މިނިވަން50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުވައްމުލަކުގެ ޗެމްޕިއަންކަން ދޫޑިގަން އަދި އައްޑޫ ސިޓީގެ ޗެމްޕިއަންކަން ފޭދޫ ޓީމު ހޯދައިފި އެވެ.
މި ދެ ޓީމު ޗެމްޕިއަންކަން ހޯދުމުން ޒޯން އަށަކުން ފައިނަލް ބުރަށް ވާދަކުރާނީ މިދެ ޓީމެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ޕްލޭއޯފް ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު ފުވައްމުލަކުގަ އެވެ. އަދި ފަހު މެޗު އޮންނާނީ ޑިސެމްބަރު ހަތަރެއްގައި އައްޑޫގަ އެވެ.
ފުވައްމުލަކުގެ ޗެމްޕިއަންކަން ދޫޑިގަން ހޯދީ މުބާރާތުގައި ވާދަކުރި އަނެއް ޓީމު ކަމަށްވާ ދަނޑިމަގުގެ މައްޗަށް ދެ ލެގުގެ އެގްރީގޭޓުން ކުރި ހޯދައިގެންނެވެ. އައްޑޫގައި ލީގު އުސޫލުން ބުރެ ކުޅެގެން ފޭދޫ ޗެމްޕިއަންކަން ހޯދީ ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށް 15 ޕޮއިންޓާއެކުގަ އެވެ. އެ ޓީމަށް ވިކްޓަރީ އާއި ނިއު އަދި ގައުމީ ޓީމަށް ކުޅުނު އަހުމަދު ސައީދު (އައްމަޓީ) ވެސް ކުޅުނުނެވެ. ދެ ވަނަ ހޯދީ ހިތަދޫ ޓީމެވެ. ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) ކުޅުނު ހިތަދޫ ޓީމަށް ލިބުނީ 12 ޕޮއިންޓެވެ.
މިނިވަން50 ޗެމްޕިއަންޝިޕުގައި ދެކުނުގެ ހަތަރު ޒޯނުގެ ޗެމްޕިއަނުންގެ މުބާރާތް ކުޅޭނީ އައްޑޫގަ އެވެ. އުތުރުގެ ހަތަރު ޒޯނުގެ މުބާރާތް ކުޅޭނީ ކުޅުދުއްފުށީގަ އެވެ. މި ދެ މުބާރާތުގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތުން ޖާގަ ލިބޭނެ އެވެ.