ދުނިޔެ

"އަބްރަހަމް އެކޯޑް" ކިޔަން އެމެރިކާ ޖެހިލުންވޭ: ޔޫއޭއީ

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފޮރިން މިނިސްޓަރު، އަބްުދުﷲ ބިން ޒައިދު އައްނަހްޔާން ވިދާޅުވި ގޮތުން އެމެރިކާ އިސްނަގައިގެން އަރަބި ގައުމުތަކާ އިޒްރޭލާ ގުޅުވަން ހިންގާ ނޯމަލައިޒޭޝަން ޕްރޮގްރާމަށް "އަބްރަހަމް އެކޯޑް" ގެ ނަމުން ނަން ކިޔާތީ ބައިޑަން ސަރުކާރުން ކަންބޮޑުވެ އެެވެ.

އެމެރިކާގެ މީޑިއާތަކުން ވެސް ވަނީ މި މޭރުމުން ވާހަކަދައްކައި އެއީ "އަބްރަހަމް އެކޯޑޭ" ކިޔާވަރުގެ މަޝްރޫއެއް ނޫން ކަމަށް ބުނެފަ އެވެ.

އަބްރަހަމް އެކޯޑްގެ ނަމުގައި އަރަބި، އިޒްރޭލު ސިޔާސަތެއް ފެށީ އެމެރިކާގެ ކުރީގެ ރައިސް ޑޮނަލްޑް ޓްރަމްޕެވެ. އެއިރު އެ ނަމަކީ މަގުސަދުގެ ގޮތުން އެންމެ ރަނގަޅު ނަމަކަށް އޮތީ ވެފަ އެވެ.

ނަހްޔާން ވިދާޅުވީ އެމެރިކާގެ ސިޔާސަތައް އައި ކުއްލި ބަދަލާ މެދު ކަނބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އަރަބި އެކުވެރި ގުޅުމަކީ އިޒްރޭލަށް ވެސް މުހިންމު ގުޅުމެއް ކަމަށެވެ. އިޒްރޭލަށް މުހިންމުވާ ފަދައިން އެމެރިކާއަށް ވެސް މުހިންމު ކަމަށް ވަޒީރު ވިދާޅުވި އެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުން އަބްރަހަމް އެކޯޑްގެ ނަމުގައި އަރަބި، އިޒްރޭލް މަޝްރޫއަށް އިޝާރާތް ނުކުރުމަށް ސްޓޭޓް ޑިޕާޓްމަންޓުން އޮތީ އޮފިޝަލުންނަށް އަންގާފަ އެވެ. އެހެން ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންތަނީ ބްލިންކެން މި ލަފުޒުތައް ބޭނުން ކުރައްވާތީ ވަނީ އިވިފަ އެވެ.

ނަހްޔާން ވިދާޅުވީ މެދުއިރުމަތިގެ އަރަބި ގައުމުތަކުން އިޒްރޭލާއެކު ބާއްވާ ގުޅުމުގެ ވާހަކަ ދައްކާއިރު ފަލަސްތީންގެ ހާލަތަށް ވެސް ސުރުހީ އަޅަންޖެހޭ ކަމަށެވެ. ގާޒާ އަލުން ބިނާ ކުރުމާއި ގުދުސްގައި ހިންގާ ހަމަނުޖެހުންތަކަށް ވެސް އިޝާރާތް ކުރެވެން ޖެހޭ ކަމަށެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ އިޒްރޭލާ ގުޅުން ބަދަހި ކުރުމުގެ ޕްރޮގޮރާމްގެ ދަށުން އިޒްރޭލުގެ ކޮންސިއުލާ އޭޖެންސީއެއް ވަނީ ދުބާއީގައި ހުޅުވާފަ އެވެ. އަދި އިޒްރޭލުގެ އެމްބަސީއެއް ވަނީ އަބުދާބީގައި ވެސް ހުޅުވާފަ އެވެ.