ރާއްޖެ ކުޅިވަރު

ޕޮލިސް ފައިނަލަށް

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ޕޮލިސް ކުލަބު ދަތުރުކޮށްފި އެވެ.

މާދަމާ ރޭ ކުޅޭ ފައިނަލް މެޗުން ޕޮލިސް ޖާގަ ހޯދީ އިހަންވަންދޫ ޕޯލްސްޓާއާ ވާދަކޮށް 3-1ސެޓުން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓް ޕޮލިސް ގެންދިޔައީ 21-25، 20-25 އިންނެވެ. ތިން ވަނަ ސެޓް އިހަވަންދޫ ކާމިޔާބުކުރީ 26-24 އިންނެވެ. ނަމަވެސް ޕޮލިސް ތިން ވަނަ ސެޓެއް ހޯދައި މެޗު ނިންމީ ޖެހިގެން އައި ސެޓް 16-25އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ ހައްވާ ރާޝިދާ އެވެ.

މުބާރާތުގެ ފައިނަލް ކުޅޭނެ ދެ ވަނަ ޓީމެއް ޔަގީންވާނީ މިރޭ ކުޅޭ ސެމީގެ ފަހު މެޗަށް ފަހު އެވެ. މި މެޗުގައި އިހަވަންދުއާ ވާދަކުރާނީ ސެމީގެ ދެ ވަނަ މެޗު ކާމިޔާބު ކުރި ދިއްދޫ ޓީނޭޖް ބޯއީސް އެވެ. އެ ޓީމު މެޗު ކާމިޔާބު ކުރީ ފޮނަދޫ ޒުވާނުންގެ ރީހާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ސެޓްތައް ދިއްދޫން ގެންދިޔައީ 24-26، 17-25، އަދި 19-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދިއްދޫ ޓީމުގެ ހަނާ ޖެރަބެވެ.
މި މުބާރާތުގެ ސެމީ ފައިނަލަށް ހޮވުނީ ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދި ހަތަރު ޓީމެވެ.