ޔޫރޯ 2020 އިގެ މަރުގެ ގްރޫޕް ގޮތުގައި ބެލެވުނު ގްރޫޕް އެފް އިން ދެވަނަ ބުރަށް ދަތުރު ކުރި ތިން ޓީމު ކަޓައި މަރުގެ ގްރޫޕް މުބާރާތުގައި މަރު ވެއްޖެ އެވެ.
މެމްބްލީ ސްޓޭޑިއަމްގައި މިރޭ ޖަރުމަނާއި އިންގްލެންޑް ވާދަކުރި މެޗުން އިންގްލެންޑް މޮޅުވީ 2-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ދެ ލަނޑުވެސް ފެނުނީ ދެވަނަ ހާފުގަ އެވެ.
ފުރަތަމަ ހާފުގައި ދެ ޓީމުން އިސްކަން ދިނީ ބައިކޮޅަށް ގޯލެއް ވަނަ ނުދީ ޑިފެންސް ކުރުމަށްފަހު ލިބޭ މަދު ފުރުސަތު ތަކުގައި އިދިކޮޅު ގޯލަށް ނުރައްކާ ކުރުމަށެވެ. އެހެންކަމުން ފުރަތަމަ ހާފުގައި މާގިނަ ހަމަލާ ތަކެއް ނުފެނެ އެވެ. ދެޓީމުގެ ފަރާތުން ފެނުނީ ދާދި އެއްވަރެއްގެ އާދައިގެ ކުޅުމެކެވެ. އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމުނު އިރު ޖަރުމަނަށް ލިބުނު ފްރީކިކަކުން ހަވާޓްޒް ފޮނުވާލި ބޯޅަ އިންގްލެންޑް ކީޕަރު ވަނީ މަތަ ކޮށްފަ އެވެ. އަދި އިންގްލެންޑުގެ ކޭން އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް ޖަރުމަނުގެ ޑިފެންޑަރު ހުމެލްސް ވަނީ ހުށިޔާރު ކަމާއި އެކު އެބޯޅަ ދިފާއު ކޮށްފަ އެވެ.
ދެވަނަ ހާފުގައި އިންގްލެންޑުން ލީޑު ނެގީ ރަހީމް ސްޓާލިން ޖަހައިދިން ލަނޑަކުންނެވެ. މެޗުގެ 75 ވަނަ މިނެޓުގައި ސްޓާލިން މި ގޯލު ކާމިޔާބު ކުރީ ހުރަސް ވެގެން އައި ބޯޅައެއް ޖަރުމަނު އޭރިއާ ތެރޭގައި ހުރެފައި ގޯލަށް ފޮނުވާލައިގެންނެވެ. މި ގޯލަކީ މި މުބާރާތުގައި ކުޅުނު ހަތަރު މެޗުގައި އޭނާ ކާމިޔާބު ކުރި ތިންވަނަ ގޯލެވެ.
އޭގެ ފަހުން ނަތީޖާ ހަމަކުރުމަށް ޖަރުމަނަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. ޖަރުމަނުގެ ތޯމަސް މުލާއަށް ލިބުނު ބޯޅަ އޭނާ ބޭނުން ގޮތަކަށް ކީޕަރު ކައިރިން ނައްޓާފައި ގޯލަށް ޖެހެން އޮތެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ނުހިފި އޭނާ ތިރިތިރިން ފޮނުވާލި ބޯޅަ ދިޔައީ އިންގްލެންޑު ގޯލުގެ ކަނާތު ފަޅިން ބޭރަށެވެ.
ޖަރުމަނަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުން އިންގްލެންޑުން ވަނީ ލީޑު އިތުރަށް ފުޅާ ކޮށްފަ އެވެ. ހެރީ ކޭން ޖަހައިދިން މިގޯލަކީ ވެސް ޓީމުގެ ކުޅުންތެރިއެއް ދިން ހުރަހަކުން ޖެހި ބޯޅަ އެކެވެ. މެއާއި ހަމައިން އައި އެބޯޅަ ކޭން ގޯލަށް ވައްދާލީ ވެއްޓިލާފައި ބޮލުން ޖަހައިގެންނެވެ.
މެޗު ނިމެނިކޮށް ޖެހި މި ލަނޑާއި އެކު ވެމްބްލީ ސްޓޭޑިއަމް ހީވީ ކެކިއަރައިގެން ހެންނެވެ. މިރޭ ކުޅުނު މެޗަކީ އިންގްލެންޑުން ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު 300 ވަނަ މެޗެވެ. މި މެޗުން މޮޅުވެ އެމީހުން ވަނީ ތާރީހުގައި އެމީހުންގެ ނަން ރީތި ކޮށްފަ އެވެ.
މި ނަތީޖާ އާއި އެކު ގަދަފަދަ ޖަރުމަނަށް މުބާރާތް ނިމުނީ އެވެ. އަދި ކުއާޓާ ފައިނަލުގައި އިންގްލެނޑުން ބައްދަލު ކުރާނީ މިރޭ ސްވިޑެން އާއި ޔޫކްރެއިން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. ކުއާޓާ ފައިނަލުގައި އިންގްލެންޑް ކުޅޭނީ 4 ޖުލައިވާ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު އެވެ.