ހަބަރު

80 އަހަރުގެ މާމައަކާ 35 އަހަރުގެ މީހަކު ކައިވެނިކޮށްފި

އިނގިރޭސި ވިލާތުގެ 80 އަހަރުގެ މާމައަކާއި މިސުރުގެ 35 އަހަރުގެ ފިރިހެނަކު ކައިވެނިކުރުމުން ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން މި ދެ މީހުންނަށް ވަނީ ހުއްޓިފަ އެވެ.

މުހައްމަދު އަލީ އިބްރާހީމް، 35، އާއި އިނގިރޭސި ވިލާތުގެ އައިރިސް ޖޯންސް، 80، މިދިޔަ އަހަރު ފުރަތަމަ ބައްދަލުވީ ފޭސްބުކުންނެވެ. ދެ މީހުން ޗެޓްކުރަމުން ގޮސް ލޯބީގެ ވާހަކަތައް ދެކެވި އެންމެ ފަހުން މުހައްމަދު އާ ބައްދަލުކުރަން އައިރިސް މިސްރަށް ދިޔަ އެވެ.

އަލް-ވަތަން ނޫހުން ބުނި ގޮތުގައި މި ދެ މީހުން މިހާރު ވަނީ ރަސްމީކޮށް ކައިވެނިކޮށްފަ އެވެ. މިސުރުގައި މި ކައިވެނި ކުރުމުގެ ކުރިން އައިރިސް އިސްލާމް ވެފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ.

ބޭރުގެ މީޑިއާއަކަށް ދީފައިވާ އިންޓަވިއު އެއްގައި މުހައްމަދު ބުނީ އޭނާއަށް އަށް ވުރެ މާ ދުވަސްވީ މީހަކާ ކައިވެނި ކުރުމުން ގިނަ ބަޔަކު އޭނާއަށް ޝައްކުގެ ނަޒަރަކުން ބަލާ ކަމަށެވެ.

"އަހަރެންގެ އެހެން ގައުމެއްގެ ރައްޔިތަކަށް ވާކަށް ބޭނުމެއް ނޫން. އަދި ފައިސާއެއް ވެސް ބޭނުމެއް ނޫން. އަހަރެންނަކީ މަސައްކަތް ކޮށްގެން ފައިސާ ހޯދައިގެން ދިރިއުޅޭ މީހެއް. އަހަރެންނަށް ފުދޭ ވަރަށް ފައިސާ ލިބޭތޯ ﷲ އަށް ހަމްދުކުރަން،" މުހައްމަދު ބުންޏެވެ.

ގާހިރާގައި ދިރިއުޅޭ މުހައްމަދާއި އައިރިސް އެފްބީން ފުރަތަމަ ވާހަކަ ދެއްކީ ދީން ގަބޫލުނުކުރުމާ ގުޅޭ ގޮތުން އައިރިސްގެ ހިތުގައި އުފެދިފައިވާ ސުވާލުތަކެއް މުހައްމަދާ ކުރުމުގެ ގޮތުންނެވެ.

ފުރަތަމަ ވާހަކަ ދެއްކި ދުވަހުވެސް މުހައްމަދަށް އައިރިސް ވަރަށް ކަމުދިޔަ އެވެ. އަދި ސޯޝަލް މީޑިއާގައި މުހައްމަދު ވަނީ އައިރިސް ދެކެ ލޯބިވާ ކަން ފާޅުކޮށްފަ އެވެ. މި ލޯތްބަކީ ހަގީގީ ލޯތްބެއްކަން މުހައްމަދަށް ޔަގީންވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފުރަތަމަ ފަހަރަށް ގާހިރާ އެއާޕޯޓުން އައިރިސް އާ ބައްދަލުވީމަ އެވެ.

