ރައްޔިތުންގެ މަޖިލިސް

ފަސިންޖަރުންގެ އަތުން ބޮޑު ފީ ނަގާނީ އަންނަ އަހަރުން ފެށިގެން

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސެންޖަރެއްގެ އަތުން ނަގާ ފީ އަންނަ އަހަރުން ފެށިގެން ބޮޑު ކުރަން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން ފާސް ކޮށްފި އެވެ.

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސެންޖަރެއްގެ އަތުން ޓެކްސް އާއި ފީ ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ. އެ ބިލު މަޖިލީހަށް ހުށަހެޅީ ޑިސެމްބަރު 7، 2019 ގައެވެ. އަދި މާޗް 20، 2020 ގައި ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު މުޅި މަޖިލީހުގެ އިގްތިސޯދީ ކޮމެޓީއަށް ފޮނުވި އެވެ. އޭގެ ފަހުން އެ ބިލު އިތުރަށް ދިރާސާ ކުރަން އިގްތިސޯދީ ކޮމެޓީއަށް ފޮނުވީ މިދިޔަ މޭ މަހުގެ 25 ވަނަ ދުވަހު އެވެ.

ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްހާއި ފީ ނެގުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު އައީ ނަގަމުން ނެވެ.

ނަމަވެސް ރަޝީދު ވަނީ އެއާޕޯޓް ސާވިސް ޗާޖު ނެގުން ނިމުމަކަށް ގެނެސް އޭގެ ބަދަލުގައި ޑިޕާޗާ ޓެކުހެއް ނަގަން އެ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފަ އެވެ. އޭނާ ހުށަހެޅުއްވީ އޭޕްރީލް 1، 2020 އިން ފެށިގެން އެ ޓެކްސް ނަގާށެވެ. ނަަމަވެސް ސަރުކާރުން ބިލު ހުށަހެޅި އިރު އެ ޓެކްސް ނަގަން ކަނޑައެޅި މުއްދަތު ފާއިތުވެފައިވުމާއެކު ފިނޭންސުން އެދުނު ގޮތަށް އަންނަ އަހަރުން ފެށިގެން އެ ޓެކްސް ނަގަން ކޮމެޓީން ވަނީ ފާސް ކޮށްފަ އެވެ. އެހެންކަމުން މިހާރު ވެސް ނަގަމުންދާ އެއާޕޯޓް ސާވިސް ޗާޖު މި އަހަރު ނިމެންދެން ނަގާނެ އެވެ.

އިކޮނޮމީ ކްލާހުން ރާއްޖެއިން ބޭރަށް ފުރާ ދިވެހި ފަސިންޖަރުންގެ އަތުން ދެން ވެސް ނަގާނީ 12 ޑޮލަރެވެ. ނަމަވެސް އެ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން ދެން ނާގާނީ 30 ޑޮލަރެވެ.

ބޭރަށް ދަތުރުކުރާ ނަމަ ނަގާނެ އިތުރު ޓެކްސްތައް

  • ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު
  • ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު
  • ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު

މި ޑިޕާޗާ ޓެކްސް ނަގަން ނިންމި ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން ދެ އަހަރު ނުވާ ކުޑަކުދިންގެ އަތުން އެ ޓެކްސް ނުނަގާނެ އެވެ.