ދުނިޔެ

ހޭ ހުއްޓާ އީރާނަށް ނިއުކްލިއާ ބާރަކަށް ނުވެވޭނެ: ބައިޑަން

އިޒްރޭލުގެ ރައީސް ރޫވެން ރިވްލިން އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި، ރައީސް ޖޯ ބައިޑަންއާ ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާކަހަތަކުގެ މައިގަނޑަކީ އިޒްރޭލާ ފަލަސްތީން އަދި އިޒްރޭލުގެ ރައްކާތެރިކަމާ ސަލާމަތްތެރި ކަމެވެ. އީރާނާ ބެހޭ ގޮތުން ވެސް ދޭތެރެ ދޭތެރެއިން ދެ ބޭފުޅުން ބަސް ވިދާޅުވި އެވެ.

ބައިޑަން އީރާނާ ބެހޭ ގޮތުން ރިވްލީން އަރިހުގައި ވިދާޅުވީ އެމަނިކުފާނާއި ސަރުކާރު ދެމިއޮތްހާ ހިނދަކު އީރާން ނިއުކްލިއާ ބާރަކަށް ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނު ހޭވަރިވެ ހުންނަވަނިކޮށް އީރާނަށް ނިއުކްލިއާ ބޮމެއް އުފައްދަން ލާހިކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ރިވްލިން ވިދާޅުވީ އެމެރިކާއަށް ވުރެ ބޮޑަށް އިޒްރޭލުން އިތުބާރުކުރާ އެކުވެރިއަކު ނެތް ކަމަށާއި އެމެރިކާގެ ހިކުމަތްތެރި ކަމަށް ތައުރީފު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާއަށް އޮންނަ އިތުބާރަކީ އިޒްރޭލަށް ދިރުމެއް ކަމަށެވެ.

ރޫވެން ރިވްލިންގެ މި ދަރުރުފުޅަކީ އެމަނިކުފާނު މަގާމުގައި ހުންނަވައި ބައިޑަންއާ ބައްދަލު ކުރައްވަން ލިބިވަޑައިގަންނަވާ އެންމެ ފަހުގެ ފުރުސަތެވެ. ސަބަބަކީ އިޒްރޭލުގެ ރައީސަކަށް އައްޔަން ކުރެވޭ ބޭފުޅަކަށް ލިބިވަޑައިގަންނަވަނީ ހަތް އަހަރުގެ އެންމެ ދައުރަކަށް ވުމެވެ. އަދި މިހާރު ހިނގަމުންދާ ދައުރު ޖުލައި 9، 2021 ގައި ހަމަވުމުން މަގާމު ދޫކޮށްލައްވަން ރިވްލިންއަށް ޖެހިވަޑައި ގަންނަވާނެތީ އެވެ.