ޔޫރޯ 2020 އިގެ ގަދަ 16 ގައި އިންގްލެންޑް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެ މުބާރާތުން ކެޓުމުގެ ޒިންމާ ޖަރުމަނުގެ ކޯޗު ޔޯކިމް ލޯ ނަގައިފި އެވެ.
ޖަރުމަނަށް މުބާރާތް ނިމުމާއެކު ޖަރުމަނުގެ ކޯޗު ކަމުން ވަކިވުމުގެ ކުރިން ލޯ ބުނީ މިއީ އޭނަ އުންމީދު ކުރި ފެއާވެލް ނޫން ކަމަށާއި، ލިބުނު ހިތާމަ ވަރަށް ބޮޑު ކަމަށެވެ. އަދި ހުރިހާ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެމުން އޭނާ ބުނީ ބަލިވުމުގެ ޒިންމާ އޭނާ ނަގާ ކަމަށެވެ. އަދި "ނަމަނަމަ" އަކުން ވާނެ ކަމެއް ނޯންނާނެ ކަމަށާއި އޭނާއަށް ހެދުނު މިސްޓޭކުތައް ގަބޫލު ކުރާ ކަމަށެވެ. ޖަރުމަނުގެ ކޯޗު ކަމާއި އަލަށް ހަވާލުވާ ހެންސީ ފްލިކް އަށް މަރުހަބާ ކިއުމުގެ ކުރިން އޭނާ ބުނީ ޓީމަށް އުފާވެރި މުސްތަގުބަލަކަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ޖަރުމަނުގެ ކޯޗެއްގެ ހައިސިއްޔަތުން މިއަދު އޭނާ ދިން އެން ފަހު އިންޓަވިއުގައި ލޯ ބުނީ ޓީމުން ރިޓަޔާ ކުރި މެޒަޓް އޮޒިލް އާއި ޖެހިފައިވާ މައްސަލަތައް ހައްލު ކުރަން ބޭނުންވާ ކަމަށެވެ. އަދި އޮޒިލް އާއި ރަނގަޅު ގުޅުމެއް އަލުން ބާއްވަން ބޭނުންވާކަން ވެސް 61 އަހަރުގެ ލޯ ވަނީ ބުނެފަ އެވެ. އޮޒިލް ރިޓަޔާ ކުރުމުގެ ކުރިން ލޯ އާއި މަޝްވަރާ ނުކުރުމުން ހިތްހަމަ ނުޖެހުނު ކަމަށާއި ނަމަވެސް އުންމީދަކީ އޮޒިލް އާއި ބައްދަލުވެ ގާތް ގުޅުމެއް އުފެއްދުން ކަމަށް އޭނާ ބުންޏެވެ.
އޮޒިލް ގައުމީ ޓީމުން ރިޓަޔާ ކުރީ ނަސްލީ ތަފާތު ކުރުމާއި އިހްތިރާމު ނުކުރުމުގެ މައްސަލަ ތަކެއް ޖަރުމަނު ފުޓްބޯލް އެސޯސިއޭޝަންގައި ހުރި ކަމަށް ބުނެ އެވެ. ސީދާ ލޯ އާއި އެކަމުގެ މަޝްވަރާތައް ނުކުރުމުން އެ ދެމީހުންގެ މެދުގައި ވަނީ މައްސަލަ ތަކެއް އުފެދިފަ އެވެ. ނަމަވެސް ކެރިއާ ނިންމާލުމުގެ ކުރިން އެހުރިހާ ކަމެއް ރަނގަޅު ކުރަން ބޭނުންވާ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ލޯ ވަނީ ބުނެފަ އެވެ.