ވަގަށް ނަގައި މަރާލި، އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލާގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ރީއެނެކްޓްމެންޓް ވީޑިއޯއެއް އެ ކޮމިޝަނުން ދޫކޮށްލައިފި އެވެ.
ރިޔާސީ އެ ކޮމިޝަނުން މިއަދު ވަނީ ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ވީޑިއޯ އެންމެނަށް ފެންނަ ގޮތަށް އާއްމުވެސް ކޮށްފަ އެވެ. އެވީޑިއޯ އަކީ ރިލްވާން ކާރަކަށް އެރުވި ވަގުތު ކަން ހިނގި ގޮތް ކަމަށް ލަފާކުރެވޭ ކަންކަމާއި ކުރިންވެސް އާންމުކޮށްފައިވާ ހަގީގީ މަންޒަރުތައް ހިމެނޭ ވީޑިއޯއެކެވެ.
އެވީޑިއޯގައި ރިލްވާން ގެއްލުނު ރޭ މާލޭ ތެރޭގައި ހަރަކާތްތެރިވި މަންޒަރުގެ ސީސީޓީވީ ފުޓޭޖު ބައިތައް ދައްކަ އެވެ. އޭނާ އެރޭ ބައިބަލާ މެޗް ބަލަން ދިޔަ ތަނާއި މެޗް ނިމުމުން ހުޅުމާލޭ ފެރީ ޓާމިނަލްއަށް ދިޔަ މަންޒަރު ވެސް ދައްކަ އެވެ. އޭނާގެ ފަހަގުން ފާރަލަމުން ދިޔަ މީހުންގެ މަންޒަރު ވެސް ވީޑިޔޯގައި ދައްކަ އެވެ.
ވީޑިއޯގައި ބުނެފައި ވަނީ ރިލްވާނަށް ގެއަށް ދެވޭނެ ކަމަށް ލަފާ ކުރެވެނީ އޭނާ ގެއްލުނު ރޭ 1:45 ކަންހާއިރު ކަމަށެވެ. އޭރު އޭނާގެ ފްލެޓް ކައިރީގައި ރަތް ކާރެއް މަޑުކޮށްފައި އޮންނަ ކަމަށް ވީޑިއޯގައި ބުނެ އެވެ. ފްލެޓް ކައިރިއަށް ރިލްވާނަށް ދެވުމާއިއެކު ގަދަކަމުން އޭނާ ކާރަށް އަރުވާކަން ސިފަކޮށް މަންޒަރު ވީޑިއޯ އިން ދައްކައެވެ. ކާރަށް އޭނާ އެރުވި ވަގުތު އެކަން ކުރި މީހުންގެ އަތުން ވަޅިއެއް ވެއްޓުނު މަންޒަރު ސިފަކޮށްދޭ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.
ކޮމިޝަނުން ވީޑިއޯގައި ބުނެފައި ވަނީ ރިލްވާން ގެއްލުނު ރޭގައި އެ މަންޒަރު ފެނުނު ނުވަތަ އެ ކަމުގެ މައުލޫމާތު ދެވޭނެ މީހުން މުޖްތަމައުގެ ތެރޭގައި އަިދވެސް އުޅޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.