ލައިފްސްޓައިލް

މަސްނޫއީ ހިތެއް ހިފައިގެން 555 ދުވަހު އުޅުު މީހެއް!

މި މީހާ މަރު ނުވެ ސަލާމަތުން ހުރުމަކީ ޑޮކްޓަރީ ބޭސް ފަރުވާގެ ރޮނގުން ބަލާއިރު ވެސް "މުއުޖިޒާތަކަށް" ވުރެ ކުޑަ ކަމެއް ނޫނެވެ. އަދި މިއީ މެޑިކަލް އެކްސްޕާޓުންނަށް ވެސް ޚިދުމަތުގައި ކުރިޔަށް ދިއުމަށް ހިތްވަރަކަށްވާ މީހެކެވެ. އާދައިގެ މީހަކަށް މި މީހާގެ ވާހަކަ އަޑު އިވުމުން ވެސް ގައިން ހީބިހި ނަގާހާ ބިރުގަތުން އެކަށީގެންވެ އެވެ. އަދި މިއީ ގަބޫލު ކުރަން ވެސް އިންތިހާއަށް ދަތި ވާނެ ވާހަކަ އެކެވެ.

ސްޓެން ލާކިންގެ ހަޔާތުގެ ތަޖުރިބާތަކުގެ ވާހަކައަކީ އަހަރެމެން ކަހަލަ އާދައިގެ އިންސާނުންގެ ވާހަކަޔާ ހާސް ބައި ތަފާތު ވާހަކަ އެކެވެ.

ލާކިން އޭނާގެ އަސްލު ހިތާ ނުލާ އަހަރަކަށް ވުރެ ގިނަ ދުވަހު ވަނީ ދިރިއުޅެފަ އެވެ. އަދި އެވެސް އާދައިގެ އިންސާނެއްގެ ދިރިއުޅުމެވެ. އެކުވެރިންނާއެކު އޭނާ ބޭރަށް ގޮސް ވަގުތު ހޭދަކުރެ އެވެ. އަދި މާ ވަރުބަލި ނުވާ ކަހަލަ ކުޅިވަރުތައް ވެސް ކުޅެ އުޅެ އެވެ.

ލާކިން އަށް އޭނާގެ "އާ ހިތް" ލިބުނީ 2016 ގައެވެ. އޭރު އޭނާގެ އުމުރުން 25 އަހަރެވެ. އޭގެ ކުރިން އޭނާ ހިތެއް ހަދިޔާކުރާނެ މީހެއްގެ އިންތިޒާރުގައި ހުރިއިރު އުޅުނީ ސިންކްއާކޭޑިއާ ޑިވައިސް އެއް ހިފައިގެންނެވެ.

މި ޑިވައިސް މަސައްކަތްކުރަނީ މަސްނޫއީ ހިތެއް މަސައްކަތްކުރާ ގޮތަށެވެ. މި ޑިވައިސް އޭނާގެ ބުރަކަށީގައި ބަނދެގެން ލާކިން 555 ދުވަހު އުޅެފައިވާ ކަމަށް ސައިންސް ޑެއިލީގައިވާ ރިޕޯޓެއްގައި ބުނެފައި ވެއެވެ.

އޭނާގެ އަސްލު ހިތުގެ ދެ ފަރާތް ވެސް ފެއިލްވެ ހިތުގެ މަސައްކަތް ހުއްޓުމުން އާންމުކޮށް ހާޓް ފެއިލްވާ މީހުން ބޭނުންކުރާ ހާޓް-ސަޕޯޓިން ޑިވައިސް އަކުން އޭނާއަކަށް ނުފުދުނެވެ. ވަގުތީ ހިތެއް އޭނާއަށް ބޭނުންވީ އެހެންވެ އެވެ.

އެހެން ނަމަވެސް ހިތް ހަދިޔާކުރާނެ މީހެއް ވޭތޯ އިންތިޒާރުކުރަން ހޮސްޕިޓަލުގައި އޮންނާކަށް ވެސް ލާކިން ބޭނުމެއް ނުވި އެވެ. އެހެންވެ 13.5 ޕައުންޑުގެ ބަރުދަން ހުރި ފްރީޑަމް ޕޯޓެބަލް ޑްރައިވާއަކުން އޭނާގެ ހިތް ހިނގާ ގޮތް ހަދައިގެން އޭތި ގައިގައި ބަނދެގެން މިހާ ގިނަ ދުވަހު އުޅުނީ އެވެ.

ޔުނިވަސިޓީ އޮފް މިޗިގަންގެ ފްރެންކަލް ކާޑިއޮވެސްކިއުލާ ސެންޓަރުން 2016 ގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ލާކިން ބުނީ އޭނާއަށް ލިބުނު މަސްނޫއީ ހިތާއެކު އާދައިގެ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އޭނާއަށް ފަހިވެފައިވާ ކަމަށެވެ. އަދި ސިއްހަތު ރަނގަޅު އެހެން މީހުންނެކޭ އެއްކަހަލަ އިހްސާސްތަކެއް އޭނާއަށް ވުރެ ކުރެވޭ ކަމަށެވެ.

ހިތުގެ މައްސަލަތަކަކީ ލާކިން އަށް އާއިލީ ގޮތުން ވާރުތަ ވެފައިވާ ކަމެކެވެ. އެ އާއިލާގެ ވަރަށް ގިނަ މީހުންނަކީ ހިތުގެ ތަފާސް މައްސަލަތައް ތަހައްމަލުކުރަމުންދާ ބައެކެވެ. ލާކިންގެ ބޭބެ ޑޮމިނިކް އަކީ ވެސް ލާކިން ގޮތަށް ކާޑިއޯމަޔޯޕަތީ ހުންނަ މީހެކެވެ. މި ބަލި ޖެހުމުން ހިތުގެ މަސްތަކުގައި ހަށިގަނޑުގެ އެހެން ބައިތަކަށް ލޭ ފޮނުވައިދިނުމުގެ ބާރެއް ނުހުރެ އެވެ. އެހެންވެ ހާޓް ފެއިލްވާން މެދުވެރިވެ އެވެ.

ޑޮމިނިކް އާއި ލާކިން އަށް ފަރުވާކުރާ ޑޮކްޓަރުން ބުނި ގޮތުގައި ހޮސްޕިޓަލުގައި އައިސީޔޫ އިން ފުރަތަމަ ފަހަރަށް އެ ދެބެންނާ ބައްދަލުވިއިރު އެ ދެބެން ވަރަށް ވަރަށް ބައްޔެވެ. ފުރަތަމަ އެމީހުން ވިސްނީ ދެބެންގެ ވެސް ހާޓް ޓްރާންސްޕްލާންޓް ކުރާށެވެ. ނަމަވެސް ހިތް ހަދިޔާކުރާނެ މީހެއް ލިބިގެން ހިތް ޓްރާންސްޕްލާންޓް ކުރެވެންދެން އެ ދެބެންނަށް މަޑުކުރެވޭކަށް ނެތެވެ. އެހެންވެ އެމީހުންނަށް މަސްނޫއީ ހިތެއް މުހިއްމު ވީއެވެ.