ޔޫރޯ 2020 އިގެ ގަދަ 16 ގައި މިރޭ އިންގްލެންޑާއި ޖަރުމަނު ބައްދަލު ކުރާ މެޗަކީ އިންގްލެންޑުން ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ 300 ވަނަ މެޗެވެ. އަދި 2007 ވަނަ އަހަރު އަލުން ސްޓޭޑިއަމް ހުޅުވި ފަހުން މިއީ އިންގްލެންޑު އެ ސްޓޭޑިއަމްގައި ކުޅޭނެ 77 ވަނަ މެޗެވެ. އެހެން ކަމުން މިރޭ އެޓީމުން ނުކުންނާނީ ގައުމީ ސްޓޭޑިއަމްގައި ކުޅޭ މެޗުން މޮޅުވެ ތާރީހުގައި ރަން އަކުރުން އެވާހަކަ ލިޔެލާށެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ރާއްޖެ ގަޑިން ނުވައެއް ޖަހާއިރު ކުޅޭ މި މެޗަކީ ދެ ގައުމަށް ވެސް މޮޅުވަން މަޖުބޫރު މެޗެކެވެ. މިއީ ޔޫރަޕިއަން ޗެމްޕިއަންޝިޕެއްގައި މި ދެޓީމު ވާދަ ކުރާ ތިންވަނަ ފަހަރެވެ. ޔޫރޯ 1996 ގައި ޖަރުމަނު މޮޅުވީ ސެމީ ފައިނަލުން އެއްވަރު ވުމުން ޖެހި ޕެނަލްޓީއިންނެވެ. އޭގެ ފަހުން 2000 ވަނަ އަހަރު އިންގްލެންޑް ވަނީ 1-0 ގެ ނަތީޖާ އަކުން ގްރޫޕް ސްޓޭޖުގައި ޖަރުމަނު ބަލިކޮށްފަ އެވެ.
އޮއިވަރު އޮތްގޮތް
އިންގްލެންޑުން މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރީ ހަތް ޕޮއިންޓާއެކު ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރު ކޮށްގެންނެވެ. ގްރޫޕްގެ އެއް ވަނައިގައި އިންގްލެންޑް ހަމަ ޖެހިގެން ދެވަނަ ބުރަށް ދަތުރު ކުރި ނަމަވެސް ގަދަ 16 އިގެ މެޗު އެމީހުންނަށް ފަސޭހަ ނުވާނެކަން ގައިމެވެ. ޖަރުމަނުން މުބާރާތުގެ ދެވަނަ ބުރު ޔަގީން ކުރީ މަރުގެ ގްރޫޕް ކަމުގައި ބެލެވުނު ގްރޫޕް އެފްގެ ތިން ވަނައިގައި ހިމެނި، ތިންވަނައިގެ ގަދަ ހަތަރަކަށް އަރައިގެންނެވެ. ޖަރުމަނު ގަދަ 16 އަށް ދަތުރު ކުރީ ހަތަރު ޕޮއިންޓާއެކު އެއް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރު އަދި އެއް މެޗުން ބަލި ވެގެންނެވެ.
މިއީ އިންގްލެންޑާއި ޖަރުމަނު ވެމްބްލީ ސްޓޭޑިއަމްގައި ބައްދަލު ކުރާ 13 ވަނަ މެޗެވެ. ފުރަތަމަ ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އިންގްލެންޑު މޮޅުވީރު ވޯލްޑު ކަޕު އިންގްލެންޑުން ނެގީ ވެމްބްލީގައި ޖަރުމަނު ބަލިކޮށްގެންނެވެ. ނަމަވެސް އެންމެ ފަހުން ވެމްބްލީގައި މި ދެޓީމު ކުޅުނު ހަތް މެޗުން ވެސް އިންގްލެންޑަށް މޮޅެއް ނުލިބެ އެވެ.
އަނެއް ކޮޅުން ވަރުގަދަ މެޗުތަކަކަށް ފަހު ޖަރުމަނުން މިރޭގެ މެޗަށް އޮތީ ވަރަށް ބޮޑަށް ތައްޔާރު ވެފަ އެވެ. ނަމަވެސް ޖަރުމަނާއެކު ގްރޫޕް އެފުން ދެވަނަ ބުރަށް ދަތުރު ކުރި ފްރާންސާއި ޕޯޗުގަލް ވަނީ ގަދަ 16 އިން ކަޓާފަ އެވެ.
އިންގްލެންޑް
އިންގްލެންޑުން މިހާތަނަށް ޔޫރަޕިއަން ޗެމްޕިއަންޝިޕެއްގެ ނޮކްއައުޓް މެޗެއްގެ 90 މިނެޓު ކުޅެގެން މޮޅުވެފައެއް ނުވެ އެވެ -- ހަތަރު އެއްވަރު ދެ ބަލި -- ހަތަރު މެޗުން އެއްވަރުވެ ޕެނަލްޓީ ޖަހާފައި ވާއިރު، އިންގްލެންޑް މޮޅުވީ އޭގެ ތެރެއިން އެންމެ މެޗަކުންނެވެ.
