މޯލްޑިވްސް ޕޮލިސް ސާވިސް

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

Aug 4, 2022

މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހުންގެ ތަހުގީގަށް ފިލައިގެން އުޅޭ މީހަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ފޮޓޯއާއި ވަނަވަރު އާންމުކޮށް ހޯދަމުން ދަނީ ގދ. ގައްދޫ، ވިލަސް، މުހައްމަދު ޒަހްވާން (21އ) އެވެ.

ފުލުހުން ބުނީ ޒަހްވާން ހޯދަމުން ދަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.

ޒަހްވާން ފުލުހުންގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވި ނަމަވެސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ޒަހްވާންގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކި ތަނެއް އެނގިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މައި މަރުކަޒު -- ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވުމަށް ޒަހްވާން އަށް ފުލުހުން އަންގާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު އެވެ.

ޒަހްވާންއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކޮށްދިނުމަށްވެސް ފުލުހުން އެދިފައިވެ އެވެ.