ގާހިރާގައި މުހައްމަދު ދިރިއުޅެނީ ތިން ކޮޓަރީގެ ގެއެއްގަ އެވެ. އެ ގޭގައި އޭނާއާއެކު މައިންބަފައިންނާއި ދެ އަންހެންކޮއްކޮ އާއި އެއް ފިރިހެން ކޮއްކޮ ދިރިއުޅެވެ. ވީމާ މުހައްމަދު އެއްބަސް ނުވިޔަސް އޭނާގެ ދިރިއުޅުމުގެ ހާލަތު އެހާ ރަނގަޅު ނޫންކަން ޔަގީންވާ ކަމަށް ބޭރުގެ މީޑިއާތަކުގައިވާ މި ޚަބަރުގައި ވެއެވެ. އެ މީޑިއާތަކުން ތުހުމަތުކުރަނީ މުހައްމަދު އުޅެނީ އިނގިރޭސި ޕާސްޕޯޓާއި އަންހެންމީހާ އަތުގައި ހުރި ޕެންޝަން ފައިސާތައް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

އައިރިސްގެ މިލްކިއްޔާތުގައި 220،000 ޕައުންޑުގެ ބަންގްލޯއެއް އެބަހުއްޓެވެ. އަދި ކޮންމެ ހަފުތާއަކު އޭނާއަށް 200 ޕައުންޑް ސަރުކާރުން ލިބެ އެވެ.
"އަހަރެންނަށް ވަރިހަމަ ކޮންމެ ތަނެއްގައި ދިރިއުޅެން ޖެހުނަސް. އަދި އަހަރެން ނުބަލަން އޭނާ އަކީ މުއްސަންޖެއްތޯ ފަގީރެއްތޯ އެއްވެސް. އައިރިސް ނިންމާނީ ކޮން ގައުމެއްގަތޯ ދިރިއުޅޭނީ. އޭނާ މިސުރުގައި ދިރިއުޅެން ބޭނުންވިޔަސް އަދި އިނގިރޭސި ވިލާތުގައި ދިރިއުޅެން ބޭނުންވިޔަސް އަހަރެން އޭނާ ބޭނުން ގޮތަކަށް ކަންތައް ކުރާނަން. އަހަރެން އައިރިސް އާއެކު ހަޔާތު ވޭތުކުރަން ބޭނުންވާތީ ކައިވެނިކުރީ،" އޭނާއަށް ކުރާ ތުހުމަތުތަކަށް ޖަވާބުދެމުން މުހައްމަދު ބުންޏެވެ.

މުހައްމަދު ބުނި ގޮތުގައި މިސުރަށް އައިރިސް ކުރި ދަތުރުގައި އޭނާގެ މަންމަ އާ ވެސް ބައްދަލުކުރި އެވެ. އަދި މަންމަ ވެސް އައިރިސް އާ ވަރަށް ހިތްހަމަޖެހޭ ކަމަށް މުހައްމަދު ބުންޏެވެ.
"ދެ މީހުންނަށް އެކަކު އަނެކަކު ދައްކާ ވާހަކަ ނޭނގުނަސް މަންމައަށް އައިރިސް ވަރަށް ކަމުދޭ. މަންމަ ބުނީ އަހަރެން އުފަލުގައި އުޅެންޏާ ކޮންމެ މީހަކާ ކައިވެނިކުރިޔަސް މަންމަގެ މައްސަލައެއް ނެތޭ،" މުހައްމަދު ބުންޏެވެ.
މުހައްމަދުގެ މަންމަ އަށް ވުރެ ވެސް އައިރިސް 20 އަހަރު ދޮއްޓެވެ. ނަމަވެސް އެކަމާ މުހައްމަދު ކަންބޮޑެއް ނުވެ އެވެ. އަދި އޭނާގެ މަންމަ އަށް ވެސް އެއީ މައްސަލައަކަށް ނުވެ އެވެ.

އައިރިސް ކުރިން ކައިވެންޏެއް ކޮށްފައިވީ ނަމަވެސް މީގެ 40 އަހަރު ކުރިން އެ ކައިވެނި ވަނީ ރޫޅިފަ އެވެ.