މަރުވާ މީހުން ކުނިވެ ހަލާކުވެގެން ދިޔަ ނުދީ މަމީއަކަށް ހެދުމަކީ ވަރަށް ކުރީ ޒަމާނުއްސުރެ ކުރަމުން އައި ކަމެކެވެ. މިސުރުގެ ފިރުއައުނަކީ މިގޮތަށް މަމީއަށް ހަދާފައިވާ މީހެކެވެ. އަދި މިހާރުވެސް މި ފިރުއައުނު މީހުންނަށް ފެންނަ ގޮތަށް ބާއްވާފައި އެބައޮތެވެ.
ސައިންސްވެރިން މި ފަހަކަށް އައިސް މަމީއަކަށް ހެދި މީހަކީ އިނގިރޭސި ވިލާތުގައި ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި އުޅުނު މީހެކެވެ. އޭނާ މިސުރު-ސްޓައިލްގެ މަމީއަކަށް ހަދާފައިވާއިރު މި ކަން ކުރުމުގެ މަރުހަލާތައް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް ދިޔަ ގޮތް ރެކޯޑްކޮށް ޓީވީން ލައިފް ކޮށްފައި ވެއެވެ.
"މަމިފައިން އެލަން:އިޖިޕްޓްސް ލާސްޓް ސީކްރެޓް"ގެ ނަމުގައި މި މީހާ މަމީއަކަށް ހަދާ މަންޒަރުގެ ޑޮކިއުމެންޓްރީ އިނގިރޭސި ވިލާތުގެ ޗެނަލް 4 ޓީވީން ދައްކާފައި ވެއެވެ.
މި ޝޯގެ ޕްރޮޑިއުސަރުން ބުނި ގޮތުގައި އެލަން ބިލިސް ނަމަކަށް ކިޔާ 61 އަހަރުގެ މި ފިރިހެންމީހާގެ ހަށިގަނޑު ކުނިވެ ހަލާކުވެ ނުވާނެ ހެން ތައްޔާރުކުރުމުގެ ޕްރޮސީޖާ އެތައް މަހަކަށް ދެމިގެން ދިޔަ ކަމަށެވެ. ޓޯކުއޭގެ ޑޭވޮންގައި ދިރިއުޅުނު އެލަންގެ ހަށިގަނޑު މަމީއަކަށް ހަދަން ބޭނުންކުރީ ގަދީމީ ޒަމާނުގައި މިސުރުގައި މިކަން ކޮށް އުޅުނު 'ތުތަންކަމުން' ކިޔާ ގޮތަކަށެވެ.
ތުތަން-އެލަން ވަނަމަކަށް ކިޔާ އެލަން އަކީ ކެންސަރު ޖެހި އުންމީދު ކަނޑާލާފައި އޮތް މީހެކެވެ. އެހެންވެ އޭނާ މި ޕްރޮސީޖާ ހަދަން ވޮލަންޓިއާ ކުރީ އެވެ. އެލަންގެ އަންހެނުން ޖޭން ވެސް އޭނާއަށް ތާއީދުކުރި އެވެ. ޖޭން ބުނީ އިނގިރޭސި ވިލާތުގެ އަންހެނުންގެ ތެރެއިން ފިރިއަކަށް މަމީއަކު ލިބުނު ހަމައެކަނި އަންހެނަކީ އޭނާ ކަމަށެވެ.
މި އެކްސްޕެރިމެންޓްގައި އިސްކޮށް ހުރީ ސައިންސްވެރިޔާ ސްޓެފަން ބަކްލޭ އެވެ. އޭނާ އަކީ އިނގިރޭސި ވިލާތުގެ ޔޯކް ޔުނިވަސިޓީގެ ރިސާޗަރެކެވެ. އަދި ކެމިސްޓެކެވެ.
މަރުވާ މީހުން މަމީއަކަށް ހެދުމަށް ގަދީމީ މިސުރުގައި، 18 ވަނަ ޑައިނެސްޓީގައި ކަންތައްތައް ކުރާ ގޮތާއި ހަށިގަނޑު ޕްރިޒާވްކުރަން ބޭނުންކުރާ ޓެކްނިކްތައް ދަސްކުރަން ސްޓެފަން އެތައް އަހަރެއް ވަންދެން މަސައްކަތް ކޮށްފައި ވެއެވެ. އަދި އާކިއޮޖިސްޓެއް ކަމަށްވާ ޖޯ ފްލެޗާގެ އެހީގައި ސައިންވެރިޔާ ވަނީ މަމީއަކަށް ހަދާފައިވާ މީހުންގެ ބައެއް ސާމްޕަލްތައް ހޯދައި އެ އެއްޗެތި ވެސް ދިރާސާކޮށްފަ އެވެ. އަދި މަމީއަކަށް ހަދަން ކުރީ ޒަމާނުގައި ބޭނުންކޮށްފައިހުރީ ކޮންކޮން އެއްޗިއްސެއްކަން ދެނެގަނެފަ އެވެ.
