ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ވެރިންގެ ގޭގެ ސެކިއުރިޓީ ދަށްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދިރިއުޅުއްވާ ގޭގެ ސެކިއުރިޓީ ލެވަލް ދަށްކޮށްފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ ރައީސް ނަޝީދާއި އޭނާ ވެސް ދިރިއުޅުއްވާ ގ. ކެނެރީގޭގެ ސެކިއުރިޓީ ދަށްކުރީ އޭނާ އއ. މާޅޮހަށް ވަޑައިގެންނެވި ފަހުން ރޭގެ ވަގުތެއްގައި ކަމަށެވެ.

އެމްއެންޑީއެފުން އެ ބަދަލު ގެނައުމާ ގުޅިގެން ޓްވިޓާގައި ޑިފެންސް މިނިސްޓަރު ޓެގް ކުރައްވާ ނާޒިމް ވަނީ އެ ބަދަލު ގެނައީ ކީއްވެގެންތޯ ސުވާލު ވެސް ކުރައްވާފަ އެވެ.

ނާޒިމް ވިދާޅުވީ ކެނަރީގޭގައި ރައީސް ނަޝީދު ދިރިއުޅުއްވާ ބައިގައި ކުރިން ސިފައިންގެ ހަތް މީހަކު ތިބޭ ކަމަށެވެ. ނަމަވެސް މިހާރު އެތަނުގައި ހުންނަނީ ސިފައިންގެ އެންމެ މީހެއް ކަމަށެވެ.

"ކެނެރީގޭގެ މަގުމަތީގަ ދެ ގާޑުން ތިބޭނެ، އަދި އެތެރޭގައި ހަތަރު ގާޑުން ތިބޭނެ. އަދި އެސްޕީޖީ ގާޑެއް ވެސް އެބަހުރޭ. ޖުމުލަ ހަތް ގާޑުން ތިބި، އަޅުގަނޑު ފުރަން ދެން. އެކަމަކު މިހާރު އެންމެ ގާޑެއް ހުރި ކަމަށް މިވަނީ،" ނާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ ދިރިއުޅުއްވާ ހ. ސިސިލްހިޔާގެ ދޮރުމަތީގައި ރެއާ ހަމައަށް ހަތިޔާރާއެކު ސިފައިން ހަރަކާތްތެރި ވަމުން ދިޔަ އެވެ. ނަމަވެސް ރޭ މެންދަމުން ފެށިގެން އެ ގޭގެ ދޮރުމަތީގައި ސިފައިން ހަރަކާތްތެރި ނުވާ ކަން ވަނީ އަވަސްގެ ނޫސްވެރިންނަށް ފާހަގަ ކުރެވިފަ އެވެ.

ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ ސެކިއުރިޓީ ބަލަހައްޓަނީ ސިފައިންނެވެ. ނަމަވެސް މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ދިރިއުޅުއްވާ ގޭގެ ސެކިއުރިޓީ ދަށްކުރި މައްސަލާގައި އެމްއެންޑީއެފްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ ހަވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން ގައުމީ ދިފާއީ ބާރުން ވަނީ ސެކިއުރިޓީ ލެވަލް އެންމެ މަތިކޮށް، ހަތިޔާރާއެކު މުޅި ރާއްޖޭގައި ހަރަކާތްތެރިވާން ފަށާފަ އެވެ. ސެކިއުރިޓީ ލެވަލް އެމްބާ ލެވަލް އަށް މަތިކުރުމަށްފަހު ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެ ބޭފުޅުން ދިރިއުޅުއްވާ ގޭގެ ސެކިއުރިޓީ އާއި ދައުލަތުގެ މުހިއްމު އިދާރާތަކުގެ ސެކިއުރިޓީ ވެސް ސިފައިން ވަރުގަދަ ކުރި އެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފަސްވަނަ މީހާގެ މައުލޫމާތު ފުލުހުން އަދި ހާމަކޮށްފަ އެވެ. ހަމަލާއާއި ގުޅިގެން މަޖިލީހުން ވެސް ގެންދަނީ އިންކުއަރީ ހަދަމުންނެވެ. އިންކުއަރީގެ މަސައްކަތް މި ހަފްތާގެ ނިޔަލަށް ނިންމާލުމަށްވެސް މަޖިލީހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.