ވ. ބޮޑުމޮހޮރާގައި ތަރައްގީކުރާ "ޖާބިރު ހެޕީ ކްލަބް" މާދަމާއިން ފެށިގެން އާންމުންނަށް ހުޅުވާލާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
އެ ރަށުގައި ހުންނަވައިގެން ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ވީޑިއޯ އެއްގައި ޖާބިރު ވިދާޅުވީ މާދަމާއިން ފެށިގެން ހުރިހާ ދިވެހި ރައްޔިތުންނަށް އެރަށުން މަރުހަބާ ކިޔާނެ ކަމަށެވެ.
ޖާބިރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ ދަނޑިވަޅެއްގައި ބޮޑުމޮހޮރާ ދިވެހި ރައްޔިތުންނަށް ހުޅުވާލަނީ އެ ރަށުގެ ފޭސް އެކެއްގެ ގޮތުގައި ކަމަށެވެ. އެރަށަށް ދަތުރު ކުރެވޭނެ އުސޫލެއް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ބޮޑުމޮހޮރާ އަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް އެއްވެސް ފީއަކާ ނުލައި އެ ރަށަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ވެސް ޖާބިރު ވަނީ ނިންމަވާފަ އެވެ.
ބޮޑުމޮހޮރާއަކީ ރިސޯޓެއް ތަރައްގީކުރަން ޖާބިރަށް 2012 ވަނަ ދޫކޮށްފައިވާ ރަށެވެ. އޭރު އެރަށް ދީފައިވަނީ ޖާބިރާއި އަނބިކަނބަލުން ދިޔާނާ ސައީދުގެ ހިއްސާ އޮންނަ މެރިން ޓެކްނޮލަޖީ މޯލްޑިވްސް އަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެ ރަށް ޖާބިރުގެ އަތުން ނަގާފަ އެވެ. ޖާބިރަށް ފަހުން ބޮޑުމޮހޮރާ ލިބުނީ އޭނާއަށް އެ ރަށް ދޭން ކޯޓުން ހުކުމްކުރުމާ ގުޅިގެނެވެ.