މިހާރު ކުރިއަށްދާ ކޮޕަ އެމެރިކާގައި މިއަދު ފަތިހު ބޮޑު ތަފާތަކުން ބޮލީވިއާ ބަލިކޮށް އާޖެންޓީނާ އާއި އެކު ލިއޮނެލް މެސީ އިންޓަނޭޝަނަލް ޓްރޮފީ އަކާއި ގާތަށް ޖެހިލައިފި އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ގިނަ ފަހަރު ހޯދާފައިވާ މެސީ ވަނީ އޭނާ ކުޅެމުން އަންނަ ބާސެލޯނާ އަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. ނަމަވެސް މިހާތަނަށް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި އޭނާގެ އުފަން ގައުމު ހެއްވާލެވިފައެއް ނުވެ އެވެ.
މެސީއަށް އަމިއްލަ ގައުމަށް ހޯދައިދެވިފައިވާ އެންމެ ބޮޑު ކާމިޔާބީ ތަކަކީ 2008 ވަނަ އަހަރު އޮލިމްޕިކްސްގެ ރަން މެޑަލް އާއި، ފީފާ ވޯލްޑް ކަޕް 2005ގެ 20 އަހަރުން ދަށުގެން ޗެމްޕިއަން ކަމެވެ. އެހެން ކަމުން މިހާރު މެސީ މިވަނީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއް ކާމިޔާބު ކުރުމުގެ ހުވަފެނާއި ގާތަށް ޖެހިލާފަ އެވެ.
ބްރެޒިލްގެ އެރީނާ ޕެންޓަނަލްގައި ބޮލީވިއާ އާއި އާޖެންޓީނާ ބައްދަލު ކުރި މެޗުން އާޖެންޓީނާ މޮޅުވީ 4-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ދެ ގޯލު ޖެހުމުގެ އިތުރުން މެސީ ވަނީ ގޯލެއް ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.
ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި އާޖެންޓީނާ އިން ލީޑު ނެގީ މެސީ ޖައްސާލި ބޯޅަ އަކުން އަލެހަންޑްރޯ ގޮމެޒް އެވެ. ދެވަނަ ގޯލު ޕެނަލްޓީ އަކުން މެސީ ކާމިޔާބު ކުރި އިރު ތިން ވަނަ ގޯލަކީ ކީޕަރުގެ ބޯމަތިން ސޮއްސާލައިގެން މެސީ ކާމިޔާބު ކުރި ވަރަށް ރީތި ގޯލެކެވެ. ފުރަތަމަ ހާފު ނިމުނީ 3-0 އިން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ. މިހާފުގައި ބޮލީވިއާ އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވިއެއް ނުވެ އެވެ.
ދެވަނަ ހާފު ފެށިގެން ބޮލީވިއާ އިން ވަނީ ކުޅުން ރަނގަޅު ކޮށްފަ އެވެ. އެގޮތުން އާޖެންޓީނާގެ ގޯލަށް ނުރައްކާކޮށް އެމީހުން ވަނީ 60 ވަނަ މިނެޓުގައި ގޯލެއް ޖަހާފަ އެވެ. މި ގޯލަކީ ޖުސްޓީނިއާނޯ ތިރިތިރިން ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސާވެޑްރާ ކާމިޔާބު ކޮށްދިން ގޯލެކެވެ. އޭގެ ފަސް މިނެޓު ފަހުން އާޖެންޓީނާ އަށް ލީޑު ފުޅާ ކޮށްދިނީ ލައުޓާރޯ މާޓިނެޒް އެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުޅުނީ މިއަދު ފަތިހު އުރުގުއާއީ އާއި ޕެރެގުއާއި އެވެ. މި މެޗުގައި 1-0 އިން އުރުގުއާއީ މޮޅުވީ އެޑިސަން ކަވާނީ ކާމިޔާބު ކޮށްދިން ޕެނަލްޓީ އަކުންނެވެ. އުރުގުއާއީން ވަނީ މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އިދިކޮޅު ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.
މި ނަތީޖާ ތަކާއި އެކު އާޖެންޓީނާ ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ދިހަ ޕޮއިންޓާއި އެކުގަ އެވެ. އަދި ހަތް ޕޮއިންޓާއި އެކު ދެ ވަނައިގައި އުރުގުއާއީ އޮތް އިރު ޕެރެގުއާއީ ތިން ވަނައިގައި އޮތީ ހަ ޕޮއިންޓު ލިބިގެންނެވެ. ޗިލީން ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރު ކުރީ ހަތަރު ވަނައިގައި ފަސް ޕޮއިންޓު ލިބިގެންނެވެ.
މިއާއި އެކު ކުއާޓާ ފައިނަލުގައި ޕެރެގުއާއި ބައްދަލުކުރާނީ ޕެރޫއާ އެވެ. ބްރެޒިލުން ޗިލީ އާއި ބައްދަލު ކުރާއިރު އުރުގުއާއީ ކުރިމަތި ލާނި ކޮލަމްބިއާ އެވެ. އަދި އާޖެންޓީނާ ވާދަ ކުރާނީ އެކުއަޑޯއާ އެވެ.