ދުނިޔެ

ޓައިވާނަކީ ގައުމެއް ކަމަށް ޖަޕާނުން ބުނުމަކީ މައްސަލައެއް: ޗައިނާ

ޖަޕާނުން ބަހާއި އަމަލުން އަދި އެހެން ގޮތަކުން ނަމަވެސް ޓައިވާނަށް ގައުމެއްގެ ދަރަޖަ ދިނުމަކީ ބޮޑު މައްސަލައެެއް ކަމަށް ޗައިނާއިން ބުނެފި އެެވެ. ޗައިނާއިން ބުނީ ޓައިވާނަށް ނިސްބަތްކޮށް އެއީ ގައުމެއް ކަމަށް ޖަޕާނުން ބުނި ސަބަބު އޮޅުފިލުވައި ދޭން ޖެހޭ ކަމަށެެވެ.

ޖަޕާންގެ ޑިޕިއުޓީ ޑިފެންސް މިނިސްޓަރު ޔަސުހިޑޭ ނަކަޔަމާ ރަސްމީ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޓައިވާނަކީ ޑިމޮކްރެޓިކް ގައުމެއް ކަމަށާއި ނުފޫޒުތަކުން ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ. ނުފޫޒުތައް ކަމަށް ޔަސުހިޑޭ ވިދާޅުވެ ވަކި ދިމާއަކަށް އިނގިލި ދިއްނުކުރެއްވި ނަމަވެސް އެބަސް ރައްދުވަނީ ޗައިނާއަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދުގައި އޮތް އިހުލާސްތެރި އެއްބަސްވުމަކީ އިހުތިރާމް ކުރުމާއި ކަމޭހިތުން ކަމަށެވެ. ޓައިވާނަކީ ގައުމެއް ކަމަށް ބުނެ ވަކާލާތު ނުކުރާނެ ކަމަށް ޖަޕާނުން އެއްތައް ފަހަރަކު ވައުދުވެފައިވާ ކަމަށް ވެސް ޗައިނާއިން ބުންޏެވެ.

ޗައިނާއިން ބުނީ ޖަޕާނުން ބުރަވާ ގޮތެއް މުޅިން ސާފުވާން ޖެހޭ ކަމަށާއި ދެން އޮތް ގޮތަކީ ޓައިވާނަކީ ގައުމެއް ކަމަށް ދުވަހަކު ވެސް ނުބުނުން ކަމަށެވެ.

ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޓައިވާންއަކީ ޗައިނާގެ ޕްރޮވިންސެކެވެ. އަދި ކޮންމެވެސް ދުވަހަކުން ޓައިވާން އޮންނާނީ ޗައިނާ މައި ސަރުކާރުގެ ބެލެނިވެރިކަމުގެ ދަށުގަ އެވެ. އެހެން ނަމަވެސް ޓައިވާން މީހުން ގަބޫލު ކުރަނީ އެއީ ވަކި ގައުމެއް ގޮތުގަ އެވެ.

ޔަޝުހިޑޭ ވިދާޅުވީ ޗައިނާއާ ރަޝިއާ މާބޮޑަށް ގާތްވުމަކީ ވެސް ނުރައްކަލެއް ކަމަށާއި ދެ ގައުމު އެކުގައި ލާހިތްވަރަކީ ޗައިނާއަށް ވަރަށް ބޮޑު އިތުބާރަކަށް ވެފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ޗައިނާގެ ޖައްވީ ޕްރޮގްރްމާއި މިސައިލް ޕްރޮގްރާމަކީ ވެސް އަވަށްޓެރިންނަށް ނުރައްކަލެއް ކަމަށާއި ޗައިނާގެ މަގުސަދު ސާފުވާން ޖެހޭ ކަމަށެވެ.

ޗައިނާ ހަމައަކަށް އެޅުވޭނީ އެމެރިކާއަށް ކަމަށާއި ޖަޕާނަށް އަދި ސަރަހައްދީ ގައުމުތަކަށް އެމެރިކާއިން އެހީތެރިވާން ޖެހޭ ކަމަށް ވެސް ޖަޕާންގެ ޑިޕިއުޓީ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ޖަޕާނުން ބަސްމަގަށް ވިސްނަން ޖެހިފައިވާ ކަމަށާއި ޗައިނާގެ މިނިވަންކަމާ އިސްތިގުލާލާ ގުޅުން ހުރި މައުލޫތަކަށް ބަހުސް ނުކުރެވޭނެ ކަމަށެވެ.