ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ބޮމުގެ ހަމަލާ އާއި ގުޅިގެން ސަލާމަތީ ހިދުމަތް ދޭ މުއައްސަސާތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހެދުމަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންޓެލިޖެންސް އޮޑިޓްގެ ޕްރިލިމިނަރީ ރިޕޯޓެއް މީގެ ދެ ދުވަސް ކުރިން ރައީސް އަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
"މި ރިޕޯޓްގައި ބޮޑަށް ހުންނާނީ ފައިންޑިންގްސް ތަކެއް. މި ވަގުތަށް ޔަގީން ކޮށްދެވެން އޮތީ ޕްރިލިމިނަރީ ރިޕޯޓެއް ލިބިފައި އޮތް ކަން. އަދި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަން،" ހޫދު ވިދާޅުވި އެވެ.
އެމްއެންޑީއެފް އަދި ފުލުހުންގެ އިންޓެލިޖެންސްގެ އޮޑިޓެއް ހަދަން ހަތަރު ބޭފުޅުންގެ ކޮމިޓީއެއް އެކުލަވާލައި އެކަން ކުރަން ރައީސް އެންގެވީ މި މަހުގެ ނުވަވަނަ ދުވަހު އެވެ. ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސް ބޭފުޅުންތަކެއް ހިމެނޭ އެ ކޮމިޓީގައި އިސްކޮށް ހުންނެވީ ސެކްރެޓެރީ، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާސް އޮފީސް އައިޝަތު ނޫޝީން ވަހީދު ކަމަށް ވެއެވެ.
ރައީސް ސޯލިހް ކުރީން ވިދާޅުވީ ރައީސް ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދެވުނުއިރު އިންޓެލިޖެންސަށް ނޭނގުނީ ކީއްވެގެންތޯ ބައްލަވަން އެމަނިކުފާނު ވެސް ބޭނުންފުޅުވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީ އާއި ގުޅިގެން ދިރާސާއެއް ހެއްދެވި ކަމުގައިވެސް ވިދާޅުވި އެވެ.
އިންޓެލިޖެންސް ވަރުގަދަކުރަން ޖެހިފައިވާ ކަމަށް ރައީސް ސޯލިހް ގަބޫލުފުޅު ވެސް ކުރައްވަ އެވެ. އިންޓެލިޖެންސް އޮޑިޓް ރިޕޯޓް ލިބުމުން އިންޓެލިޖެންސާއި ރައީސް ނަޝީދުގެ ސެކިއުރިޓީ މިހާރަށް ވުރެ ވަރުގަދަ ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހް މީގެ ކުރިން ވަނީ ދެއްވާފަ އެވެ.
ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުގެ އޮޑިޓެއް ހެދުމަށް އެންގެވިއިރު ރައީސް ނަޝީދު އަހަވާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާއި ގުޅިގެން އެ މައުލޫމާތު ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ހިއްސާ ކުރެއްވި ކަމަށް ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ވިދާޅުވެފަ އެވެ. އަދި އިލްޔާސް އެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަަށް މާރިޔާ ވެސް ވިދާޅުވެފައިވެ އެވެ. އެހެންވެ ރައީސް ނަޝީދަށް ހަމަލާ ދެވުނީ މިނިސްޓަރު މާރިޔާއާ ހިއްސާކުރި މައުލޫމާތަށް ބަލައި ފިޔަވަޅު ނޭޅުމުން ކަމަށް ބުނެ އެމްޑީޕީގެ ބައެއް އިސް ބޭފުޅުންގެ ފާޑުކިޔުން މިނިސްޓަރު މާރިޔާ އަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.