މި ކަހަލަ ވާހަކަތައް އާންމުކޮށް އިވެނީ ހިޔާލީ ވާހަކަ ތަކުންނެވެ. މިސުރުގެ ދެކުނުގައި އޮންނަ ސޯހަގް ގަވަނޭޓްގެ އަވަށެއްގައި ހިނގި މި އަޖައިބު ކުރުވަނިވި ހާދިސާގެ ވާހަކަ އަޑުއެހި މީހުން ތިބީ ހައިރާން ވެގެން ގޮސް ބުނާނެ އެއްޗެއް ވެސް ނޭނގި އެވެ.
އެ އަވަށުގައި ދިރިއުޅުނު މީހަކު މުޅި އުމުރު ހޭދަކުރީ ވަރަށް ފަގީރު މީހަކަށް ހެދިގެނެވެ. އަނބިދަރިންނަށް ވެސް އެމީހާ ހަރަދު ކޮށްފައިވަނީ ކިރިޔާ ބަނޑުފުރާނަ މުއްތި ކުރެވޭނެ މިންވަރަކަށެވެ. އެހެންވެ އެމީހާ މަރުވިއިރު އޭނާގެ ބެންކް އެކައުންޓުގައި 1.5 މިލިއަން ޑޮލަރަށް ވާ ވަރުގެ މިސުރު ފައިސާ ހުރިކަން އެނގުމުން އައިލާގެ މީހުންނަށް ބަޔާން ކުރަން ނޭނގޭ ވަރުގެ ޝޮކެއް ވަނީ ލިބިފަ އެވެ.
މުޅި އުމުރު ސަލާން ޖަހަން އުޅުނު މި މީހާ އާއިލާ ކައިރީގައި އަބަދުވެސް ބުނަމުން ދިޔައީ އޭނާގެ ބޮލުގައި ބޮޑެތި ދަރަނި އެޅިފައިވާ ކަމަށާއި އެހެންވެ އެކި ބޭނުންތަކަށް ފައިސާ ހަރަދު ކުރެވެން ނެތް ކަމަށެވެ. އެހެންވެ އެމީހާ މަރުވަން ދެން ވެސް އޭނާގެ އަންހެނުންނާއި ދެ ދަރިން އުޅުނީ ވަރަށް ނިކަމެތި ހާލުގަ އެވެ.
މިސުރުގެ މީޑިއާ އިން ބުނާ ގޮތުގައި މި މީހާއަކީ ކުރިން ގަލްފުގެ ގައުމެއްގައި 25 އަހަރު މަސައްކަތް ކުރަން އުޅެފައިވާ މީހެކެވެ. ނަމަވެސް އޭނާގެ އަތުގައި އެއްވެސް ވަރަކަށް ފައިސާ ހުންނަ ކަމަކަށް އެއްވެސް އިރެއްގައި އޭނާއެއް ނުހަދަ އެވެ. އެ މީހާ މަރުވިތާ މަހެއްހާ ދުވަސް ފަހުން އެއް ދުވަހަކު އޭނާގެ ގޭގެ ދޮރުގައި މީހަކު ޓަކި ޖެހި އެވެ. އެއީ ބޭންކްގެ ސިޓީއެއް ހިފައިގެން އައި ޕޯސްޓް ބަހާ މީހެކެވެ. އެ ސިޓީ އެޑްރެސްކޮށްފައި ވަނީ މަރުވި ފިރިހެންމީހާ އަށެވެ.
ސިޓީ ފެނުމުން ފިރިހެންމީހާގެ ދަރިން ހީކުރީ އެމީހުންގެ ބައްޕަ ބޭންކަށް ވެސް ދަރާފައި އޮތީމަ ދަރަނި ދައްކަން ބޭންކުން އަންގާ ފޮނުވި ސިޓީއެއް ކަމަށެވެ. އެހެންވެ ވެގެން އުޅޭ ގޮތެއް ބަލަން އެމީހާގެ ފިރިހެން ދަރިފުޅު ބޭންކަށް ދިޔަ އެވެ.
އަދި ބޭންކަށް ދިއުމާއެކު އޭނާއަށް ލިބުނީ ވަރަށް ބޮޑު ސަޕްރައިޒެކެވެ. ބެންކްގެ ސްޓާފަކު އެމީހާ ކުރެން އޭނާގެ ބައްޕަ ކޮބައިތޯ އެހުމުން މީގެ މަހެއްހާ ދުވަސް ކުރިން ބައްޕަ މަރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާގެ ބައްޕަގެ އެކައުންޓުގައި 22 މިލިއަން އިޖިޕްޝަން ޕައުންޑްސް (ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރު) ޑިޕޮސިޓްކޮށްފައި ހުރި ކަމަށް ބޭންކް އޮފިޝަލު ބުނި ކަމަށް ވެއެވެ.
އެ ފިރިހެންމީހާގެ ދަރިއަށް ލިބުނު ޝޮކުގެ ބޮޑުކަމުން ވަގުތުން އެތަނަށް ހޭނެތިގެން ވެއްޓި ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް ވެސް މިސުރުގެ ނޫސްތަކުން ބުނެފައި ވެއެވެ.
މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށާއި ކޯޓުން ބައްޕަގެ މަރުގެ ސާބިތު ކުރުމަށް ފަހު އެ ފައިސާ އެމީހާގެ ދަރިންނަށް މިހާރު ދޫކޮށްފައިވާ ކަމަށް ވެސް ޚަބަރުތަކުގައި ބުނެފައި ވެއެވެ.