ބޮލީވުޑް

ކާޖޮލްއާ އަޖޭގެ ނައިސާ ޒުވާނަކަށް

ބޮލީވުޑް މަޝްހޫރު ޖޯޑު އަޖޭ ދޭވްގަން އާއި ކާޖޮލްގެ ދޮށީ ދަރިފުޅު ނައިސާ ދޭވްގަން ޒުވާން އަންހެންކުއްޖަކަށް ވެއްޖެ އެވެ. މިދިޔަ އެޕްރީލް މަހު 18 އަހަރު ފުރިފައިވާ ނައިސާގެ މިހާރުގެ ފޮޓޯތައް ބަލާފައި ގިނަ ބަޔަކު ބުނަނީ އޭނާ އެންމެ ވައްތަރީ މަންމަ ކާޖޮލް އާ ކަމަށެވެ.

ކުރިން ވަރަށް އާދައިގެ ގޮތަކަށް ހުންނަ ނައިސާ ކުއްލިއަށް ފެޝަން ވެލައި ރީތި ފޮޓޯތައް އޮންލައިންގައި ޝެއާ ކުރަން ފެށުމާއެކު ވަރަށް ގިނަ ބަޔަކު މިހާރު ވަނީ އޭނާގެ ފޭނުންނަށް ވެފަ އެވެ.

އެގޮތުން އޭނާ އިންސްޓަގްރާމް ކުރި ބައެއް ފޮޓޯތަކުގައި ހީނލާފައި ހުންނައިރު ވަރަށް ރީތި ކަމަށް ކޮމެންޓުކުރި ބައެއް މީހުން ބުނެފައި ވެއެވެ.

މައިންބަފައިންގެ މަޝްހޫރުކަމުގެ ސަބަބުން ނައިސާ އަށް މީގެ ކުރިން ވަރަށް ގިނަ މައްސަލަތަކާ ވެސް ކުރިމަތިވެފައި ވެއެވެ. އޭނާ ޝެއާ ކުރާ ފޮޓޯތަކަށް މީހުން މަލާމަތްކޮށް އޭނާ ހެދުން އަޅާ ގޮތަށް ވެސް ފާޑު ކިޔާ ހަދާފައި ވެއެވެ. އަދި އޭނާގެ ހަމުގެ ކުލަޔާ ވެސް ބައެއް މީހުން އަޅައިގަނެގެން އުޅުނެވެ.

ނައިސާގެ ސްޓައިލް ބަދަލު ކޮށްލައި ރީތިވާން މަސައްކަތް ފެށީ މީހުންގެ މަލާމާތުގެ ސަބަބުން ކަމަށް ވަނީ ބެލެވިފަ އެވެ. ނައިސާގެ ދެ ފަރާތުގެ ވެސް އާއިލާގައި ގިނަ އަދަދެއްގެ އެކްޓަރުން ތިއްބަސް އޭނާގެ އަދި އެކްޓް ކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ކާޖޮލްގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ. އަދި ސިންގަޕޫރުގެ ޔުނިވަސިޓީއެއްގައި ނައިސާ ކިޔަވަނީ ވެސް އެހެން ރޮނގަކުން ކަމަށް ކާޖޮލް ބުނެފައި ވެއެވެ.