ކުނި މެނޭޖް ކުރުން

19 ރަށެއްގައި ކުނި މެނޭޖް ކުރެވޭނެ ގޮތް ހަދަނީ

ރާއްޖޭގެ 19 ރަށެއްގައި ކުނީގެ މައްސަލައަށް ހައްލު ހޯދަން އިމާރާތް ކުރާ އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރުތައް ގާއިމު ކޮށްދޭނެ ފަރާތެއް ހޯދަން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މި ރަށްތަކުގައި އިމާރާތް ކުރާ ސެންޓަރުތަކުގެ ބިޑް ސެކިއުރިޓީގެ ގޮތު ހަމަޖައްސާފައިވާ ފައިސާގެ އަދަދު ހާމަ ކޮށްފަ އެވެ.

ހއ. މާރަންދޫ އާއި އުލިގަމާއި މޮޅަދޫ އާއި ތަކަންދޫ އާއި މުރައިދޫއަށް ހަމަޖައްސާފައި ވަނީ 70،000ރ. އެވެ. ހދ. ނޮޅިވަރަމާއި ކުމުންދޫ އާއި ވައިކަރަދޫ އާއި މަކުނުދޫ އާއި ފިނޭ އާއި ހިރިމަރަދޫ އަދި ކުރިނބީ ހަމަޖައްސާފައި ވަނީ 88،000 ރ. އެވެ. މީގެ އިތުރުން ށ. ބިލަތްފައްސާއި ފީވަކާއި ފޭދޫ އާއި ކަނޑިތީމާއި ޅައިމަގު އަދި ނޫރަމަރާގެ ބިޑް ސެކިއުރިޓީއަކީ 60،000ރ. އެވެ.

ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. ޕްރޮޖެކްޓްތަކުގެ ބީލަން ހުޅުވުން އޮންނާނީ 15 އޮގަސްޓް 2021 ވަނަ ދުވަހު އެވެ.

މި މަސައްކަތް ކުރާނީ ދިވެހި ސަރުކާރަށް އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމެންޓް (އޮފިޑް) ލޯނުގެ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ކަމަށެވެ.