ރައްޔިތުންގެ މަޖިލިސް

ފަތުރުވެރިން ރާއްޖެ އައުމުގެ ކުރިން ވިސާ ދޭން ގޮވާލާ ގަރާރެއް

ފަތުރުވެރިން ރާއްޖެ އައުމުގެ ކުރިން ވިސާ ދެވޭނެ ގޮތެއް ހެދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އެވެ.

މަޖިލީހަށް މި ގަރާރު ހުށަހަޅުއްވަމުން ހައިތަމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ރާއްޖެ އެތެރެވުމަށް ވިސާ ބޭނުންވާ 9.5 މިލިއަން މީހުން މި ގައުމަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް މި އަހަރު ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާކަން ފާހަގަކުރައްވާ ހައިތަމް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް ފަސޭހަކަމާއެކު ވިސާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން މުހިންމު ކަމަށެވެ.

ހައިތަމް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވިސާ ހޯދެން އޮތް ހަމައެކަނި ގޮތަކީ "އޮން އެރައިވަލް ވިސާ" ހޯދުން ކަމަށެވެ.

ފަތުރުވެރިން ރާއްޖެ އައުމަށްފަހު އޮން އެރައިވަލް ވިސާ ހޯދުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭކަމުގެ ޝަކުވާ މިހާރުވެސް ރާއްޖެ ޒިޔާރަތްކުރާ ބައެއް މީހުން ފާޅުކުރަމުންދާއިރު މިކަމަށް އެކަށީގެންވާ ހައްލެއް ހޯދިފައިނުވާ ކަމަށް ހައިތަމް ވިދާޅުވި އެވެ.

ރާއްޖެއަށް "އޮން އެރައިވަލް ވިސާ" ގައި އެތެރެވުމަށް އަންނަ ބައެއް މީހުންނަށް އެކި ސަބަބުތަކާ ހުރެ ވިސާ ނުލިބި އަނބުރާ ދާންޖެހޭ ހާލަތްތައް މެދުވެރިވުމުގެ ސަބަބުން އެ މީހުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް ހައިތަމް ވިދާޅުވި އެވެ.

ހައިތަމް ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 9،940 މީހަކު އެކި ސަބަބުތަކާހުރެ ރާއްޖޭގެ އިމިގްރޭޝަނުން ވިސާ ނުލިބި އަނބުރާ ފޮނުވާލެވިފައިވާ ކަމަށެވެ.

އެކަންކަން ހައްލުކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް ހާއްސަކޮށް މި ވަގުތު ހަމަޖެހިފައިނުވާ "ޓޫރިސްޓް ޕްރީ އެޕްރޫވްޑް ވިސާ އޮން އެރައިވަލް" ނޫނީ "އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން" ގެ ހިދުމަތް ތައާރަފުކޮށް އެ ހިދުމަތް ފުޅާކުރުމަށް މި ގަރާރުގައި ގޮވާލާފައިވެ އެވެ.