އުއްތަމަ ފަޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ތަނެއް ދައުލަތުން ހަމަޖައްސަން ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މި ދެ ބިލް ފާސްކުރީ މިމަހުގެ 21 ވަނަ ދުވަހު ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގަ އެވެ. މި ދެ ބިލް ވެސް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ.
އުއްތަމަ ފަޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ތަނަކާއި އެބޭފުޅުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ.
މަޖިލީހުން މި ދެ ބިލް ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް ބޮޑެތި ބަދަލުތަކަކާ ނުލަ އެވެ. ނަމަވެސް ގެއެއް ހަމަޖައްސައި ދޭން ވާނެ ކަމަށް ދެ ބިލްގައި ވެސް ބުނެފައިވާތީ ދެ ބިލް ދިރާސާކުރި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ އިބާރާތަށް ބަދަލެއް ގެނެސްފައިވެ އެވެ. އެގޮތުން ކޮމިޓީން ވަނީ ގެއެއްގެ ބަދަލުގައި ދިރިއުޅުއްވާނެ ތަނެއް ހަމަަޖައްސައި ދޭން ޖެހޭނެ ކަމަށް ދޭހަވާ ގޮތަށް އިބާރާތް އިސްލާހު ކޮށްފަ އެވެ. ކޮމިޓީ އެގޮތަށް އިބާރާތް އިސްލާހު ކުރީ ގެއެއް ހަމަޖައްސައި ދޭން ޖެހޭނެ ކަމަށް ކަނޑައަޅައިފިނަމަ އެތަނަކީ ވަކިން ހުންނަން ޖެހޭ އިމާރާތެއްގެ ގޮތުގައި ސިފަ ކުރުމުގެ ފުރުސަތު އޮންނާނެތީ އެވެ. މަޖިލީހުން ދެ ބިލް މިއަދު ފާސްކުރީ އެ އިސްލާހާ އެކު އެވެ.
ވަކިވަކިން ހުށަހަޅާފައިވާ މި ދެ ބިލްގައިވާ ގޮތުން އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރު ކޮށްދޭން ޖެހޭނީ އެމްއެންޑީއެފުންނެވެ. އެ ދެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް މިހާރު ވެސް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދެނީ ސިފައިންނެވެ.
އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ހަމަޖައްސާ ތަނަކަށް ހިނގާނެ ހަރަދާއި މުވައްޒަފުން ހަމަޖެއްސުމަކީ ބިލްގައިވާ ގޮތުން އެ ދެ ބޭފުޅުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތަކެކެވެ. އެއީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އެވެ.
އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އާއިލާގެ ގޮތުގައި ބިލްގައި ބަލާފައިވަނީ އެ ބޭފުޅެއްގެ އަނބިކަނބަލުން ނޫނީ ފިރިކަލުންނާއި، މަންމަ އާއި ބައްޕަ އަދި 18 އަހަރު ނުފުރޭ ދަރިންނެވެ. އަށާރަ އަހަރުން މަތީގެ ދަރިންގެ ތެރެއިން ކައިވެނިކޮށްގެން ނޫޅޭ ދަރިންނާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިން ވެސް އާއިލާގެ ތެރޭގައި ހިމަނާފައިވެ އެވެ.
މި ދެ ބިލްގެ ބަހުސްގައި މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގެ އަލުން ރިޔާސީ ގަނޑުވަރަކަށް ބަދަލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެތަނަށް ބަދަލުކުރުމަށްވެސް ހުށަހަޅުއްވާފަ އެވެ.
އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންގެވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގޭގަ އެވެ.