އެމެރިކާއާ ޗައިނާއާ ދެމެދު އޮންނަނީ ބިނާ ކުރަނިވި ވާދަވެރި ކަމެއް ނޫން ކަމަށާއި އެކަމުން މަގުފަހި ކުރުވަނީ ފަނާ ކުރުމަށް ކަމަށް ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެ އެވެ. އިމްރާން ވިދާޅުވީ އެ ދެ ގައުމުގެ ދެމެދުގައި އޮންނަ ވާދަވެރި ކަމުގައި ޕާކިސްތާނުން ވަކިކޮޅަކަށް ބުރަ ނުވަނީ ކީއްވެތޯ ސުވާލު ކުރާނެ ކަމެއް ނެތް ކަމަށާއި ޕާކިސްތާނަށް އެންމެ ރަނގަޅު ގޮތަކީ ދެ ގައުމާއެކު ވެސް ގާތް ގުޅުމެއް ދެމެހެއްޓުން ކަމަށެވެ.
ހުޅަނގުގެ މީޑިއާތަކުން ދޭތެރެ ދޭތެރެއިން އިމްރާން ހާނަށް ބަހުގެ ހަމަލާތައް ދެ އެވެ. އެއީ ޗައިނާގެ ސިޔާސަތަށް ފާޑު ކިޔުމުގައި ހުޅަނގުގެ ގައުމުތަކާ ބައިވެރިވެ ވަޑައިނުގަންނަވާތީ އެވެ. އަނެއްކޮޅުން ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި ދިއިރުޅޭ އުއިގޫރު މުސްލިމުންނާ މެދު އެ ގައުން ގެންގުޅޭ ސިޔާސަތަށް ޕާކިސްތާނުން ދެކޮޅު ނުހަދާތީ އެވެ.
އިމްރާން ހާން ވިދާޅުވި ގޮތުން އެމެރިކާއާ ހުޅަނގުގެ ބައެއް އެހެން ގައުމުތަކުން ޕާކިސްތާނަށް ޕްރެޝަރުކުރާ ކަމަށާއި ހުރިހާ ވެސް މައްސަލައަކީ ޗައިނާއާއެކު އޮންނަ ގާތް ގުޅުން ކަމަށެވެ. އިމްރާން ވިދާޅުވީ ޗައިނާއާ ޕާކިސްތާނާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ދެވަނަ ވިސްނުމަކަށް ވަޑައި ނުގަންނަވާނެ ކަމަށެވެ.
ޗައިނާގެ ގްލޯބަލް ޓެލެވިޒަން ނެޓްވޯކް (ސީޖީޓީއެން) އަށް ދެއްވި އިންޓަވިއުއެއްގައި އިމްރާން ވިދާޅުވީ އިންޑިއާ-ޕާކިސްތާން ސަރަހައްދުގައި ވެސް އެމެރިކާއިން ފިތުނަ އުފައްދައިފި ކަމަށާއި "ކުއަޑް" ނަމަކަށް ކިޔާ ކުޑަ ޖަމާއަތެއް އުފައްދައިގެން ވެސް ކުރާ މަސައްކަތަކީ ޗައިނާއާ ވާދަކުރުން ކަމަށެވެ.
ކުއަޑް އަކީ ނޭޓޯ ކަހަލަ އެކަމަކު ވަރަށް ކުޑަކުޑަ ޖަމާއަތެކެވެ. ހިމެނެނީ އެންމެ ހަތަރު ގައުމެވެ. އެއީ އެމެރިކާ އާއި އޮސްޓްރޭލިއާ، ޖަޕާން އަދި އިންޑިއާ އެވެ. އެ ޖަމާއަތުން ކުރާ މަސައްކަތަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާއަށް ހުރަސްއަޅައި ބާރު ދަށްކުރުވުމެވެ.
އިމްރާން ވިދާޅުވީ އުފަލާއި ހިތާމައިގައި ވެސް ޕާކިސްތާނާއެކު ޗައިނާ އޮންނަ ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތީ ނަމޫނާ އެކުވެރި ކަމެއް ކަމަށެވެ. ބޮޑުވަޒީރު އިމްރާން ވިދާޅުވީ އޭޝިއާ ސަރަހައްދުގައި އެމެރިކާއިން ފިތުނަ އުފެއްދުމުގެ ބަދަލުގައި ގުޅިގެން ތަރައްގީއަށް ބާރު އަޅާނެ ނަމައޭ ހިތްޕުޅަށް އަރާ ވަޑައިގަންނަވާ ކަމަށެވެ.