރިފުޅު ނިޝާ ލޯޑަޔާ ބުނި ގޮތުގައި މައިދައިތަ ޕީއެޗްޑީ ޑިގްރީ ހާސިލު ކުރުމުން ލިބުނު އުފަލެއް ބުނަން ވެސް ނޭނގެ އެވެ.

"މައިދައިތަ ކޮންމެ ދުވަހަކު ވެސް ހަ ގަޑިއިރު ނުވަތަ ހަތް ގަޑިއިރު ކިޔެވުމުގައި ހޭދަކުރި. އާއިލާގެ އެހީތެރިކަން ނުލިބުނުނަމަ އޭނާއަށް މި ކާމިޔާބީ ހާސިލު ކުރަން އުނދަގޫވީސް. ބަފައިކަލޭގެ ވެސް ދުނިޔޭގައި ނެތް. އެހެންވެ އަހަންނާއި ފިރިމީހާ ހިތްވަރުދީ އުންމީދު އާކޮށްދީގެން ކިޔެވުނީ،" އޫޝާގެ ޅީދަރިފުޅު ބުންޏެވެ.