މޯލްޑިވްސް ޕޮލިސް ސާވިސް

އަނިޔާކުރި ތިން ފުލުހަކު ވަކިކޮށްފި

ޅ. ނައިފަރު ޒުވާނަކަށް ފުލުހުން އަނިޔާ ކުރި މައްސަލާގައި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށްފި އެވެ.

ފުލުހުންނަށް މިމައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު އެވެ.

ފުލުސް އިދާރާގެ މިޑިއާ އޮފިޝަލަކު ވިދާޅުވީ ނައިފަރުގައި ދިމާވި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ތިން މީހަކު ފުލުހުންގެ ވަޒީފާ އިން ވަކި ކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އެހެން ދެ ފުލުހަކު މިހާރު ތިބި ރޭންކުން އެއް ރޭންކް ދަށްކުރުމަށް ވެސް މިމަހުގެ 22 ވަނަ ދުވަހު ވަނީ ނިންމާފަ އެވެ.

އޭނާ ވިދާޅުވީ މައްސަލާގައި ފިޔަވަޅު އަޅާފައިވާ ފުލުހުން އެ މައްސަލަ އިސްތިއުނާފް ކުރަން ބޭނުން ވާނަމަ ބަންދު ދުވަސްތައް ނުހިމަނާ ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.

ނައިފަރު ޒުވާނަކަށް ފުލުހުން އަނިޔާކުރީ ފުލުހަކު ކައިވެނި ކޮށްގެން އުޅޭ މީހަކާ "ފޮށުނު" ކަމަށް ބުނެ އެވެ. މި މައްސަލަ ފެންމަތިވުމާ އެކު އެ ރަށުގައި ޒުވާނުންތަކެއް މީގެކުރިން ފުލުހުންނާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައިވެ އެވެ.