އެންމެ ފަހުން ވެމްބްލީގައި ކުޅުނު 15 މެޗުގެ ތެރެއިން 13 މެޗުން މޮޅުވެފައި ވުމާއި އެކު، އެމީހުންގެ ޑިފެންސް ލައިން ހަރުދަނާ ވުމަކީ މިރޭގެ މެޗަށް ނުކުންނަ އިރު އިންގްލެންޑަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމެވެ. ނަމަވެސް މިރޭގެ މެޗަށް ނުކުންނަ އިރު ޖަރުމަނުގެ ދެފަޅިން އުފައްދާ ހަމަލާތައް ނުހުއްޓުވިއްޖެ ނަމަ އިންގްލެންޑް މި މެޗުގައި ބަލިވުން ގާތެވެ.
އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނީ މާޒީއަށް ނުބަލައި މިރޭ އެޓީމު ނުކުންނާނީ މޮޅުވާން ކަމަށެވެ. އަދި ބިރު ނުގަނެ ހަމަޖެހިގެން ތާރީހު ބަދަލު ކޮށްލަން ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރު ވެފައި ކަމަށެވެ.
ޖަރުމަނު
މިރޭގެ މެޗަށް ނުކުންނަ އިރު ޖަރުމަނަށް ލިބޭނެ އެންމެ ބޮޑު ހިތް ހަމަޖެހުމަކީ އެޓީމުގެ ގުންޑުއާން އާއި ރުޑިގާއަށް މިރޭގެ މެޗުގައި ކުޅެވުމެވެ. މިހާރު މި ދެ ކުޅުންތެރިން ވަނީ އަނިޔާއިން ރަނގަޅުވެ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށާފަ އެވެ.
ޓީމުގެ ހާލަތަށް ބަލައި އެހެން މެޗުތަކާއި ހިލާފަށް މިރޭގެ މެޗުގައި ޖަރުމަނުން ހަތަރު ޑިފެންޑަރުން ލައިގެން ކުޅުން އެކަށީގެންވެ އެވެ. އަދި ޖަރުމަނުގެ ފަރިތަކުރުން ތަކުން ފެނިގެން ދިޔަ ގޮތުން އެމީހުން މިރޭ ބޮޑަށް ބަލާނީ ބައިކޮޅަށް ގޯލެއް ނުވަދެ ލިބޭ ފުރުސަތު ތަކުގައި އިދިކޮޅު ގޯލަށް ނުރައްކާ ކުރުމަށެވެ. އެޓީމުން ވަނީ ޕެނަލްޓީއަށް ދާން ޖެހިދާނެ ކަމަށް ބަލައި ޕެނަލްޓީގެ ފަރިތަކުރުން ތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ޖަރުމަނުގެ ކޯޗު ޔޯކިމް ލޯ ބުނީ ޓިމުގައި ރަނގަޅު ކުރަން ހުރި ބައެއް ކުދިކުދި ކަންތައް ރަނގަޅު ކުރެވިއްޖެ ނަމަ މިރޭގެ މެޗުން މޮޅު ވެވިދާނެ ކަމަށެވެ. އަދި އިންގްލެންޑުގައި ދަނޑުގައި މިރޭގެ މެޗު ކުޅޭތީ އެމީހުން އެޓޭކް ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ. އެހެން ކަމުން ހަންގޭރީގެ މެޗާއި ހިލާފަށް މިރޭގެ މެޗުގައި ޖަރުމަނަށް އެޓޭކް ކުރަން ފަސޭހަ ވާނެ ކަމަށް ލޯ ބުންޏެވެ.
ޖަރުމަނާއި އިންގްލެންޑުގެ ކުރިމަތިލުންތައް
މިހާތަނަށް މި ދެޓީމު ވަނީ 32 މެޗެއްގައި ކުރިމަތިލާފަ އެވެ. އޭގެ ތެރެއިން 13 މެޗުން އިންގްލެންޑު މޮޅުވި އިރު ހަތަރު މެޗުން ވަނީ އެއްވަރު ވެފަ އެވެ. އަދި ޖަރުމަނު ވަނީ 15 މެޗުން މޮޅުވެފަ އެވެ. އެންމެ ފަހުން ބޮޑު މުބާރާތެއްގައި މި ދެޓީމު ބައްދަލު ކުރީ 2010 ވަނަ އަހަރު ފީފާ ވޯލްޑް ކަޕުގެ ގަދަ 16 އިގަ އެވެ. އެ މެޗުން އިންގްލެންޑު ބަލިވީ 4-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.