އޭނާގެ މި އެކްސްޕެރިމެންޓްގެ އަޖުމަ ބަލަން އޭނާއަށް މަރުވެފައިވާ މީހެއްގެ ހަށިގަނޑު ބޭނުންވީ ދަނޑިވަޅު އެލަން ވޮލަންޓިއާކުރީ އެވެ.
މިޒަމާނުގައި މީހުން މަމީންނަށް ބަދަލުކުރުމަކީ މަދުން ނަމަވެސް މީހުން ކަމާ ބެހޭ ތަޖުރިބާކާރުން ކުރަމުންދާ ކަމެކެވެ. އެގޮތުން 1994 ގައި މިސުރުގެ ކަމާ ބެހޭ މާހިރުން ކަމަށްވާ ބޮބް ބްރިއާ އާއި ރޮނަލްޑް ވަޑޭ ވަނީ މެޑިކަލް ކެޑަވާއެއް މިސުރުގެ ގަދީމީ ސްޓައިލަށް މަމީ އަކަށް ހަދާފަ އެވެ.
އެލަން ބިލިސް ފުއްޕާމޭގެ ޓާމިނަލް ކެންސަރާ ހަނގުރާމަ ކުރަމުންދިޔައިރު އޭނާއަށް ނޫހަކުން މިކަމާ ގުޅޭ އިޝްތިހާރެއް ފެނިގެން މި އެކްސްޕެރިމެންޓްގައި ބައިވެރިވާން ވޮލަންޓިއާ ކުރަން ނިންމީ އެވެ. އެލަން މަރުވުމުގެ ކުރިން ރެކޯޑް ކޮށްފައިވާ ވީޑިއޯ ކްލިޕްއެއްގައި އޭނާ ވޮލަންޓިއާ ކުރަން ބޭނުންވާ ވާހަކަ ބުނެފައި ވެއެވެ.
"މިކަން ކާމިޔާބު ނުވިޔަސް އެއީ އަދި ދުނިޔެ ގިޔާމަތް ވުމެއް ނޫނެއްނު؟ އެކަމަކުން އަހަންނަށް ކޮންކަމެއް ވާނީ. އަހަންނަކަށް އެއްވެސް އިހްސާސެއް ނުވާނެ. އަހަރެން ވަރަށް ޝައުގުވެރިވޭ މިކަމަށް،" އެލަން މަމީއަކަށް ބަދަލުކުރާ ޑޮކިއުމެންޓްރީގައި ދެއްކި ވީޑިއޯ ކްލިޕްގައި އެލަން ބުނެ އެވެ.
އެލަން އިތުރަށް ބުނެފައިވާ ގޮތުގައި އޭނާގެ އެންމެ ބޮޑު ހިތާމައަކީ މި އެކްސްޕެރިމެންޓް ދިޔަ ގޮތެއް އޭނާއަށް ނޭނގޭނެތީ އެވެ.
"އަހަރެން ވަރަށް ބަލާހިތްވޭ މި ޑޮކިއުމެންޓްރީ. އެކަމަކު އެ ނަސީބެއް އަހަންނަކަށް ނުލިބޭނެ،" އެލަން ބުންޏެވެ.
ޖެނުއަރީ 2011ގައި ބިލް މަރުވުމުން މެޑިކަލް ޓީމުން އޭނާގެ އެތެރެހަށީގެ ގުނަވަންތައް ނަގާފައި ވެއެވެ. އެމީހުން ނެގި ގުނަވަންތަކުގެ ތެރޭގައި ފުއްޕާމެއާއި ބޮޑުގޮހޮރާއި ކުޑަގޮހޮރު ހިމެނެ އެވެ. މި އެއްޗެތި އެމީހުން ނެގީ ބަނޑުން ހަތަރު އިންޗިވަރުގެ ތަންކޮޅެއް ކަފާލައިގެންނެވެ. ގުނަވަންތައް ނެގުމަށްފަހު އެ ތަން ސްޓްރެލައިޒްކޮށް ފޮތިން ބަންދުކޮށްފައި ވެއެވެ.
އެލަންގެ ހަށިގަނޑު މަމީ ކުރުމުގައި ސްޓެފަން ބޭނުންކުރީ މިސުރުގެ ގަދީމީ ސްޓައިލް ނަމަވެސް އެމީހުން ނެގި ގޮތަށް އެލަންގެ ސިކުނޑިއެއް ސްޓެފަން ނުނަގަ އެވެ. މިސުރުގައި އެދުވަސްވަރު މަމީއަކަށް ހަދާ މީހުންގެ ސިކުނޑި ނޭފަތު ތެރޭން ލާފައި ނަގަ އެވެ. ސްޓެފަން ބުނީ 18 ވަނަ ޑައިނެސްޓީގައި ޝާޙީ މަމީތަކުގެި ސިކުނޑި ހުރީ ނުނަގާ ކަމަށެވެ. އެހެންވެ އެލަންގެ ސިކުނޑި އޭނާ ނުނެގީ އެވެ.