ހަބަރު

ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދަން މުޅި އަހަރަށް ބަހާލައިގެން ބޮޑު އޮޕަރޭޝަނެއް ފަށައިފި

Jan 15, 2015
1

ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދަން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން ބުނީ އިއްޔެ ފެށި އޮޕަރޭޝަނެއްގައި އިއްޔެ މާލެއިން އެކަނި ވެސް ގަވާއިދާ ޚިލާފަށް އުޅުނު 104 ބިދޭސީއަކު ހިފަހައްޓައި، އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. މުޅި އަހަރަށް ބަހާލައިގެން ހިންގާ އެ އޮޕަރޭޝަންގައި ފުލުހުންނާއި އިމިގްރޭޝަނުން ދަނީ ބިދޭސީން ހުއްޓުވައި، އެ މީހުންނާ ސުވާލުކޮށް މައުލޫމާތު ސާފު ކުރަމުންނެވެ.

މީގެ އިތުރުން އަތޮޅުތަކުގައި ވެސް އެފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބައެއް ރަށްރަށުގައި މިހާރު ވެސް އެފަދަ އޮޕަރޭޝަންތައް ކުރިއަށް ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެގޮތުން ގދ. ގައްދޫގައި ގަވާއިދާ ޚިލާފަށް އުޅުނު 28 ބިދޭސީއަކު ވެސް ވަނީ ހިފަހައްޓައިފަ އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ސީދާ އަދަދު މިހާތަނަށް އެއްވެސް ފަރާތަކަށް ހާމަ ނުކުރެވޭ ނަމަވެސް ލައްކައަކާ ގާތްކުރާ އަދަދެއްގެ ބިދޭސީން ރާއްޖޭގައި އުޅޭނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރެއިން ބޮޑު ބަޔަކީ ގަވާއިދާ ޚިލާފަށް އުޅެމުންދާ މީހުންނެވެ.