ފަނޑިޔާރަކީ ހުރިހާ ކަމެއް އިންސާފުން ކުރުމުގައި އެންމެ އިސްކޮށް ހުންނަ ފަރާތެވެ. އެމީހުން ފަނޑިޔާރުކަމުގެ ގޮނޑީގައި އިންނަނީ އިންސާފު ގާއިމް ކޮށްދޭނެ ކަމުގެ ވައުދާ އެކުގަ އެވެ. މިފަހަރު ވީގޮތަކީ ކޯޓުގައި ފަނޑިޔާރު ކުށްވެރިވީ އެވެ. އެހެންވެ އޭނާގެ ކުށް ގަބޫލުކޮށް އޭނާ އަމިއްލައަށް އޭނާ ޖޫރިމަނާ ކުރީ އެވެ.
މިސުރުގެ ޝަރުއީ ދާއިރާގައި މިހާތަނަށް ދުވަހަކު ވެސް ދެކިފައިވާ ދުވަހެއް ނޫނެވެ. އަސްވާން އެޑްމިނިސްޓްރޭޓިވް ކޯޓުގެ ޗީފް ޖަސްޓިސް މުހްސިން ކޮލެޕް އަމިއްލައަށް އޭނާ ޖޫރިމަނާ ކުރަން އަމުރުކުރީ ކޯޓުގެ ހުރުމަތް ކަނޑައިގެންނެވެ. އޭނާއަށް ކޯޓުގެ ހުރުމަތް ކެނޑުނީ ހަނދާން ނެތި ފޯނު ރިންގު ނުވާ ގޮތް ނަހަދާ އޮއްވާ ކޯޓުގައި ހިނގަމުންދިޔަ ޝަރީއަތެއްގެ ވަކި ހިސާބަކުން އޭނާގެ ފޯނު ރިންގު ވެގެން ކަމަށް މިސުރުގެ މީޑިއާ ތަކުން ވަނީ ބުނެފަ އެވެ.
އެހިސާބުން ޖަޖު ވަނީ އޭނާގެ މައްޗަށް ޖޫރިމަނާއެއް ކޮށްފަ އެވެ. 500 އިޖިޕްޝަން ޕައުންޑުންނެވެ.
ފަނޑިޔާރުގެ މި ނިންމެވުމާ ގުޅިގެން އެ ވަގުތު ކޯޓުގައި ތިބި އެޓާނީންނާއި ގާނޫނީ ވަކީލުންނާއި އެނޫންގެ ގިނަ ބަޔަކަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. ޝަރީއަތުގެ މަޖިލީހެއްގައި އެންމެ އިސްކޮށް އިންނެވި ފަނޑިޔާރު އަމިއްލައަށް އޭނާ ޖޫރިމަނާ ކުރާނީ ކިހިނެއްތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. މިއީ މިސުރުގެ ތާރީހުގައި ވެސް މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރު ކަމަށް ވާތީ މިކަން ވީ އެންމެންނަށް ވެސް ވަރަށް ތަފާތު ތަޖުރިބާ އަކަށެވެ.
ސިވިލް ޕްރޮސިޖާ ގާނޫނު ބުނާ ގޮތުން ކޯޓުގައި ޝަރީއަތެއް ހިނގަމުންދާ ވަގުތު އެއްވެސް މީހެއްގެ ފޯނު ރިންގުވެއްޖެނަމަ އެމީހަކު ކޯޓު ރޫމުން ބޭރަށް ނެރެ އެމީހެއްގެ ފޯނު އަތުލާނެ އެވެ. ނުވަތަ ޖޫރިމަނާ ކުރާނެ އެވެ. މި ގާނޫނު ބުނާ ގޮތުން ކޯޓު ތެރޭގައި ޝަރިއަތް ކުރިޔަށް ގެންދަން އުނދަގޫވާ ފަދަ އެއްވެސް ކަމެއް ކޮށްފިނަމަ އެމީހަކު ކޯޓުން ބޭރަށް ނެރުމުގެ އިޚްތިޔާރު ފަނޑިޔާރަށް އޮންނާނެއެވެ. އެމީހާ ކޯޓު ރޫމުން ނުކުންނަން ދެކޮޅު ހަދައިފިނަމަ އޭނާ 24 ގަޑިއިރަށް ޖަލަށް ލެވިދާނެ އެވެ. ނުވަތަ 500 މިސުރު ޕައުންޑުން ޖޫރިމަނާ ކުރެވިދާނެ އެވެ.
މިސުރުގައި ކުރިޔަށްދާ ޝަރީއަތްތަކުގައި މީހުންގެ ފޯނު ރިންގު ވުމުގެ މައްސަލަތައް ވަރަށް ގިނައިން ދިމާވެ ގިނަ ބަޔަކު ތިބެނީ ވަރަށް ރުޅިގަދަ ވެފަ އެވެ.
ފޯނު ރިންގް ނުވާ ގޮތް ހެދުމަށާއި ރިންގް ވެއްޖެނަމަ އަދަބު ލިބޭނެކަމަށް އަންގާފައިވާ އެންގުންތައް ކޯޓުގެ އެކި ހިސާބުތަކުގައި ބަހައްޓާފައި ވެސް ހުރެ އެވެ.