އަހުމަދު ނަސީމް

ޖުލައި 20 ގެ ކުރިން ވެކްސިން ލިބޭނެ

ކޮވިޑުން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިން ކުރިއަށް އޮތް ޖުލައި 20 ގެ ކުރިން ލިބޭނެ ކަމަށް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ވެކްސިން ލިބޭނެ ސީދާ ތާރީހެއް ދަންނަވަން ނޭނގުނު ނަމަވެސް އަންނަ މަހުގެ 12 ވަނަ ދުވަހާ 20 ވަނަ ދުވަހާ ދެމެދުގައި ވެކްސިން ލިބޭނެ ކަމަށެވެ. އަދި މި މުއްދަތުގައި ލިބޭނީ އެސްޓްރާޒެނެކާ ވެކްސިން ކަމަށް ވިދާޅުވި އެވެ.

އެސްޓްރާޒެނިކާ ވެކްސިން ޑޯޒު ތަކުގެ ތެރެއިން ފަސް ލައްކަ ޑޯޒް ޖުލައިގައި ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިމަހުގެ އަށްވަނަ ދުވަހު ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ވިދާޅުވެފަ އެވެ. އަދި ރަޝިއާއިން އުފައްދާފައިވާ ސްޕަޓްނިކް ވެކްސިން ގެނައުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި އެއްބަސްވުމުގައިވާ ގޮތުން ހަތަރު ހަފްތާގެ ތެރޭގައި އެ ވެކްސިން ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިންގެ ހަތްލައްކަ ޑޯޒް ގަންނަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހުއްދަ ދެއްވީ މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހު އެވެ. މިނިސްޓަރުގެ ހުއްދައިގެ ދަށުން އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިންގެ ހަތް ލައްކަ ޑޯޒް ގަތުމަށް އެ ކުންފުންޏާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

އެސްޓްރާޒެނެކާ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އެމަޖެންސީ ޔޫޒް ލިސްޓްގައި ހިމެނޭ ވެކްސިނެކެވެ. އަދި މިހާތަނަށް 115 ގައުމެއްގައި އެމަޖެންސީ ޔޫޒް އެޕްރޫވަލް ލިބި އެ ވެކްސިން ދަނީ ބޭނުން ކުރަމުން ނެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް އިމަޖެންސީ ހާލަތްތަކުގައި ބޭނުން ކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ އެ ވެކްސިނަށް ހުއްދަ ދީފަ އެވެ.